އިހަވަންދޫގައި ސަރުކާރުން ޤާއިމްކޮށްފައިވާ އައިސްޕްލާންޓް ކައުންސިލާއި ހަވާލުކުރަން ނިންމާފައިވާކަމަށް ރައީސް އޮފީހުން ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ބޯޑުގެ ރައީސް މިނިސްޓަރ އޮފް ހޯމް އެފެއާޒް އައްޝައިޚް ޢިމްރާން ޢަބްދުﷲއަށް އެޑްރެސް ކުރައްވާ ފޮނުވާފައިވާ ސިޓީގައި ބުނެފައިވެއެވެ.

އިހަވަންދޫ ކައުންސިލުން ރައްޔިތުންނާއި މިސީޓީ ހިއްސާ ކުރަމުން ބުނެފައިވަނީ އައިސް ޕްލާންޓް އިހަވަންދޫ ގެ ރައްޔިތުންގެ މުދަލެއްގެ ގޮތުގައި ހަމަޖެހިގެން ދިއުމުން، މަސްވެރިންނަށް ލުއި ގޮތްތައް ހޯދައިދެވި، ރަށްވެހި ކަމުގެ އިތުރު ޕްރޮގްރާމްތައް ހިންގުމުގެ މާލީ ތަނަވަސްކަން ކައުންސިލްއަށް ލިބިގެން ދާނެކަމަށާއި މިކަމަށް ރާއްޖޭގެ ރައީސްލު ޖުމްހޫރިޔާ އިބްރަހިމް މުޙައްމަދު ޞާލިހްއަށް ޝުކުރު އަދާކުރާކަމަށެވެ.

Ad
rt

މިސިޓީގައި އިތުރަށް ބުނެފައިވަނީ ތިލަދުންމަތީ އުތުރުބުރި އިހަވަންދޫގައި ސަރުކާރުން 2005 ވަނަ އަހަރު ޤާއިމުކޮށްފައިވާ އައިސްޕްލާންޓަކީ ބޮޑު އާމްދަނީއެއް ލިބޭ ހަރުމުދަލެއް ކަމަށްވާތީ، މިފަދަ މުދަލެއް އެއީ ކައުންސިލްގެ މުދަލެއްގެ ގޮތުގައި ހަމަޖައްސަވައިފިނަމަ، މިކަމުގެ ސަބަބުން ރަށްވެހިކަމުގެ އެތައް ޚިދުމަތެއް ރައްޔިތުންނަށް ފޯރުކޮށްދެވޭނެކަމަށް ބަޔާންކުރަށްވައި، ހއ.އިހަވަންދޫ އައިސްޕްލާންޓް ހއ.އިހަވަންދޫ ކައުންސިލާ ހަވާލުކޮށްދެއްވުމަށް އެދި އެރަށު ކައުންސިލުން މި އޮފީހަށް ލިޔުއްވާފައިވާކަމަށެވެ.

ކައުންސިލުތައް ބާރުވެރިކުރުމަކީ މި ސަރުކާރުގެ އަމާޒެއްކަމުގައި ދަންނަވަމެވެ. އެގޮތުން، ހއ. އިހަވަންދޫގައި ސަރުކާރުން ޤާއިމުކޮށްފައިވާ އައިސްޕްލާންޓް ހިންގާ ބެލެހެއްޓުން ހއ.އިހަވަންދޫ ކައުންސިލާ ހަވާލުކުރުމުގެ މަސައްކަތް ހަމަޖެހިފައިވާ އުސޫލުތަކާ އެއްގޮތަށް މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ އަދި މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އިން ކުރައްވަމުން ގެންދަވާކަމަށް މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ އިން މި އޮފީހަށް މަޢުލޫމަތު ދެއްވާފައިވާތީ، މި މަޢުލޫމާތު ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކައުންސިލްގެ އިދާރާއާ ޙިއްސާކޮށްދެއްވުން އެދި ދެންނެވީމެވެ.

ރައީސް އޮފީހުން ފޮނުވި ސިޓީގައި ބުނެފައިވެއެވެ.

މިކަމަށް ބާރުދެއްވައި އިހަވަންދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝިފާއު ބުނެފައިވަނީ ‏މި މަސައްކަތުގައި ރައީސުލް ޖުމްހޫރިއްޔާގެ އޮފީހާއި އިހަވަންދޫ ކައުންސިލްގެ ފަރާތުން ލިބުނު އެއްބާރުލުމަށް ފައްފަށުން ސުކުރު އަދާ ކުރާ ކަމަށާއި ލާމަރުކަޒީ ޤާނޫނަށް ގެނެވުނު ބޮޑެތި ބަދަލްތަކާއެކު އިހަވަންދޫ ކައުންސިލް މާލީގޮތުން ފުދުންތެރި ކައުންސިލަކަށް ހަދާނެކަމަށެވެ.