ދިވެހި ފުލުހުންނާއި، ދިވެހި ސިފައިން ގުޅިގެން ރޭ ހިންގަން ފެށި އޮޕަރޭޝަންގައި ތިން މީހަކު ހައްޔަރުކޮށްފިއެވެ.

ރޭ އެގާރަ ޖަހަން ކައިރިވެފައި ވަނިކޮށް ސަލާމަތީ ބާރުތައް ގުޅިގެން ޚާއްޞަ އޮޕަރޭޝަނެއް ފެށިކަމަށް ފުލުހުންގެ ޚިދުމަތުން ވަނީ ބުނެފައެވެ. މި އޮޕަރޭޝަން ފެށިކަން ހާމަކޮށް އެކްސްގައި ކުރި ޕޯސްޓް ކުޑައިރުކޮޅެއްތެރޭ ފުލުހުން ވަނީ ނަގާފައެވެ. އަދި ފަހުން މައުލޫމާތު ހާމަކުރާނެކަމަށް ބުނެ މީޑިއާތަކަށް މެސެޖެއް ފޮނުވިއެވެ.

Ad
rt

އެއަށްފަހު މެންދަމު 2:15 ހާއިރު އެކްސްގައި ކުރި ޕޯސްޓެއްގައި ފުލުހުން ބުނީ ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ފުލުހުންނާއި ސިފައިން ގުޅިގެން ކުރިއަށްގެންދާ ގައުމީ ސަލާމަތާއި ގުޅުންހުރި ހާއްސަ އޮޕަރޭޝަންގައި 3 މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

މީގެ އިތުރުން އެ މީހުންނާއި ގުޅުންހުރި ތަންތަން ބަލާފާސްކުރުމުގެ މަސައްކަތް ކުރިއަށްދާކަމަށް ވެސް ފުލުހުން ބުންޏެވެ.

''މި އޮޕަރޭޝަން ކުރިއަށް ދިޔަ މިންވަރަކުން، މި އޮޕަރޭޝަނާއި ގުޅޭ އިތުރު މައުލޫމާތު، ހާމަކުރެވެން އޮތް މިންވަރަކުން ހާމަކުރަމުން ގެންދާނެ ވާހަކަ ވެސް ދަންނަވަމެވެ.'' ފުލުހުން އެކްސްގައި ކުރި ޕޯސްޓްގައި ބުނެފަވެއެވެ.

މި އޮޕަރޭޝަން އެއްކޮށް ނިންމާލި ކަމެއް ސިފައިންނާއި ފުލުހުން އަދި ހާމަކޮށްފައެއްނުވެއެވެ.