ރައީސް ޑރ. މުޙައްމަދު މުޢިއްޒު ގެ ވަޢުދުފުޅާ އެއްގޮތަށް، 3 ނޮވެމްބަރު 1988 ގެ ޢުދުވާނީ ޙަމަލާގައި ޝަހީދުވި ސިފައިންގެ ޢާއިލާތަކަށާއި، އެ ޢުދުވާނީ ޙަމަލާގައި ދިވެހިރާއްޖެ ދިފާޢު ކުރުމުގައި އާދަޔާޚިލާފު ހިތްވަރާއި ސާބިތުކަން ދައްކުވައިދެއްވާފައިވާ ފަރާތްތަކަށް ޚާއްޞަ އިނާޔަތް މިއަދުން ފެށިގެން ލިބޭގޮތަށް ހަމަޖައްސައިފިއެވެ.

މިގޮތުން 1988 ނޮވެމްބަރ 03 ވަނަދުވަހުގެ ޢުދުވާނުގައި ހަނގުރާމަކޮށް ޝަހީދުވި ސިފައިންގެ ޢާއިލާތަކަށާއި، އެ ހަނގުރާމައިގައި ދައްކުވައިދެއްވާފައިވާ އާދަޔާޚިލާފް ހިތްވަރާއި ސާބިތުކަމުގެ ސަބަބުން މެޑެލް ފޮރ އެކްސެޕްޝަނަލް ބްރޭވަރީ އަދި މެޑެލް ފޮރ ބްރޭވަރީ ގެ ޝަރަފް އެރުވިފައިވާ ބޭފުޅުންނަށް އިނާޔަތް ދިނުމުގެ އުސޫލު ދިފާއީ ވުޒާރާއިން މިއަދު ވަނީ އާންމުކޮށްފައެވެ:

Ad
rt

މި އުސޫލުގެ ތެރެއިން އެފަރާތްތަކަށް ދެމެހެއްޓެނިވި ގޮތެއްގައި ޚާއްޞަ އެލަވަންސެއް ސަރުކާރުން ދެއްވުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ހަމަޖައްސަވާފައިވާއިރު، މި އުސޫލް ގެޒެޓްގައި ޝާއިޢުކުރާ ދުވަހުން ފެށިގެން މި ފަރާތްތަކަށް އެލަވަންސް ލިބޭނެކަމަށް އުސޫލުގައި ބުނެފަވެއެވެ. އަދި މި އުސޫލު މިއަދު ވަނީ ގެޒެޓްކޮށްފައެވެ.

03 ނޮވެންބަރ 1988 ގެ އުދުވާނީ ޙަމަލާގައި ދިވެހިރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ދިފާޢުކޮށް އާދަޔާ ޚިލާފު ހިތްވަރު ދައްކުވައިދިން ޤައުމީ ބަތަލުން އެކުރެއްވި ޚިދުމަތުގެ އަގު ވަޒަންކުރުމަކީ، ދިވެހިރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ޙިމާޔަތްކޮށް ރައްކާތެރިކުރުމަށާއި، ޤައުމީ ލޯތްބާއި ދިވެހި ޤައުމިއްޔަތު ދިރުވާއާލާކުރުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޚާއްޞަ އިސްކަމެއްދެއްވާ ކަމެއްކަމަށް މި އުސޫލު އާންމުކުރުމަށްފަހު ދިފާއީ ވުޒާރާއިން ބުނެފަވެއެވެ.

މި އުސޫލުގައި ބުނާގޮތުން 3 ނޮވެމްބަރ 1988 ހަނގުރާމާގައި ޝަހީދުވި ސިފައިންގެ މީހާގެ ޢާއިލާގެ ތެރެއިން ދުނިޔޭގައި ތިބި ކޮންމެ މީހަކަށް (މަންމަ، ބައްޕަ، ދަރި އަދި ހުވަފަތް އަނބިމީހާ) އެ މީހަކު ދުނިޔޭގައި ހުރިހާ ދުވަހަކު މަހަކު 9000 ރުފިޔާގެ އިނާޔަތެއް ލިބޭނެއެވެ.

މި އުސޫލުގައި ބުނާގޮތުން 3 ނޮވެމްބަރ 1988 ހަނގުރާމާ އާއި ގުޅިގެން ހުރަވީ ރަން މެޑެލް އެރުވިފާވާ ކޮންމެ މީހަކަށް، އެ މީހަކު ދުނިޔޭގައި ހުރިހާ ދުވަހަކު މަހަކު 9000 ރުފިޔާގެ އިނާޔަތެއް ލިބޭއިރު، އަދި ހުރަވީ ރިހި މެޑެލް އެރުވިފާވާ ކޮންމެ މީހަކަށް، އެ މީހަކު ދުނިޔޭގައި ހުރިހާ ދުވަހަކު މަހަކު 8000 ރުފިޔާގެ އިނާޔަތެއް ލިބޭނެއެވެ.

މީގެ އިތުރުން 3 ނޮވެންބަރު 1988 ގެ ހަނގުރާމައިގައި ދައްކުވައިދިން ހިތްވަރުގަދަ ޢަމަލު ފާހަގަކޮށް ހިތްވަރުގަދަކަމުގެ ކުލަ ދެވިފައިވާ ފަރާތްތަކަށް، އެ ފަރާތްތައް ދުނިޔޭގައި ހުރިހައި ދުވަހަކު މަހުންމަހަށް ދޭ ފައިސާގެ އިނާޔަތުގެ ގޮތުގައި 6000 ރުފިޔާ ދިނުމަށްވެސް ވަނީ ހަމަޖައްސާފައެވެ.