އުތުރުގެ އެއާޕޯޓްތައް ހިމެނޭހެން ރާއްޖޭގެ އެކި ސަރަހައްދުގައި ސަރުކާރުން ތަރައްގީކުރަން ނިންމާފައިވާ އެއާޕޯޓުތަކާއި، ހިންގަން ނިންމަވާފައިވާ މަޝްރޫޢުތަކަށް ޚަރަދުކުރަންޖެހޭ އެންމެ ދަށް މިންވަރު ރައީސް ޑރ. މުހައްމަދު މުޢިއްޒު މިއަދު ކަނޑައަޅުއްވައިިފިއެވެ.
މިގޮތުން ދައުލަތުގެ ޢާންމު މަންފާއަށްޓަކައި ހާސިލުކުރަން ބޭނުންވާ އިޤްތިޞާދީ ސިޔާސަތެއްގެ ދަށުން ހިންގާނޭ މުހިންމު މަޝްރޫޢުތައް ކަނޑައެޅުމަށް އެކަށައަޅުއްވާފައިވާ ޤަރާރު، ރައީސް މުޢިއްޒު މިއަދު ވަނީ އިޞްލާޙުކުރައްވައި، ގެޒެޓްގައިި ޝާޢިއު ކުރަށްވާފައެވެ.
މި އިސްލާޙު ގެންނަވާފައިވަނީ، ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނުގެ 5 ވަނަ މާއްދާގެ (މ) ގެ (3) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން، ދައުލަތުގެ އާންމު މަންފާއަކަށްޓަކައި ހާސިލުކުރަން ބޭނުންވާ އިޤްތިޞާދީ ސިޔާސަތެއްގެ ދަށުން ނުވަތަ އިޖުތިމާޢީ ސިޔާސަތެއްގެ ދަށުން ހިންގުމަށް ސަރުކާރުން ކަނޑައަޅާ މުހިންމު މަޝްރޫޢުތަކާއި، އެ މަޝްރޫޢު ހަވާލުކުރެވޭ ފަރާތުން އެންމެ މަދުވެގެން ކުރަންޖެހޭ އިންވެސްޓްމަންޓުގެ އަދަދުތައް ރައީސުލްޖުމްހޫރިއްޔާގެ ޤަރާރަކުން ކަނޑައަޅައި އާންމުކޮށްފައި އޮތްގޮތަށް ބަދަލުގެންނަން ޖެހިއްޖެކަމަށް އެ މަނިކުފާނަށް ފެނިވަޑައިގަތުމުން ކަމަށް ރައީސްގެ ޤަރާރުގައި ވިދާޅުވެފަވެއެވެ.
މި ޤަރާރުގެ ޖަދުވަލުގައި، މި ސިޔާސަތުގެ ދަށުން ހިންގުމަށް ސަރުކާރުން ކަނޑައަޅުއްވާފައިވާ މަޝްރޫޢުތަކާއި، އެ މަޝްރޫޢުތައް ހިންގުމަށް ނިންމަވާފައިވާ ސަރަޙައްދު އަދި މަޝްރޫޢުތަކަށް އެންމެ މަދުވެގެން ޚަރަދުކުރަންޖެހޭނޭ މިންވަރު ވަނީ ބަޔާންކުރައްވާފައެވެ.
މި މަޝްރޫޢުތަކުގެ ތެރޭގައި، ހއ. ދިއްދޫ، ހދ. މަކުނުދޫ، ށ. ކޮމަންޑޫ، ށ. މިލަންދޫ، ށ. ބިލެތްފަހި، ރ. ފައިނު، ރ. އަލިފުށި، ބ. ތުޅާދޫ، އއ. މަތިވެރި، މ. މުލި، ފ. ނިލަންދޫ، ތ. ގުރައިދޫ، ތ. ވިލުފުށި އަދި ގއ. ވިލިނގިލީގައި އެއާޕޯޓް ތަރައްޤީކުރުމާއި، ހުވަދު އަތޮޅާއި ހައްދުންމަތީގައި އިތުރު ދެ އެއާޕޯޓު ތަރައްޤީކުރުން ހިމެނެއެވެ. މި މަޝްރޫޢުތަކަށް، އެއިން ކޮންމެ މަޝްރޫޢުއަކަށް ކަނޑައަޅުއްވާފައިވާ އެންމެ ދަށް މިންވަރަކީ 5،000،000 އެމެރިކާ ޑޮލަރެވެ. އަދި ހުވަދުއަތޮޅު ދެކުނުބުރީގައި އިންޓަރނޭޝަލަން އެއަރޕޯޓެއް ތަރައްޤީކުރުން ހިމަނައި، އެ މަޝްރޫޢަށް ކަނޑައަޅުއްވާފައިވާ އެންމެ ދަށް މިންވަރަކީ 7،000،000 އެމެރިކާ ޑޮލަރެވެ.
ފަތުރުވެރިކަމުގެ ދާއިރާއިން، ލ. ގަމާއި، އައްޑޫ ސިޓީގައި އައްސޭރި ޓޫރިޒަމް މަޝްރޫޢު ހިންގުމަށް ކަނޑައަޅުއްވާފައިވާ އެންމެ ދަށް މިންވަރަކީ 4،000،000 އެމެރިކާ ޑޮލަރެވެ.
މީގެ އިތުރުން، ކުށަށް އަރައިގަތުމުގެ ނުރައްކަލުގައިވާ ކުދިންނަށް ބޭނުންވާ ފަރުވާ ފޯރުކޮށްދިނުމަށާއި އިޞްލާޙީ އަދި ރީހެބިލިޓޭޝަން ޕްރޮގްރާމްތައް ހިންގުމަށްޓަކައި ޤާއިމުކުރުމަށް ހަމަޖެހިފައިވާ "އުއްމީދު / ހޯޕް އައިލެންޑް" މަޝްރޫޢަށް ބޭނުންވާ 15 (ފަނަރަ) ހެކްޓަރުގެ ބިން، ކ. ގިރާވަރު އުތުރުފަޅުން ހިއްކައި، އެ ބިމުގައި ހޯޕް އައިލެންޑް ތަރައްޤީކުރުމުގެ މަޝްރޫޢަށް ކަނޑައަޅުއްވާފައިވާ އެންމެ ދަށް މިންވަރަކީ 10،000،000 އެމެރިކާ ޑޮލަރެވެ. އަދި އެ ފަޅުން، "ސެންޓްރަލް ޕްރިޒަން ކޮމްޕްލެކްސް" މަޝްރޫޢަށް ބޭނުންވާ 30 (ތިރީސް) ހެކްޓަރުގެ ބިން ހިއްކައި، "ސެންޓްރަލް ޕްރިޒަން ކޮމްޕްލެކްސް" ތަރައްޤީކުރުމުގެ މަޝްރޫޢަށް ކަނޑައަޅުއްވާފައިވާ އެންމެ ދަށް މިންވަރަކީ 15،000،000 އެމެރިކާ ޑޮލަރެވެ.
ދިވެހިރާއްޖޭގެ މިނިވަންކަމާއި ސިޔާދަތާއި އިސްތިޤްލާލް ޙިމާޔަތްކޮށް ރައްކާތެރިކުރުމަށާއި، ޤައުމުގެ ޞުލްޙަމަސަލަސްކަން ދެމެހެއްޓުމަށްޓަކައި ކުރިއަށްގެންދިއުމަށް ރޭވިފައިވާ މަޝްރޫޢުތައްވެސް މި ސިޔާސަތުގެ ދަށުން ހިންގުމަށް ނިންމަވާފައިވާއިރު، މިކަމަށް ކަނޑައަޅުއްވާފައިވާ އެންމެ ދަށް މިންވަރަކީ 15،000،000 އެމެރިކާ ޑޮލަރެވެ.
މީގެ އިތުރުން ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކުގެ ތެރޭގައި، މުޅި ދިވެހިރާއްޖޭގައި ސޯޝަލް ހައުސިންގް މަޝްރޫޢޫތައް ހިންގުމަށާއި، ރަސްމާލެ، ގުޅީފަޅު، ގިރާވަރުފަޅު، އަދި އުތުރު ތިލަފަޅުން ބިންހިއްކުމާއި، އަދި މުޅި ރާއްޖޭގައި، ބިންހިއްކާފައިވާ ރަށްރަށުގައި މަގު ހެދުމަށާއި، ޔުޓިލިޓީ ޚިދުމަތްތައް ޤާއިމުކުރުމަށް އިންވެސްޓް ކުރަންޖެހޭ އެންމެ ދަށް މިންވަރު ވެސް ވަނީ ކަނޑައަޅުއްވާފައެވެ.
މީގެ އިތުރުން، ކޮޅުމަޑުލު ވޭމަންޑޫ އާއި ކޮޅުމަޑުލު ކިނބިދޫ ކޯޒްވޭ ލިންކަކުން ގުޅައިލުމަށާއި، ކޮޅުމަޑުލު ދިޔަމިގިއްޔާއި ކޮޅުމަޑުލު މަޑިފުށި ކޯޒްވޭ ލިންކަކުން ގުޅައިލުމަށާއި، ހައްދުންމަތީ ހިތަދޫ އާއި ހައްދުންމަތީ ކުނަހަންދޫ ކޯޒްވޭ ލިންކަކުން ގުޅައިލުމަށާއި، ހައްދުންމަތީ ކަލައިދޫ އާއި ހައްދުންމަތީ ދަނބިދޫ ކޯޒްވޭ ލިންކަކުން ގުޅައިލުމަށާއި، މުލަކަތޮޅު މުއްޔާއި މުލަކަތޮޅު ނާލާފުށި ކޯޒްވޭ ލިންކަކުން ގުޅައިލުމަށް މަޝްރޫޢުތައް ހިންގުމަށް ވަނީ ނިންމަވާފައެވެ. މީގެއިތުރުން ހައިޕަރފޯމަންސް ސެންޓަރެއް ޤާއިމުކުރުމަށްވެސް ވަނީ ނިންމަވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!