ހދ. އަތޮޅުގައި އިތުރު ރިސޯޓްތައް ތަރައްގީ ކުރުމަށް އަންނަ މަހު ހުޅުވާލާނެކަމަށް ފަތުރުވެރިކަމާއި ތިމާވެށްޓާއި ބެހޭ ވަޒީރު ތޯރިގް އިބްރާހީމް ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ ރިސޯޓްތައް އެންމެ މަދުން ހުރި އަތޮޅުތަކަށް އަމާޒުކޮށްގެން އެ އަތޮޅުތަކުގައި އިތުރު ރިސޯޓްތައް ތަރައްގީ ކުރުމުގެ މަސައްކަތް ކުރަމުންދާކަމަށާއި އެގޮތުން ހދ. އަތޮޅާއި ތ. އަތޮޅުގައި އިތުރު ރިސޯޓްތައް ތަރައްގީ ކުރުމަށް އަންނަ މަހު ހުޅުވާލާނެ ކަމަށެވެ. މިވަގުތު ހދ. އަތޮޅުގައި ދެ ރިސޯޓް ހިންގަމުން އަންނައިރު ތ.އަތޮޅުގައި ހިންގަމުން އަންނަނީ އެންމެ ރިސޯޓެކެވެ.

Ad
rt

ވަޒީރު ވިދާޅުވީ އިންވެސްޓްމަންޓްތަކަށް ފަހި މާހައުލެއް އެތޮޅުތަކުގެ ތެރެއިން ހުޅުވިގެން ދިޔުމަކީ އިތުރު އިންވެސްޓަރުން އަންނާނެ ކަމެއްކަމަށެވެ. އަދި އެއަތޮޅުތަކުގައި އިތުރު ރިސޯޓްތައް ހެދިގެން ދިޔުމަކީ ފަތުރުވެރިކަމުގެ ފުރުސަތުތައް ފަހިވެ އިގްތިސާދީ ހަރަކާތްތައް އިތުރުވުމާއެކު ރައްޔިތުންނަށް ލިބޭ މަންފާ އިތުރު ވެގެން ދާނެކަމަށެވެ.

ވަޒީރުގެ ވާހަކައިގައި ވަނީ އަލަށް އިސްލާހު ގެނެވުނު ޓޫރިޒަމް ގާނޫނަށްވެސް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން ޓޫރިޒަމްގެ ގާނޫނަށް އަލަށް ގެނައި އިސްލާހު ވެގެންދާނީ ޓޫއަރިޒަމް ދާއިރާ ކުރިއަށް އޮތްތަނުގައި ފުޅާވެ ރާއްޖެ އަންނަ ފަތުރުވެރިން އިތުރު ކުރުމަށް އެޅޭ އިތުރުބާރަކައްކަމަށް ފަތުރުވެރިކަމާއި ތިމާވެށްޓާއި ބެހޭ ވަޒީރު ޠާރިޤް އިބްރާހީމް ވިދާޅުވިއެވެ.

ރާއްޖޭގެ ފަތުރުވެރިކަމަށް 53 އަހަރު ފާއިތުވީއިރު، ފަތުރުވެރިކަން ރާއްޖޭގެ ހުރިހާ އަތޮޅުތަކަށް އެންމެ އެދެވޭ މިންވަރަށް ފުޅާވެފައި ނުވާތީ، މިކަމަށް ހައްލުތަކެއް ހޯދުމަށް ސަރުކާރުން ދަނީ މަސައްކަތް ކުރައްވަމުންނެވެ. އެގޮތުން ކޮންމެ އަތޮޅަކަށް ވަކިން މާސްޓަރ ޕްލޭން ހަދައި އެ އަތޮޅެއްގައި ފަތުރުވެރިކަން ތަރައްޤީކުރުމަށް މާރކެޓިންގެ ޕްލޭނެއްވެސް އެކުލަވާލުވުމުގެ މަސައްކަތްވެސް ދަނީ ކުރައްވަމުންނެއެވެ.