ޤައުމީ ބޭންކް، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ހއ. އަތޮޅަށް ޚާއްޞަކޮށްގެން ގެސްޓު ހައުސް ފައިނޭންސިންގ ސްކީމެއް މިއަދު ތަޢާރަފްކޮށްފިއެވެ.
މި ސްކީމް ތަޢާރަފްކޮށްފައިވަނީ ހއ. ފިއްލަދޫގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ.
މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ބީއެމްއެލްގެ ސީއީއޯ މުޙައްމަދު ޝަރީފް ވިދާޅުވި ގޮތުގައި މި ފައިނޭންސިންގ ސްކީމަކީ ގެސްޓުހައުސް ވިޔަފާރި އަލަށް ފަށަން ބޭނުންވާ ފަރާތްތަކާއި މިހާރު ގެސްޓުހައުސް ވިޔަފާރި ކުރަމުންދާ ފަރާތްތަކަށްވެސް ހުޅުވާލެވިފައިވާ ސްކީމެކެވެ. އަދި މި ލޯނު ސްކީމްގައި އެއްވެސް އިތުރު ސެކިއުރިޓީއެއް ބޭނުންނުވާނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. އޭގެ މާނައަކީ ގެސްޓުހައުސް އަޅަން އިތުރު ސެކިއުރިޓީއެއް ބޭނުމެއް ނުވާނެ ކަމަށާއި، ގެސްޓުހައުސް މޯގޭޖްކޮށްގެން އެ ފައިސާ ލިބޭނެކަން ކަމަށް ޝަރީފް ވިދާޅުވިއެވެ.
މި އައު ފައިނޭންސިންގ ސްކީމާ ގުޅޭ މަޢުލޫމާތު ހއ. އަތޮޅުގެ ރައްޔިތުންނަށް ފޯރުކޮށްދިނުމަށްޓަކައި ބޭންކުގެ ފަރާތުން ޓީމުތަކެއް އެ އަތޮޅުގެ ރަށްރަށަށް ޒިޔާރަތްކުރާނެ ކަމަށްވެސް ޝަރީފް ހާމަކުރެއްވިއެވެ.
މި ފައިނޭންސިންގ ސްކީމް ތަޢާރަފްކުރުމަކީ ހއ. އަތޮޅުގެ ފަތުރުވެރިކަމުގެ ދާއިރާއަށް އިތުރު ކުރިއެރުމެއް ލިބި، އެ އަތޮޅުގެ އިޤްތިޞާދީ ތަރައްޤީއަށް މަގުފަހިވެގެންދާނެ ކަމެއް ކަމަށް ބެލެވެއެވެ.
ބީއެމްއެލުން މިއަދު ވަނީ ހއ. އަތޮޅުގެ 7 ރަށެއްގައި ރުފިޔާ އޭޓީއެމްގެ ޚިދުމަތް ވެސް ފަށާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!