"ރައީސްގެ ޖަވާބު" ސިލްސިލާއަށް ވީޑިއޯ މެދުވެރިކޮށް ސުވާލު ހުށަހެޅުމުގެ ފުރުޞަތު ރައްޔިތުންނަށް ހުޅުވާލައިފިއެވެ.

ރައީސް އޮފީހުން މިއަދު ބުނީ، މި ފުރުޞަތު ހުޅުވާލާފައި ވަނީ "ރައްޔިތުންގެ އަޑު" ޕޯޓަލް މެދުވެރިކޮށް ކަމަށެވެ.

Ad
rt

ރައީސް މުޢިއްޒުގެ ސަރުކާރުން ފެއްޓެވި މި ސިލްސިލާއަކީ ރައްޔިތުންގެ ސުވާލުތަކަށް ސީދާ ރައީސުލްޖުމްހޫރިއްޔާ ޖަވާބުދެއްވުމަށް ކުރިއަށް ގެންދަވާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމް ފުރަތަމަ ފެށިފައިވަނީ 2024 ވަނަ އަހަރުގެ ފެބްރުއަރީ މަހުގައެވެ.

ކުރިން މި ސިލްސިލާގައި ސުވާލުކުރެވެމުން ދިޔައީ ރައީސް އޮފީހުގެ މީޑިއާ ޓީމަކުން ރައްޔިތުންނާ ބައްދަލުކޮށްގެންނެވެ. ނަމަވެސް މިގޮތުން ހުރިހާ ރައްޔިތުންނަށް ހަމަހަމަ ފުރުޞަތު ނުލިބޭތީ، އޮންލައިން ޕޯޓަލްއެއް ތައްޔާރުކުރެވެންދެން މި ސިލްސިލާ އޮތީ ވަގުތީގޮތުން މެދުކަނޑާލާފައިކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ.

މިހާރު "ރައްޔިތުންގެ އަޑު" ޕޯޓަލް (https://citizensvoice.gov.mv) މެދުވެރިކޮށް ކޮންމެ ރައްޔިތަކަށްވެސް ވީޑިއޯ ސުވާލު ހުށަހެޅުމުގެ ފުރުޞަތު ލިބިގެންދާނެއެވެ. މި ޕޯޓަލްއަށް ވަދެވޭނީ ރައީސް އޮފީހުގެ ރަސްމީ ވެބްސައިޓް މެދުވެރިކޮށެވެ.

ރައީސް އޮފީހުން ބުނީ ރައްޔިތުން ހުށަހަޅާ ސުވާލުތަކަށް ރައީސުލްޖުމްހޫރިއްޔާ ޖަވާބު ދެއްވަމުން ގެންދަވާނީ "ރައީސްގެ ޖަވާބު" ސިލްސިލާގެ ތެރެއިން ކަމަށެވެ. މިގޮތުން ރާއްޖޭގެ ކޮންމެ ކަންކޮޅެއްގައި ތިބި ރައްޔިތުންނަށްވެސް ރައީސާ ސުވާލުކުރުމުގެ ހަމަހަމަ ފުރުޞަތު ލިބިގެންދާނެއެވެ.