ދިވެހި ސަރުކާރުގެ ހަރަދުގައި މިއަހަރު ހިލޭ ހައްޖަށް ފޮނުވުމަށް ހަމަޖެހިފައިވާ މީހުން ހޮވުމަށް ގުރުއަތުލައި 50 މީހުން ހޮވައިފިއެވެ.

އިސްލާމިކް މިނިސްޓްރީގައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި، ގުރުއަތު ނަގާފައި ވަނީ ފަގީރުންގެ ދަފްތަރުގެ ތެރެއިން ހިލޭ ހައްޖަށް މީހުން ފޮނުވުމާއި ގުޅޭ އުސޫލުގެ ދަށުން ޝަރުތުހަމަވާ 302 މީހުންގެ މެދުގައެވެ. ހައްޖަށް ގެންދާ 50 މީހުންގެ ތެރެއިން އެއްވެސް ސަބަބަކާއިހުރެ މީހަކަށް ބައިވެރިނުވެވޭނަމަ އެ ޖާގަ ދެން ދިނުމަށް ވެސް އިތުރު 10 ފަރާތެއް ވަނީ ގުރުއަތުން ހޮވާފައެވެ.

Ad
rt

ހިލޭ ހައްޖަށް ގެންދާ އުސޫލުގެ ދަށުން މި ދައުރުގެ ފުރަތަމަ ތިން އަހަރު ގެންދާނީ އުމުރުން 50 އަހަރާއި 69 އަހަރާ ދެމެދުގެ މީހުންނެވެ. ފަހު ދެ އަހަރު 45 އަހަރާއި 69 އަހަރާ ދެމެދުގެ މީހުންނެވެ. މުދަލު ޒަކާތް ހައްގުވާ ފަގީރުންގެ ދަފުތަރުގައި އުމުރުން 50 އަހަރާއި 69 އަހަރާ ދެމެދުގެ 982 މީހުން އެބަ ތިއްބެވެ. އޭގެ ތެރެއިން ހިލޭ ހައްޖު ކުރުމުގެ ފުރުސަތު ލިބުމަށް 600 އަށް ވުރެ ގިނަ މީހުން ޝަރުތު ހަމަވެއެވެ.

ދައުލަތުގެ ހަރަދުގައި 1000 ފަގީރުން ހައްޖަށް ފޮނުވުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ. އެ ވައުދާ އެއްގޮތަށް، މިދިޔަ އަހަރު ވަނީ 50 ފަގީރަކަށް އެ ފުރުސަތު ދީފައެވެ.