ރައީސް ޑރ. މުޙައްމަދު މުޢިއްޒު، މޯލްޑިވްސް އިންޓަރނޭޝަނަލް ފައިނޭންޝަލް ސަރވިސަސް އޮތޯރިޓީ މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕްލޭނިންގގެ ދަށަށް ބަދަލުކުރައްވައިފިއެވެ.

ރައީސް މި ނިންމެވުން ނިންމަވާފައިވަނީ ޤާނޫނުއަސާސީން ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ އިޚްތިޔާރުގެ ދަށުންނެވެ.

Ad
rt

ރައީސް އޮފީހުން ބުނީ، މި ބަދަލު ގެނެވުނީ ދިވެހިރާއްޖޭގައި އިންޓަރނޭޝަނަލް ފައިނޭންޝަލް ސެކްޓަރެއް ތަރައްޤީކުރުމަށްޓަކައި ކުރެވުނު ދިރާސާތަކުގެ އަލީގައި ކަމަށެވެ. މި ދިރާސާތަކުން ދައްކާގޮތުގައި އިންޓަރނޭޝަނަލް ފައިނޭންޝަލް ސެންޓަރުތަކުން ހިންގާ މާލީ ހަރަކާތްތައް ރެގިއުލޭޓުކުރުމުގެ މަސައްކަތްތައް މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕްލޭނިންގގެ ދަށުން ހިނގާ ވަކި އިދާރާއަކުން ކުރުމަކީ މުހިންމު ކަމެއްކަމަށް އެ އޮފީހުން ބުންޏެވެ.

މި ބަދަލާ ގުޅިގެން، ކުރިން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑްގެ ދަށުން ހިނގަމުންއައި "މޯލްޑިވްސް އިންޓަރނޭޝަނަލް ފައިނޭންޝަލް ސަރވިސަސް އޮތޯރިޓީ" އަކީ، 2025 މާރިޗު 11 ވަނަ ދުވަހުން ފެށިގެން މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕްލޭނިންގގެ ދަށުން ހިނގަމުންދާ ތަނެއްގެ ގޮތުގައި ހަމަޖެހިގެން ދާނެއެވެ.

މި ނިންމުން ވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އިއްޔެ ޝާއިޢުކުރެއްވި ދެންނެވުމުގައި އިޢުލާންކުރައްވާފައެވެ.