ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ކުރިއަށް އޮތް ފިޠުރު ޢީދާ ގުޅިގެން ސަރުކާރު ބަންދު ދުވަސްތައް ކަނޑައަޅުއްވައިފިއެވެ.

މިކަން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ޝާއިޢުކުރެއްވި ދެންނެވުމުގައި އިޢުލާންކުރައްވާފައިވާއިރު، މި ދެންނެވުމުގައިވާ ގޮތުން، ޢީދު ދުވަހަކީ މާރިޗު 31 ވާ ހޯމަ ދުވަސް ކަމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ކަނޑައަޅައިފިނަމަ، ޢީދު ބަންދުގެ ތިން ދުވަހުގެ އިތުރުން އެޕްރީލް 3 ވާ ބުރާސްފަތި ދުވަހަކީވެސް ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ރައީސް ވަނީ ހަމަޖައްސަވާފައެވެ.

Ad
rt

މީގެ އިތުރުން ޢީދު ދުވަހަކީ މާރިޗު 30 ވާ އާދީއްތަ ދުވަސް ކަމަށް ކަނޑައަޅައިފިނަމަ، ޢީދު ބަންދުގެ ތިން ދުވަހުގެ އިތުރުން އެޕްރީލް 2 އަދި 3 ވާ ބުދަ އަދި ބުރާސްފަތި ދުވަހަކީވެސް ސަރުކާރު ބަންދު ދުވަސްތަކެއްގެ ގޮތުގައި ރައީސް ވަނީ ހަމަޖައްސަވާފައެވެ.

ރައީސް މުޢިއްޒު މިގޮތަށް ނިންމަވާފައިވަނީ، ދިވެހި ރައްޔިތުން ޢާއިލާއާއެކު ވީހާވެސް ގިނަ ދުވަސްތަކެއް ހޭދަކުރުމަށް ފުރުޞަތު ފަހިކޮށްދިނުމުގެ ގޮތުންކަމަށް ރައީސް އޮފީހުން ބުނެއެވެ. މި ނިންމެވުމާއެކު، ސަރުކާރުގެ އޮފީސްތައް އަލުން ހުޅުވޭނީ އެޕްރީލް 6 ވާ އާދީއްތަ ދުވަހުއެވެ.

ރައީސް މުޢިއްޒު ވަނީ އެމަނިކުފާނުގެ ދައުރުގައި އޮންނަ ކޮންމެ ރޯދަމަހެއްގެ ފަހު 10 ވެސް ބަންދުކަމަށް ކަނޑައަޅައިފައިކަމުން، އީދުގެ ބަންދު އިތުރުވެގެން ދިޔުމުން މި އަހަރު ފަހު 10 ގެ ބަންދާއެކު ބޮޑު ބަންދެއް ލިބިގެންދާނެއެވެ.

އައު އަހަރަށް ސްކޫލްތައް ހުޅުވަން ވެސް ކަނޑައަޅާފައި އޮތީ މި ބަންދުތަކުގެ ފަހަތަށް އެޕްރީލް 6 ވާ އާދީއްތަ ދުވަހުއެވެ.