ށ މިލަންދޫ އިސްލާމީ މަރުކަޒު އިމާރާތް ކުރުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްފިއެވެ.

އިސްލާމީ މަރުކަޒުގައި އިއްޔެ ބޭއްވި ރަސްމިއްޔާތުގައި މަރުކަޒު ޤާއިމްކުރުމަށް އެއްބަސްވުމުގައި އިސްލާމިކް މިނިސްޓްރީގެ ފަރާތުން، އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ސޮއި ކުރައްވާފައިވާއިރު އެމްޓީސީސީގެ ފަރާތުން ސޮއި ކުރެއްވީ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ އަހުމަދު ސައުދީއެވެ.

Ad
rt

މިލަންދޫ އިސްލާމީ މަރުކަޒުގެ މަސައްކަތުގެ އަގު އަދި މިނިސްޓްރީން ހާމަކޮށްފާ ނުވިނަމަވެސް، މި މަސައްކަތް ހަވާލުކުރާ ދުވަހުން ފެށިގެން 720 ދުވަހުގެ މުއްދަތެއްގެ ތެރޭގައި ނިންމުމަށް ހަމަޖެހިފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.

މަރުކަޒު ބިނާކުރުމުގައި ހިމެނޭ ކަންތައްތަކުގެ ތެރޭގައި އިސްކަންދޭނީ ނަމާދުކުރުމަށް ހާއްސަ ޖާގައެއް ބިނާކުރުމަށާއި އުނގެނުމަށް ހާއްސަ ޖާގަ ބިނާކުރުމުގެ މައްޗަށްކަމަށް ވެސް މައުލޫމާތު ލިބިފަވެއެވެ.

މި ރަސްމިއްޔާތުގައި މިނިސްޓަރު ޝަހީމް ވިދާޅުވީ، ރަށްރަށުގައި އިސްލާމީ މަރުކަޒުތައް ޤާއިމްކޮށްފައި ހުރިނަމަވެސް އޭގެ ބޭނުން އެންމެ ފުރިިހަމަ ގޮތުގައި ހިފައިފާ ނުވާ ކަމަށެވެ. އެހެންކަމުން މަރުކަޒުން ދެވޭ ހިދުމަތްތައް ފުރިހަމަ ކުރުމަށްޓާކައި ކުރަމުންދާ ބައެއް މަސައްކަތްތަކުގެ ތެރޭގައި ގދ. ތިނަދޫ އާއި ރ. އުނގޫފާރުގައި ރާއްޖޭގެ ޤައުމީ ޔުނިވާސިޓީގެ ކޯސްތައް ފަށައިފައިވާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މީގެ އިތުރުން މި އަހަރު ރާއްޖޭގައި ޤާއިމް ކުރެވެނު ހުރިހާ އިސްލާމީ މަރުކަޒެއްގައި ލައިބްރަރީތައް ޤާއިމްކުރުމަށް ފަށާނެކަމަށާއި ރާއްޖޭގައި އިސްލާމީ ލައިބްރަރީ މި އަހަރުގެ މެއި މަހު ސަލްމާން މިސްކިތުގައި ހުޅުވުމަށްޓަކައި ވާންޖެހޭ އެންމެ ފަހުގެ ތައްޔާރީތައް ވަމުންދާކަމަށްވެސް މިނިސްޓަރު ވިދާޅުވެފައިވެއެވެ.

ށ މިލަންދޫ އިސްލާމީ މަރުކަޒުގެ އިތުރުން ށ ފޯކައިދޫ ގައި ވެސް އިސްލާމީ މަރުކަޒު އެޅުމުގެ މަސައްކަތް އިސްލާމިކް މިނިސްޓްރީން މި މަހުގެ ތެރޭގައި ހަވާލުކޮށްފައިވެއެވެ. ދެ އަހަރާއި ފަސްމަސް ދުވަހުގެ މުއްދަތެއްގެ ތެރޭގައި ނިންމުމަށް ހަމަޖެހިފައިވާ މި މަޝްރޫޢުއަކީ 25 މިލިއަން ރުފިޔާގެ މަސައްކަތެކެެވެ. މި މަސައްކަތް ހަވާލުކޮށްފައިވަނީ ފެނަކަ ކޯޕަރޭޝަނާއެވެ.