ރަޝިޔާއާގެ އޮފިޝަލުންނާއެކު ބޭއްވި މަޝްވަރާތަކަށްފަހު، ޔޫކްރެއިންގެ އޮފިޝަލުންނާ ވެސް އެމެރިކާގެ ވަފުދުން ރިޔާޒުގައި ބައްދަލުކުރަން ނިންމައިފިއެވެ.
ޔޫކްރެއިން އާއި ރަޝިޔާ ދެމެދު ހިނގަމުންދާ ހަނގުރާމަ ހުއްޓުވުމަށްޓަކައި އެމެރިކާގެ އިސް އޮފިޝަލުން ރަޝިޔާގެ ވަފުދަކާއެކު މަޝްވަރާތަކެއް އާދިއްތަ ދުވަހު ސައޫދީގެ ވެރިރަށް ރިޔާޒުގައި ވަނީ ކޮށްފައެވެ.
އޭއެފްޕީ ނިއުސް އޭޖެންސީން ރިޕޯޓްކޮށްފައިވާ ގޮތުގައި ސައުދީ އަރަބިއާގެ ވެރިރަށް ރިޔާދުގައި ބޭއްވުނު އެމެރިކާ-ރަޝިޔާ މަޝްވަރާތަކުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާފައިވަނީ ކަޅު ކަނޑުގެ ސަރަޙައްދުގައި ހިނގަމުންދާ ހަމަލާތައް ހުއްޓުވުމަށެވެ. މިކަމުގެ ސަބަބުން ތިން އަހަރު ވެފައިވާ ރަޝިޔާ-ޔޫކްރެއިން ހަނގުރާމަ ނިމުމަކަށް ގެނައުމަށް މަގުފަހިވެގެންދާނެ ކަމަށް ބެލެވެއެވެ.
ޔޫކްރެއިންގެ ދިފާޢީ ވަޒީރު ރުސްތަމް އުމެރޮވް ވިދާޅުވި ގޮތުގައި އެމެރިކާގެ އޮފިޝަލުން އާދީއްތަ ދުވަހު ވެސް ޔޫކްރެއިންގެ ވަފުދާ ބައްދަލުކޮށް، އާންމު ރައްޔިތުންނާއި ހަކަތައިގެ ވަސީލަތްތައް ހިމާޔަތްކުރުމާ ގުޅޭގޮތުން މަޝްވަރާކުރިއެވެ. އޭނާ މި މަޝްވަރާތައް ސިފަކުރެއްވީ "އުފެއްދުންތެރި" މަޝްވަރާތަކެއްގެ ގޮތުގައެވެ. އޭނާ އިތުރަށް ވިދާޅުވީ އެ މަޝްވަރާތައް އަދި ނުނިމޭ ކަމަށާއި، ކުރިއަށްއޮތް ދުވަސްތަކުގައި އެމެރިކާގެ އޮފިޝަލުންނާއެކު ބިނާކުރުވަނިވި ވާހަކަތަކެއް ދެއްކޭނެކަމަށެވެ.
ކީވްގައި ހުރި އަލްޖަޒީރާގެ ނޫސްވެރިޔާ އަސަދް ބައިގް ބުނި ގޮތުގައި ޔޫކްރެއިންގެ ބަނދަރުތަކަށް ދެމުންދާ ހަމަލާތައް ހުއްޓުވުމަށް ރަޝިޔާ އެއްބަސްވުމަކީ ޔޫކްރެއިންގެ އެދުމެކެވެ. ޚާއްޞަކޮށް އޮޑެސާ، ކާސަން އަދި މިކޮލައިވް ފަދަ ބަނދަރުތަކަށް އަމާޒުކޮށް ދެމުންދާ ހަމަލާތައް ހުއްޓުވުމަކީ ޔޫކްރެއިންގެ ބޮޑު ކަންބޮޑުވުމެކެވެ.
ޔޫކްރެއިންގެ ބަނދަރުތައް މެދުކެނޑުމެއްނެތި ހިންގުމަކީ އެ ޤައުމުގެ ބޮޑު އެދުމަކަށްވާތީ، ފުރަތަމަ ކަމެއްގެ ގޮތުން ވައިގެ އަދި ކަނޑުގެ ހަނގުރާމަ ހުއްޓާލުމަށް ހުށަހަޅާފައިވާ ކަމަށް ބައިގް ބުންޏެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!