މޯލްޑިވްސް ހައްޖު ކޯޕަރޭޝަންގެ މި އަހަރުގެ ހައްޖު ކިއުގައި ތިބި އެންމެންނަށް މިއަހަރު ހައްޖަށް ދެވޭނެކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ރޭ ވިދާޅުވެއްޖެއެވެ.

ރައީސް އެ އުފާވެރި ޚަބަރުދެއްވީ މީސް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ.

Ad
rt

ޙައްޖު ކޯޕަރޭޝަންގެ ކިއުގައި 2025 ވަނަ އަހަރު ޙައްޖުގެ އަޅުކަން އަދާކުރަން ދިއުމަށް ތިބި އެންމެހައި ފަރާތްތަކަށް މިއަހަރު ޙައްޖަށް ދެވޭނެކަން ހާމަކުރަށްވައި ރައީސް ވަނީ މިއީ ޒަމާންތަކަކަށް ފަހު، އެ އަހަރެއްގައި ކިއުގައި ޖެހިފައިތިބި އެންމެންނަށް އެ އަހަރު ޙައްޖަށް ދެވޭ ފުރަތަމަ ފަހަރުކަން ފާހަގަކުރަށްވާފައެވެ.

''2025 ގައި ހައްޖަށް ދެވޭނެ ކަމަށް ކޯޕަރޭޝަންގެ ކިއުގައި ތިބި އެންމެހައި ފަރާތްތަކަށް މިއަހަރު ހައްޖަށް ދެވޭނެ. އިންޝާ ﷲ. އަދި މިއީ ޒަމާންތަކަކަށް ފަހު, އެއަހަރެއްގައި ކިއުގައި ޖެހިފައިތިބި އެންމެނަށް އެއަހަރު ހައްޖަށް ދެވޭ ފުރަތަމަ ފަހަރުކަން ފާހަގަކުރަން.'' ރައީސް ވިދާޅުވެފަވެއެވެ.

ޙައްޖު ކޯޕަރޭޝަނަށް ފައިސާ ދެއްކުމަށްފަހު، ފަރުޟު ޙައްޖު އަދާކުރުމަށް ދިގު އިންތިޒާރެއްގައި ތިބި ރައްޔިތުންނަށް، ޙައްލު ހޯދައިދިނުމުގެ ގޮތުން، ދިވެހިރާއްޖެއިން ޙައްޖަށް މީހުން ގެންދިޔުމާބެހޭ އުސޫލަށް ބަދަލު ގެނައުމަށް ވަޒީރުންގެ މަޖިލީހުގެ ލަފާފުޅާއެކު މިދިޔަ ޖެނުއަރީ މަހު ރައީސް ނިންމަވާފައިވާއިރު، މި ބަދަލުތަކުގެ ތެރޭގައި އަލަށް ޙައްޖުގެ އަޅުކަން އަދާކުރަން އެދޭ ފަރާތްތަކަށް އިސްކަންދިނުމަށާއި ޙައްޖުގެ އަޅުކަން އަދާކޮށްފައިނުވާ ފަރާތްތަކުގެ ތެރެއިން ޢުމުރުން 65 (ފަސްދޮޅަސް ފަހެއް) އަހަރުން ފެށިގެން މަތީގެ ފަރާތްތަކަށް ކޮންމެ އަހަރަކު ވަކި އިންސައްތައެއް ޚާއްޞަކުރުމަށާއި ޙައްޖުގެ އަޅުކަން އަދާކޮށްފައިނުވާ ޢުމުރުން 75 (ހަތްދިހަ ފަހެއް) އަހަރުން މަތީގެ ފަރާތްތަކުގެ ތެރެއިން ސިއްޙީ ޙާލަތަށް ބަލައި އެހީތެރިއަކު ގެންދަންޖެހޭ ފަރާތްތަކަށް އެހީތެރިއަކު ހަމަޖައްސަން ފުރުސަތު ދިނުން ހިމެނެއެވެ.

މީގެ ކުރިން ޙައްޖުގެ އަޅުކަން އަދާކޮށްފައިވާ ފަރާތަކަށް އިތުރު ފުރުސަތެއް ދެވޭނީ، އެންމެ ފަހުން ޙައްޖުގެ އަޅުކަން އަދާކުރިތާ ހިޖުރީ ސަނަތުން 05 (ފަހެއް) އަހަރު ވުމުންކަމަށްވެސް މި އުސޫލަށް ގެނައި ބަދަލުގައި ވަނީ ކަނޑައަޅާފައެވެ.

މީގެ އިތުރުން ޙައްޖު ކޯޕަރޭޝަނަށް ފައިސާދައްކައިގެން ޙައްޖު ކިއު ލިސްޓުން ޖާގަ ކަށަވަރު ވީނަމަވެސް ފަރުޟު ޙައްޖު އަދާކުރުމަށް ދިގު އިންތިޒާރެއްގައި ތިބި ރައްޔިތުންނަށް ޙައްލެއް ހޯދައިދިނުމުގެ ގޮތުން ރާއްޖެއަށް ލިބޭ ރަސްމީ ޙައްޖު ކޯޓާ އިތުރުކުރުމަށް ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ.

ރާއްޖެއަށް މިވަގުތު ދީފައިވާ ކޯޓާގެ އަދަދަކީ 1000 އެވެ.