ބާވެ ވީރާނާ ވަމުންދާ އަމީރު އަމީން ސްކޫލުގެ މަރާމާތު މަސައްކަތްތަކާއި ފަރުނީޗަރ ފޯރުކޮށްދިނުމަށް ސިޓީ ގަރާޖާއި އެކު އެއްބަސް ވުމެއްގައި ކުޅުދުއްފުށީ ސިޓީ ކައުންސިލުން ސޮއި ކޮށްފިއެވެ.
މި އެއްބަސްވުމުގެ ދަށުން ކުރަން ހަވާލުކުރި މަރާމާތުގެ މަސައްކަތްތަކު ތެރޭގައި ސްކޫލް ކްލާސްރޫމްތަކުގެ އެތެރެއާއި ވަށާފާރު އަދި ގޭޓުތައް މަރާމާތްކޮށް، އިމާރާތުގެ ފުރާޅާއި ކުޅޭ ސަރަހައްދުގެ ހިޔާގަނޑުތަކާއި ކުޅޭ ސާމާނު އައު ކުރުން ހިމެނެއެވެ.
މީގެ އިތުރުން އަލަށް އިތުރު ފާހާނާތައް ހެދުމާއި މިހާރު ސްކޫލުގައި ހުރި ފާހާނާތައް މަރާމާތުކުރުން ވެސް ހިމެނެއެވެ.
މި އެއްބަސްވުމުގެ ދަށުން 60 ދުވަހުގެ މުއްދަތެއް ތެރޭގައި މަސައްކަތް ނިންމަންޖެހޭއިރު، މިއަދު (06 މާރޗް 2025) ގައި ވަނީ މަރާމާތުގެ މަސައްކަތްތައް ފަށާފައެވެ. މަސައްކަތުގެ އަގަކީ މުޅި ޖުމްލަ 794،880.00 ރުފިޔާއެވެ.
ކޯވިޑް-19 އާ ގުޅިގެން 2020 ވަނަ އަހަރު ސެޕްޓެމްބަރ މަަހު ތެރޭގައި މި ސްކޫލްގެ ކިޔެވުން އެއްކޮށް މެދުކެނޑި، ސްކޫލްގެ ކިޔެވުން އިތުރަށް ކުރިއަށް ނުގެންދެވުނީ މާލީ ދަތި ތަކުގެ ސަބަބުންނެވެ. އޭރު ސްކޫލްގައި 322 ދަރިވަރުން ކިޔަވަމުން ގެންދިޔައިރު 100 އަށް ވުރެއް ގިނަ ދަރިވަރުން ވަނީ ސްކޫލުން ވަކިވެފައެވެ. އަދި 14 މުވައްޒަފުން ސްކޫލުގައި މަސައްކަތް ކުރަމުން ދިޔައެވެ.
އަމީރު އަމީން ސްކޫލް އަލުން ފެށުމަކީ މިހާރު ސިޓީ ކައުންސިލް މޭޔަރުގެ ކެމްޕެއިން ވައުުދަކަށް ވާއިރު ސްކޫލް މަރާމާތު ކުރުން ވެގެން މިދަނީ ރައްޔިތުންގެ ހުވަފެންތަކުގައި ކުލަޖެހިގެންދާ ކަމަކަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!