ރާއްޖޭގެ އުތުރާއި މެދުރާއްޖެ ތެރެއަށް ކުރަމުންދާ ވިއްސާރައިގައި ހއ އިހަވަންދޫގައި ފެންބޮޑުވެ، ގެއަކަށް ފެން ވަދެ ގެއްލުންތަކެއް ވެއްޖެއެވެ.
ކައުންސިލްގެ ރައީސް އަހުމަދު ސޮބާހް ތިލަދުންނަށް މައުލޫމާތު ދިން ގޮތުގައި ރޭގައި އިހަވަންދޫ ގެޔަކަށް ވަރަށް ބޮޑަށް ފެންވަދެ ބައެއް ތަކެއްޗަށް ގެއްލުންވެފައިވެއެވެ. އިއްޔެ މެންދުރު ފަހުން ފެށިގެން އެރަށަށް ހުއްޓުމެއް ނެތި ވެހުނު ވާރޭގައި ފެންބޮޑުވެ، ރަށުގެ އާންމު ހާލަތަށް ވަނި ބުރޫ އަރާފައެވެ.
ބޯކޮށް ވާރޭ ވެހުމާއި ގުޅިގެން ގެތަކަށް އިތުރަށް ފެންވަނުމަށް މަގުފަހި ވިޔަ ނުދީ ބައެއް ގޭގޭގައި ވެލި ބަސްތާ ޖަހާފައިވެއެވެ. މަގުތަކުން ފެން ހިއްކުމުގެ ގޮތުން ކައުންސިލުންނާއި ފުލުހުންގެ އެހީތެރިކަމާ އެކު ފެން ޕަމްޕު ކޮށްފައިވެއެވެ. އަދި އިތުރަށް ފެން ބޮޑު ވުމުގެ ބިރަށްޓަކައި ފުލުހުންނާއި ރަށު ކައުންސިލުން ތިބީ ތައްޔާރަށް ކަމަށް ކައުންސިލްގެ ރައީސް ވިދާޅުވެފައިވެއެވެ.
މޫސުން ގޯސްވުމާއެކު ރާއްޖޭގެ އުތުރަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވަނީ މިއަދު ތިންވަނަ ފަހަރަށް ރީނދޫ ސަމާލު ދިގުދަންމާލާފައެވެ. އަދި ކޮންމެހެން ދަތުރު ކުރަން ޖެހިގެން ނޫނީ ދަތުރު ނުކުރުމަށް އިލްތިމާސް ކޮށްފައިވެއެވެ.
އެގޮތުން ހއ އަތޮޅުން ފެށިގެން ވ އަތޮޅަށް މިއަދު ހެނދުނު 09:30 އިން ފެށިގެން މެންދުރު 13:30 ކަށް ރީނދޫ ސަމާލު ނެރެފައިވާއިރު މެންދުރު 14:00 އަކުން ފެށިގެން ރޭގަނޑު 19:00 އަށް ހުދު ސަމާލު ވެސް ނެރުނެވެ.
މެޓް އޮފީހުން އިތުރަށް ބުނެފައިވަނީ ބޯކޮށް ވާރޭ ވެހި ގުގުރާނެކަމަށް ލަފާކުރެވޭ ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!