ހުޅުމާލެ ފޭސް 2 ގައި 18 އަހަރުން ދަށުގެ ކުޑަކުދިންތަކެއް ތޫނި ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގައިފިއެވެ.
ފުލުހުންގެ ޚިދުމަތުން މަޢުލޫމާތު ދިންގޮތުގައި، މި މާރާމާރީ ހިނގާފައި ވަނީ މިރޭ 10:00 ހާއިރުއެވެ.
މި މާރާމާރީގައި އެތަނުން އެއް ކުއްޖަކަށް ޒަޚަމްވެފައިވާއިރު، މި މައްސަލައާ ގުޅިގެން 2 ކުދިން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާކަމަށް ފުލުހުން ބުންޏެވެ.
މީގެ އިތުރު 4 ކުދިން ހިފަހައްޓާފައިވާކަމަށް ވެސް ފުލުހުން ބުންޏެވެ.
މި މައްސަލަ ތަޙުޤީޤުކުރަމުން އަންނަކަމަށް ފުލުހުން ވަނީ މައުލޫމާތު ދީފައެވެ.
ކުޑަކުދިންގެ ހައްޤުތައް ރައްކާތެރި ކުރުމާބެހޭ ޤާނޫނުގެ ދަށުން ހެދިފައިވާ "ކުޑަކުދިން ކުރާ ކުށުގެ މައްސަލަތައް ބަލާ ތަހުޤީޤުކޮށް، އިންސާފުކޮށް އަދަބު ދިނުމުގައި އަމަލުކުރުމާބެހޭ އުސޫލު" ގެ 4 ވަނަ މާއްދާގެ (ހ) ގައި ކުޑަކުދިން ޖިނާއީ މަސްއޫލިއްޔަތު އުފުލަންޖެހޭ އުމުރަކީ 10 އަހަރުކަމަށް ބަޔާންކޮށްފައިވެއެވެ. އަދި އުމުރުން 10 އަހަރާއި 15 އަހަރާދެމެދުގެ ކުޑަކުދިން ޖިނާއީ މަސްއޫލިއްޔަތު އުފުލަންޖެހޭ ކުށްތަކަކީ ކޮބާކަން ބަޔާން ކޮށްފައިވާއިރު، 15 އަހަރާއި 18 އަހަރާ ދެމެދުގެ ކުދިން ކުރާ ހުރިހާ ބާވަތެއްގެ ކުށުގެ ޖިނާއީ މަސްއޫލިއްޔަތު އުފުލަންޖެހޭނެ ކަމަށް އެ ޤަވާއިދުގެ 6 ވަނަ މާއްދާގައި ބަޔާންކޮށްފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!