ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓްގެ އަމަލީ މަސައްކަތްނިމި އެ އެއާޕޯޓް ބޭނުން ކުރަން ފެށޭއިރު، އެ ސަރަހައްދުގައި ލޯކަލް ޓުއަރިޒަމް ފުޅާވެފައި އޮތުމަކީ ވަރަށް މުހިންމު ކަމެއްކަމުގައި ފަތުރުވެރިކަމާއި ތިމާވެއްޓާބެހޭ ވަޒީރު ތޯރިގު އިބްރާޙިމް ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ ހއ.އަތޮޅަށް ބީއެމްއެލް ގެސްޓްހައުސް ފައިނޭންސިންގް ތައާރަފްކުރުމަށް މިއަދު ހއ. ފިއްލަދޫގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

Ad
rt

ހަނިމާދޫ އެއާޕޯޓްގެ މަސައްކަތްތައް ނިމިގެންދާއިރު، އެ ސަރަހައްދުގައި އެކަށީގެންވާ އަދަދަކަށް ފަތުރުވެރިކަމުގެ އެނދު ހުރުން މުހިއްމުކަން ފާހަގަ ކުރައްވަމުން ވަޒީރު ވިދާޅުވީ ބީއެމްއެލް އިން ތައާރަފްކުރި ލޯނުގެ އެހީގައި ހއ. އަތޮޅަށް ލޯކަލް ޓޫރިޒަމް ފުޅާވެގެން ދިޔުމަށް ބޮޑު އެހީތެރިކަމެއް ލިބިގެންދާނެ ކަމަށެވެ.

"ހަނިމާދޫ އެއާޕޯޓާއިއެކު ހއ. ހދ. އަދި ށ. އަތޮޅުގައި ރިސޯޓުތަކުގެ އިތުރުން ލޯކަލް ޓޫރިޒަމްވެސް ފުޅާވެގެންދާން ޖެހޭ، އެއީ އެ އެއާޕޯޓް ވައިބަލް ކުރަން އިތުރު ފަތުރުވެރިކަމުގެ އެނދު ބޭނުންވާތީ،" ވަޒީރު ވިދާޅުވިއެވެ.

މުޅި ރާއްޖެއަށް ބޭންކު އޮފް މޯލްޑިވްސްގެ ގެސްޓްހައުސް ފައިނޭންސް ސްކީމް ތައާރަފްކޮށްފައިވާކަން ފާހަގަ ކުރައްވައި ވަޒީރު ވިދާޅުވީ މި ސަރުކާރުން ގެންދަވަނީ ލޯކަލް ޓްއަރިޒަމް ކުރިއަރުވަން ގިނަ މަސައްކަތްތަކެއް ކުރައްވަމުން ކަމަށެވެ. އެ ފުރުސަތުގެ ބޭނުން އެކަށީގެންވާ ގޮތުގައި ހިފައި ވިޔަފާރިތަށް ފުޅާކުރުމަށް ވަޒީރުވަނީ އެދިލައްވާފައެވެ.