ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) އިން ކ. ތުލުސްދޫގައި އަލަށް ޤާއިމްކުރަން ނިންމާފައިވާ އިންޖީނުގެއާއި ކަސްޓަމަރ ސަރވިސް ބިލްޑިންގ އަދި އިންޖީނުގޭގެ ވަށާފާރު އިމާރާތްކުރުމުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފިއެވެ.

މިކަމަށް ސްޓެލްކޯ ހެޑްއޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި މި މަސައްކަތް 11،954،501 ރުފިޔާއަށް ހަވާލުކޮށްފައިވަނީ ސަން ވިލް ޕްރައިވެޓް ލިމިޓެޑާއެވެ.

Ad
rt

މި އެއްބަސްވުމުގައި ސްޓެލްކޯގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ ހުސައިން ފަހުމީ އެވެ. އަދި މަސައްކަތާ ހަވާލުވި ސަންވިލް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަބްދުﷲ ރާފިއު އެވެ.

މި މަސައްކަތް ނިންމަން ދީފައި ވަނީ 175 ދުވަހެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ސްޓެލްކޯގެ އެމްޑީ ފަހުމީ ވިދާޅުވީ ތުލުސްދޫއަކީ ސްޓެލްކޯއަށް ވަރަށް މުހިއްމު ރަށެއް ކަމަށެވެ. އަދި މީހުން ދިރިއުޅޭ ސަރަޙައްދުން ދުރަށް ޕަވަރހައުސްތައް އެޅުމުގެ ރައީސުލްޖުމްހޫރިއްޔާގެ ސިޔާސަތުގެ ދަށުން ތުލުސްދޫ ޕަވަރހައުސް މި މަސައްކަތުގެ ދަށުން އަލަށް ހިއްކި ސަރަޙައްދަށް ބަދަލުކުރެވޭ ކަމަށް ވިދާޅުވިއެވެ.