ޑިވެލޮޕްމަންޓް ބޭންކް (ޑީބީއެމް) ގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ ނޮއެލް ގްރެގާ ޕެޓާސަން ޖޯންސް އެ މަގާމުތަކުން އިސްތިއުފާ ދެއްވައިފި އެވެ.

ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) ބުނީ، ޑިވެލޮޕްމަންޓް ބޭންކް އޮފް މޯލްޑިވްސް ލިމިޓެޑްގެ މެނޭޖިންގ ޑިރެކްޓަރު އަދި ޗީފް އެގްޒެކްޓިވް އޮފިސަރ ކަމުގެ މަޤާމުގައި ހުންނެވި މރ. ނޮއެލް ގްރެގަރ ޕެޓަރސަން-ޖޯންސް އިސްތިއުފާ ހުށަހަޅުއްވާފައިވާ ކަމަށެވެ.

Ad
rt

ޑިވެލޮޕްމެންޓް ބޭންކުގެ އެމްޑީ އަދި ސީއީއޯކަމުގެ މަގާމަށް ނޮއެލް ގްރެގަރ ޕެޓަރސަން-ޖޯންސް އައްޔަންކުރެއްވީ މިދިޔަ އަހަރުގެ އޮގަަސްޓް މަހުގެ 26 ވަނަ ދުވަހުއެވެ.

ރާއްޖޭގައި ފުރަތަމަ ފަހަރަށް ޑިވެލޮޕްމަންޓް ބޭންކެއް އިފްތިތާޙުކޮށްފައިވަނީ މިދިޔަ އަހަރުގެ ނޮވެންބަރު މަހުގެ 16 ވަނަ ދުވަހުއެވެ.

މި ބޭންކަކީ ސަރުކާރުގެ ސިޔާސަތުތަކާ އެއްގޮތްވާ ގޮތުގެ މަތީން، ދެމެހެއްޓެނިވި އިޤްތިޞާދީ އަދި އިޖުތިމާޢީ ތަރައްޤީއަށް އިންވެސްޓުކުރުމާއި، ޢުމްރާނީ ތަރައްޤީއަށް ބޭނުންވާ ފައިސާ ހޯދުމާއި، ސިންޑިކޭޝަން ފައިނޭންސް މެދުވެރިކޮށް ޕީ.އެސް.އައި.ޕީ މަޝްރޫޢުތަކަށް ފައިސާ ފޯރުކޮށްދިނުމުގައި ދިމާވާ ގޮންޖެހުންތައް ޙައްލުކުރުމާއި، ދިވެހިރާއްޖޭގެ ބޭންކިންގ ނިޒާމުގައި ބޭރު ފައިސާ ބެހެއްޓުމުގެ ޝައުޤުވެރިކަން އިތުރުކުރުމުގެ ބޭނުމުގައި އުފެއްދެވި ބޭންކެކެވެ.

ދިވެހިރާއްޖޭގައި ޑިވެލޮޕްމަންޓް ބޭންކެއް ހުޅުވުމަށް ބޭނުންވާ ބޭންކިންގ ލައިސަންސް، ޑިވެލޮޕްމަންޓް ބޭންކް އޮފް މޯލްޑިވްސް ލިމިޓެޑަށް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީއިން ދެއްވީ 13 އޮކްޓޫބަރު 2024 ގައެވެ.

ޑިވެލޮޕްމަންޓް ބޭންކް އޮފް މޯލްޑިވްސް ލިމިޓެޑްގެ ޗެއަރޕަރސަނަކީ ޒްނަސް އޮރިޖިނޭޝަން، ގަވަރނަންސް، ކްރެޑިޓް އެސެސްމަންޓް އަދި އަލަށް ވުޖޫދުވަމުން އަންނަ މާކެޓްތަކުގެ ރިސްކް މެނޭޖުކުރުމުގެ ދާއިރާއިން ޚާއްސަވެފައިވާ ބައިނަލްއަޤްވާމީ ފިނޭންޝަލް މާކެޓްގެ ފިނޭންޝަލް ސަރވިސް ތަޖުރިބާކާރެއްކަމަށްވާ އަރޫނީ ގޫނަތިލަކައެވެ.

އިސްތިއުފާދެއްވި ސީއީއޯ، ޕެޓަރސަން-ޖޯންސްއަކީ ޗީފް އިންވެސްޓްމެންޓް އޮފިސަރެއްގެ ހައިސިއްޔަތުން ސަޢޫދީ ޢަރަބިއްޔާގެ ނޭޝަނަލް އިންފްރާސްޓްރަކްޗަރ ފަންޑު ޤާއިމު ކުރުމުގައި މުހިންމު ދައުރެއް އަދާކުރައްވާފައިވާ ބޭފުޅެކެވެ.