ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ފަސް ފަނޑިޔާރުންނަށް މަދުކުރުމަށް ހިމަނާ ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ބިލު، އަލުން ވިސްނެވުމަށް އެދިވަޑައިގެން ރައީސް ޑރ. މުޙައްމަދު މުޢިއްޒު، އަނބުރާ ރައްޔިތުންގެ މަޖިލީހަށް މިއަދު ފޮނުއްވައިފިއެވެ.
މި ބިލަކީ ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނަށް އިސްލާހް ގެނައުމުގެ ބިލެއްގެ ގޮތުގައި ހޮޅުދޫ ދާއިރާގެ މެންބަރު އަބްދުއްސައްތާރު މުހައްމަދު އަމިއްލަ ހައިސިއްޔަތުން ހުށަހެޅުއްވި ބިލެކެވެ.
މި އިޞްލާހުގައި ސުޕްރީމް ކޯޓުގައި މިހާރުތިބި ފަނޑިޔާރުންގެ އަދަދު 7 އިން 5 އަށް މަދުކުރުމަށް ހުށަހެޅިއެވެ. އަދި މި އަހަރުގެ ފެބްރުއަރީ 26 ވީ ބުދަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ 2025 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ 9 ވަނަ ޖަލްސާގައި 68 މެންބަރުން ވަނީ މި ބިލު ފާސްކުރަން ވޯޓުދެއްވާފައެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު މަދުކުރުމަށް ހުށަހެޅި ބިލު މަޖިލީހުން ފާސްކޮށްފި
ރައީސް އޮފީހުން މިރޭ ބުނިގޮތުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް، ތަޞްދީޤުކުރެއްވުމަށް ފޮނުއްވާފައިވާ އެ ބިލު، ރައީސް ވަނީ ޤާނޫނުއަސާސީގެ 91 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން، އަލުން ވިސްނެވުމަށް އެދިވަޑައިގެން އަނބުރާ ރައްޔިތުންގެ މަޖިލީހަށް، މިއަދު ފޮނުއްވާފައެވެ.
މި ބިލު ފާސްކޮށްފައި ވަނިކޮށް، ޖޭއެސްސީން މައްސަލައެއް ބަލަމުން ދަނިކޮށް ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސްނުއްސުޢޫދު ވަނީ އިސްތިއުފާދެއްވާފައެވެ. އެއިރު ސުއޫދު ހުންނެވީ ވެސް ސަސްޕެންޑްކޮށްފައެވެ. ސުއޫދުގެ އިތުރުން ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރެއް މިވަގުތު ތިއްބެވީ ޖޭއެސްސީން ބަލަމުންދާ މައްސަލައަކާއި ގުޅިގެން ސަސްޕެންޑްކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!