ދައުލަތުގެ ބޭނުންކުރެވޭ ރިޒާވް ނުވަތަ ޔޫޒަބަލް ރިޒާވް 179.1 މިލިޔަން ޑޮލަރަށް އަރައިފިއެވެ.
މަރުކަޒީ ބޭންކު، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އާންމުކޮށްފައިވާ އެންމެ ފަހުގެ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި މިދިޔަ ފެބްރުއަރީ މަހުގެ ނިޔަލަށް ދައުލަތުގެ ރަސްމީ ރިޒާވް އަދި ބޭނުންކުރެވޭ ރިޒާވް ވަނީ އިތުރުވެފައެވެ.
މި ހިސާބުން ދައްކާގޮތުގައި އަހަރު ފެށުނުއިރު ޖެނުއަރީ މަހުގެ ނިޔަލަށް ރަސްމީ ރިޒާވް ހުރީ 708.1 މިލިޔަން ޑޮލަރުގައި ނަމަވެސް ފެބްރުއަރީ މަހުގެ ނިޔަލަށް މި އަދަދު ވަނީ 832.1 މިލިޔަން ޑޮލަރަށް އަރައިފައެވެ. މިއީ މަހުން މަހަށް 124 މިލިޔަން ޑޮލަރުގެ އިތުރުވުމެކެވެ. އަދި ޕަސެންޓޭޖުގެ ގޮތުން 18 އިންސައްތައިގެ ކުރިއެރުމެކެވެ.
މަރުކަޒީ ބޭނުންކުން އާންމުކުރި މައުލޫމާތަށް ބަލާއިރު، ދައުލަތުގެ ބޭނުންކުރެވޭ ރިޒާވަށްވެސް ވަނީ ފާހަގަކޮށްލެވޭ ކުރިއެރުމެއް އައިސްފައެވެ. މިގޮތުން އަހަރު ފެށުނުއިރު ޖެނުއަރީ މަހުގެ ނިޔަލަށް ބޭނުންކުރެވޭ ރިޒާވް ހުރީ 116 މިލިޔަން ޑޮލަރުގައެވެ. ނަމަވެސް ފެބްރުއަރީ މަހުގެ ނިޔަލަށް މި އަދަދު ވަނީ 179.1 މިލިޔަން ޑޮލަރަށް އަރައިފައެވެ. މިއީ މަހުން މަހަށް އަޅާބަލާއިރު 54 އިންސައްތައިގެ ކުރިއެރުމެކެވެ. އެހެންކަމުން ޖެނުއަރީ މަހުން ފެށިގެން ފެބްރުއަރީ މަހަށް ބޭނުންކުރެވޭ ރިޒާވަށް 63 މިލިޔަން ޑޮލަރު އިތުރުވެފައިވާކަން ފާހަގަކުރެވެއެވެ.
ރާއްޖޭގައި ދިމާވެފައިވާ ޑޮލަރުގެ މައްސަލަ ހައްލުކުރުމަށް ފާސްކުރި ބޭރު ފައިސާއާއި ބެހޭ ޤާނޫނަށް ޢަމަލުކުރަން ފެށުމާއެކު ރާއްޖޭގެ ދައުލަތުގެ ރިޒާވަށް ދަނީ ހެޔޮ ބަދަލު އަންނަމުންނެވެ.
މި ޤާނޫނު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަސްދީޤު ކުރެއްވީ 14 ޑިސެމްބަރު 2024 ގައެވެ.
މި އައު ޤާނޫނުގެ ދަށުން، ވަކި ފަރާތްތަކަކަށް ބޭރު ފައިސާގެ އާމްދަނީ ބޭންކު އެކައުންޓަކަށް ޖަމާކޮށް، އެ ފައިސާ މާރުކުރުން ލާޒިމްކުރެއެވެ. މި ގޮތުން މާރުކުރަން ޖެހޭ ފަރާތްތަކުގެ ތެރޭގައި ހިމެނެނީ ޓޫރިޒަމް ދާއިރާގެ ވިޔަފާރިތަކުގެ އިތުރުން އަހަރަކު މަދުވެގެން 15 މިލިއަން ޑޮލަރުގެ އާމްދަނީ ލިބޭ ފަރާތްތަކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!