ކުޅުދުއްފުށީ ސިޓީ ކައުންސިލުން، ކުޅުދުއްފުށި ސިޓީގެ ބޯޒިޔާރަތް ގޮނޑުދޮށް ހިމާޔާތް ކުރުމުގެ މަސައްކަތް ބެންޒީ ޕްރައިވޭޓް ލިމިޓެޑްއާއި ހަވާލުކޮށްފިއެވެ.

ބޯޒިޔާރަތަކީ އާންމުުން މޫދަށް އެރި، ކުރީގެ ސްވިމިންގް ޓްރެކް އޮންނަ ސަރަހައްދެވެ. ނަމަވެސް ފަހުން އިންޓަރ ސްކޫލް ފެތުމުގެ މުބާރާތް ބޭއްވުމަށްޓަކައި ޓްރެކް ވަނީ ރައްމަތިފަންނަށް ބަދަލުކޮށްފައެވެ. އޭގެ ފަހުން ދެވަނަ ޓްރެކް އެއް ރާވައި ބޭނުންކުރަން ފެށުމަށް ހަމަޖެހިފައިވަނީ ބޯޒިޔާރާތް ބީޗް ތަރައްޤީ ކުރުމުގެ މަޝްރޫއު ނިންމުމަށްފަހު ކަމަށް ސިޓީ ކައުންސިލުން ބުނެފައިވެއެވެ.

Ad
rt

ބޯޒިޔާރާތުގެ ގޮނޑުދޮށް ހިމާޔާތް ކުރުމުގެ ގޮތުން ވެލިގަނޑު ހިފެހެއްޓުމަށްޓަކައި މި މަޝްރޫއުގެ ދަށުން 4 ގްރޮއިން ޖިއޯ ބޭގްސް ޖަހަން ހަމަޖެހިފައިވެއެވެ. އަދި ވެލިގަނޑު ވަރަށް ބޮޑަށް ގިރުމުގެ ސަބަބުން ސަރަހައްދުގައި ގައު އިތުރުވެފައިވާތީ ވެލިގަނޑު ފުރާނާ، ގައުތައް ނެގުމުގެ މަސައްކަތްވެސް ކުރެވިގެންދާނެއެވެ.

150 ދުވަހުގެ މުއްދަތެއްގެ ތެރޭގައި ނިންމުމަށް ހަމަޖެހިފައިވާ މި މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމަށް ހަމަޖެހިފައިވަނީ 21 މާރޗް 2025 ވާ ހުކުރު ދުވަހުއެވެ. މަސައްކަތުގެ އަގަކީ 3،378،000.24 ރުފިޔާއެވެ.

މީގެ އިތުރުން މި ސަރަހައްދުގައި ހަޓް ތަކާއި ބެންޗް އެޅުމަށް ކައުންސިލުން ބިޑް ހުށައަޅާފައިވާއިރު ބިޑް ގައި ސޮއި ކޮށް، ކުރިޔަށް މި ގެންދާ މަޝްރޫއު ނިމުނުހާ އަވަހަށް އެ މަސައްކަތް ފެށުމަށް ހަމަޖެހިފައިވައެވެ.

ކުޅުދުއްފުށި ސިޓީގެ މޭޔަރ މުހައްމަދު އާތިފް ވިދާޅުވީ، މި އަހަރު މަސައްކަތުގެ ތާވަލް އެކުލަވާލަން ބޭއްވި އާންމުންގެ ބައްދަލުވުމުގައި ރައްޔިތުން ބޯޒިޔާރާތުގެ ގޮނޑުދޮށް ތަރައްޤީކޮށް ރީތި ކުރުމަށް އެދިފައިވާ ކަމަށެވެ. އަދި ގޮނޑުދޮށް ތަރައްޤީކުރުމުގެ ގޮތުން ވަކިން ބޭއްވުނު ޕަބްލިކް ކޮންސަލްޓޭޝަން މީޓިންގް ގައިވެސް ރައްޔިތުން އެންމެ ބޮޑަށް އެދިފައިވަނީ ބޯޒިޔާރާތުގެ ގޮނޑުދޮށް ހިމާޔާތް ކޮށްދިނުމަށްކަމަށްވެސް މޭޔަރ ވިދާޅުވެފަވެއެވެ.

ސިޓީ ކައުންސިލުން ރައްޔިތުން އެދޭ ކަންކަމަށް އިސްކަންދީގެން އެކުލަވާލި ބަޖެޓްގައި މި އަހަރު ތަރައްޤީ ކުރުމަށް ހަމަޖެހިފައިވާ ކަންތައްތައް މިހާރުވަނީ ތަރައްޤީކުރުމަށް ފަށާފައެވެ. އޭގެ ތެރޭގައި ކުޅުދުއްފުށި ކުޅީގައި ނޭޗާރ ޕާރކް ޤާއިމްކޮށް، ކޮމިއުނިޓީ ޕާރކް އެޅުމާއި ކުދި ކުދި މައިޒާންތައް ތަރައްޤީކުރުން ހިމެނެއެވެ.