ދެމެހެއްޓެނިވި މުސްތަޤްބަލަކަށް މާނަހުރި ފިޔަވަޅުތަކެއް އެޅުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ގޮވާލައްވައިފިއެވެ.
ރައީސް މިގޮތަށް ގޮވައިލެއްވީ މިއަދު ފާހަގަކުރެވުނު ދުނިޔޭގެ ފެނުގެ ދުވަހާ ގުޅިގެން މީސް މީޑިއާ މެދުވެރިކޮށް ފޮނުއްވި މެސެޖެއްގައެވެ.
ރައީސް މުޢިއްޒު ވިދާޅުވެފައިވާ ގޮތުގައި މިއަހިއަހަރުގެ ދުނިޔޭގެ ފެނުގެ ދުވަހުގެ ޝިޢާރު ކަމުގައިވާ "ގްލޭސިއާ ޕްރިވެންޝަން" އަކީ މޫސުމަށް އަންނަ ބަދަލުތަކާއި، ފެނުގެ ވަސީލަތްތަކުގެ މަދުކަމާއި، އަދި އިންސާނުންގެ ނާޒުކުކަމާ ދެމެދު އޮތް ގުޅުން ހަނދާންކޮށްދޭ މުހިންމު ޝިއާރެއް ކަމުގައެވެ.
"މިފަދަ ނާޒުކު ކަންތައްތަކަށް ރިޢާޔަތްކުރުމުގައި އަޅުގަނޑުމެންގެ އަޒުމަކީ ދެމެހެއްޓެނިވި ގޮތެއްގައިވާ އަޒުމެކެވެ. އެހެނީ ސާފު ފެން ދެމެހެއްޓެނިވި ގޮތެއްގައި ލިބޭނެ މަގު ފަހިކޮށްދިނުމަކީ އަޅުގަނޑުމެންގެ ޤައުމުގެ އެންމެ އިސް އަމާޒުތަކުގެ ތެރެއިން އެއް އަމާޒެވެ،" ރައީސް މުޢިއްޒު ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ ދެމެހެއްޓެނިވި މުސްތަޤުބަލެއް ބިނާކުރުމަށްޓަކައި މާނަހުރި ފިޔަވަޅުތަކެއް އެޅުމަށް ހުރިހާ ދިވެހިން ގަދައަޅައި މަސައްކަތް ކުރަންޖެހޭ ކަމަށެވެ.
ރައީސް މުޢިއްޒުގެ މި މެސެޖުގައި ވަނީ ހުރިހާ ދިވެހިންނަށާއި ބައިނަލްއަޤްވާމީ ބައިވެރިންނަށް ދުނިޔޭގެ ފެނުގެ ދުވަހުގެ ހޫނު މަރުޙަބާ ވެސް ދަންނަވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!