ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ މުޒާހަރާއެއްގައި ކުޑަކުއްޖެއްގެ ކަރާމާތަށް އުނިކަން ލިބޭގޮތަށް ވާހަކަދައްކާފައިވާކަމަށް ބުނެ، އެކަން ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) އިން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައެވެ.

އެޗްއާރުސީއެމުން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި، މި މަހުގެ 7 ވަނަ ދުވަހުން ފެށިގެން އެމްޑީޕީގެ ފަރާތުން މާލޭގައި ކުރަމުންދާ މުޒާހަރާތައް އެ ކޮމިޝަނުން ވަނީ މޮނިޓަރ ކުރަމުންނެވެ. މިގޮތުން މި މަހުގެ 12 ވަނަ ދުވަހު އެ ޕާޓީން ކުރިއަށްގެންދިޔަ މުޒާހަރާގައި ކުޑަކުއްޖެއްގެ ކަރާމާތަށް އުނިކަން އަންނަ ފަދަ ގޮތަކަށް މުޒާހަރާގެ ބައިވެރިން ވާހަކަދައްކާފައިވާކަމަށް އެޗްއާރުސީއެމްއިން ފާހަގަކޮށްފައިވެއެވެ.

Ad
rt

"ސިލްސިލާކޮށް ކުރެވެމުންދާ މި މުޒާހަރާތަކުން މި ކޮމިޝަންގެ މޮމިޓަރިންނަށް ފާހަގަކުރެވިފައިވާ ކަންކަމުގެ ތެރޭގައި ކުރިއަށް ދިޔަ މުޒާހަރާއެއްގައި ކުޑަކުއްޖެއްގެ ކަރާމަތަށް އުނިކަން ލިބޭފަދަ ގޮތަކަށް މުޚާތަބުކޮށް ވާހަކަދައްކާފައިވާކަން ފާހަގަކުރެވިފައިވޭ، މިގޮތަށް ކުޑަކުއްޖެއްގެ އަބުރާއި ކަރާމަތަށް އުނިކަންލިބޭގޮތަށް ވާހަކަދައްކާފައިވުމީ ޚިޔާލު ފާޅުކުރުމުގެ ނަމުގައި އެއްވެސް ފަރާތަކުން ކޮށްގެންވާނެ ކަމެއް ނޫން، މި ޢަމަލު މި ކޮމިޝަނުން ހަރުކަށި އިބާރާތުން ކުށްވެރިކުރަން" އެޗްއާރުސީއެމްގެ ބަޔާނުގައި ބުނެފައިވެއެވެ.

އެޗްއާރުސީއެމްއިން ވަނީ މިފަދަ ޢަމަލުތައް ހުއްޓުވުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ކަމާ ގުޅުންހުރި އިދާރާތަކަށް ގޮވާލާފައެވެ. އަދި ކުޑަކުދިންނަކީ ޤާނޫނުއަސާސީއާއި ކުޑަކުދިންގެ ޙައްޤުތައް ޙިމާޔަތްކުރުމުގެ ޤާނޫނުން ޚާއްޞަ ރައްކާތެރިކަމެއް ލިބިދީފައިވާ ބަޔަކަށްވާތީ، އެ ކުދިންގެ ކަރާމާތަށާއި އަބުރަށް އުނިކަން އަންނަ ފަދަ ގޮތަކަށް ސީދާގޮތުންވެސް އަދި ނުސީދާގޮތުންވެސް އެއްވެސް ފަރާތަކުން ޢަމަލު ނުކުރުމަށް ގޮވާލާފައިވެއެވެ.

މީގެއިތުރުން، އެއްވެ އުޅުމުގެ މިނިވަންކަމުގެ ތެރެއިން އެއްވެ އުޅުމުގައިވެސް އެކަކު އަނެކާގެ ޙައްޤުތަކަށް އުނިކަން ނާންނަ ފަދަ ގޮތަކަށް ޒިންމާދާރުކަމާއެކު ޙައްޤުގެ ބޭނުން ކުރުމަށް އެޗްއާރުސީއެމްއިން އިލްތިމާސްކޮށްފައިވެއެވެ. އަދި ޤާނޫނުއަސާސީގައި އެއްވެ އުޅުމުގެ މިނިވަންކަން ލިބިދީފައިވާ ހުދޫދުގެ ތެރޭގައި އެކަން ކުރެވޭނެ މާޙައުލެއް ޤާއިމުކޮށްދިނުމަށް ޤާނޫނު ތަންފީޛުކުރާ ފަރާތްތަކަށްވެސް އިލްތިމާސްކޮށްފައިވެއެވެ.

އެޗްއާރުސީއެމްއިން ވަނީ ބާރުގެ ބޭނުންކުރަންޖެހޭ ޙާލަތްތަކުގައިވެސް ޤާނޫނީ އިމުގެ ތެރެއިން ބާރުގެ ބޭނުންކުރުމަށް ދިވެހި ފުލުހުންގެ ޚިދުމަތަށް ގޮވާލާފައެވެ. އަދި މުޒާހަރާ ކަވަރުކުރުމަށް ހަރަކާތްތެރިވާ ނޫސްވެރިންގެ މަސައްކަތަށް ފަހިކޮށްދިނުމަށް ވެސް އެޗްއާރުސީއެމްގެ ބަޔާނުގައި އެދިފަވެއެވެ.