ސިޔާސީ ޕާޓީތަކަށް ސިޔާސީ ހަރަކާތްތައް ހިންގޭނީ ޤާނޫނާއި ގަވާއިދުގެ ހުދޫދުގެ ތެރެއިންކަން އިލެކްޝަން ކޮމިޝަން (އީސީ) އިން ސިޔާސީ ޕާޓީތަކަށް ހަނދާންކޮށްދީފިއެވެ.

އީސީން ނެރުނު ބަޔާނުގައި ބުނެފައިވަނީ ސިޔާސީ ހަރަކާތްތައް ހިންގުމަށް މަގުފަހިކޮށްދީފައި ވަނީ ޤާނޫނުއަސާސީއާއި ސިޔާސީ ޕާޓީގެ ޤާނޫނާއި ގަވާއިދާއި ދިވެހިރާއްޖޭގައި ޢަމަލު ކުރަމުންދާ އެހެނިހެން ޤާނޫނުތަކާއި ގަވާއިދުތަކުގެ ހުދޫދުގެ ތެރެއިން ކަމަށެވެ. އެހެންވެ، އެކަން ސިޔާސީ ޕާޓީތަކަށް ހަނދާންކޮށްދޭކަމަށް އީސީން ބުނެފަވެއެވެ.

Ad
rt

މީގެ އިތުރުން، ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން މާލޭގައި މިދުވަސްވަރު ހިންގަމުންދާ ސިޔާސީ ހަރަކާތްތައް ހިންގުމުގައި ޞުލްޙަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ޢަމަލުކުރުމަށް އީސީން ވަނީ އިލްތިމާސްކޮށްފައެވެ.

ކުޑަކުއްޖެއްގެ ކަރާމާތަށް އުނިކަން ލިބޭގޮތަށް ވާހަކަދެއްކުން ކުށްވެރިކޮށްފި

އީސީން ވަކިން ޚާއްޞަކޮށް އިލްތިމާސްކޮށްފައިވަނީ ސިޔާސީ ހަރަކާތްތައް ރާވާ ހިންގުމުގައި، ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ޢަމަލުކުރުމަށެވެ. މިގޮތުން، ކުޑަކުދިންގެ ޙައްޤުތައް ގެއްލޭގޮތަށް ސާބިތުނުހިފޭ ވާހަކަ ދެއްކުމާއި އެކުދިންގެ ކަރާމާތާއި ނަފްސާނީ ދުޅަހެޔޮކަމަށް އަސަރު ކުރާފަދަ ވާހަކަތައް ދެއްކުން އެކޮމިޝަނުން ވަނީ ކުށްވެރިކޮށްފައެވެ.

އަދި ހަމައެއާއެކު، ސިޔާސީ ޕާޓީތަކުން ކުރިއަށް ގެންދާ އެންމެހާ ސިޔާސީ ހަރަކާތްތައް ކުރިއަށް ގެންދާއިރު ސިޔާސީ ޕާޓީގެ ޤާނޫނުގައި ބަޔާންކޮށްފައިވާ ސުލޫކީ މިންގަނޑާ ޚިލާފަށް، މުޖުތަމައުގައި ރުޅިވެރިކަމާއި ނަފްރަތު އުފެއްދުމާއި ޒާތީ ދިރިއުޅުމުގެ ކަންކަމަށް ފާޑުނުކިއުމާއި، ޙަޤީޤަތާ ޚިލާފު ސާބިތުނުހިފޭ ވާހަކަތައް ނުދެއްކުމަށް އެކޮމިޝަނުން ވަނީ ނަސޭޙަތްތެރިވެފައެވެ.

އީސީން ބުނެފައިވާ ގޮތުގައި ޤާނޫނުތަކާއި ގަވާއިދުތަކުގެ ހުދޫދުގެ ތެރެއިން ކުރިއަށް ގެންދާ ސިޔާސީ ހަރަކާތްތަކަށް އަބަދުވެސް އެ ކޮމިޝަނުން މަރުޙަބާ ކިޔާނެއެވެ.