ޤައުމިއްޔަތު އާލާކުރާ ދުވަހުގެ ޢަޒުމަކަށް ވާންވީ އިސްލާމީ ރީތި އުސޫލުތަކަށް ޢަމަލުކުރާ، ދިވެހީންގެ ހަރުދަނާ ސިފަތަކަށް ޤަދަރުކުރާ މީހަކަށްވުމަށްކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މުޢިއްޒު މިފަދައިންވިދާޅުވީ ޤައުމީ ފެންވަރުގައި މިއަދު ފާހަގަކުރާ ދިވެހި ޤައުމިއްޔަތު ދިރުވައި އާލާކުރާ ދުވަހުގެ މުނާސަބަތުގައި އެ މަނިކުފާނު ދެއްވި ޚާއްޞަ ޚިޠާބުގައެވެ.
މި ޚިޠާބުގައި މި ފަހަރު ޤައުމިއްޔަތު ދިރުވައި އާލާކުރާ ދުވަސް ދިމާވީ ރަމަޟާން މަހާއިކަން ފާހަގަކުރަށްވައި، މި ހެޔޮ އިއްތިފާޤާ މެދު ވިސްނާލުމަކީ ވަރަށް މުހިންމު ކަމެއްކަމަށް ވަނީ ވިދާޅުވެފައެވެ. އަދި ދިވެހީން އިސްލާމްދީން ބަލައިގަތުމުން، ދިވެހީން ދިރިއުޅޭ ގޮތްތަކަށް އެ ދީން ގެނުވި ހެޔޮ ބަދަލުތަކަށް ވިސްނާލުން ރަނގަޅުކަމަށް ރައީސް ވިދާޅުވިއެވެ.
މިގޮތުން ޢަޤީދާގެ ގޮތުން ބަލާއިރު، އިހަށް ދިވެހީން ތަބާވެ އުޅުނު ދެވިތަކާއި ވަހުމުތައް ދޫކޮށް، އެއްކައުވަންތަ މާތް ﷲއަށް ވަކީލުކުރަންފެށިކަން ރައީސް ފާހަގަކުރެއްވިއެވެ. އަދި އިންސާނިއްޔަތަށް ބަލާއިރު، އެކިއެކި ނަންނަމުގައި އިންސާނުން ޤުރުބާންކުރުން ނިމުމަކަށް ގެނެސް، އިންސާނީ ކަރާމާތް ދިފާޢުކޮށް މަތިވެރިކުރިކަން ފާހަގަކުރެއްވިއެވެ.
''އިމާރާތްކުރުމަށް ބަލާއިރު، ހިރިގަލުގެ ރީތި ފަންނީ މިސްކިތްތައް ބިނާކުރިއެވެ. އަޚްލާޤަށް ބަލާއިރު، ފަސްވަގުތު ނަމާދަށް ދިޔުމާއި، ވެރީންނަށް އިޙްތިރާމުކުރުމާއި، އަމާނާތްތެރިކަން އާންމުވިއެވެ. ވަކިން ޚާއްޞަކޮށް، ގުޅުންތެރިކަމަށް ބަލާއިރު، އެންމެހައި ދިވެހީންނަކީ އަޚުންތަކެއް ކަމަށް ގަބޫލުކުރެވި، އެކަކުއަނެކަކަށް އަޅައިލައި، ހަމްދަރުދީވުމުގެ ރީތި މިސާލުތަކަށް، ބޭރުގެ ލިޔުންތެރީންގެ ތާރީފުތައް އޮހެން ފެށިއެވެ. މުޅި ރާއްޖޭގައި އަމާންކަން ގާއިމުވިއެވެ. މީގެ އިތުރަށް، ބޭރުން ބަޔަކު ރާއްޖެއަށް ހަމަލާދިނަސް، މާތްވެގެންވާ އިސްލާމްދީނުގެ ދިފާޢުގައި ޙައްޤު ގޮތުގައި ޖިހާދުކޮށް، މި ލޮބުވެތި ވަޠަން މިނިވަންކުރި'' ރައީސް ވިދާޅުވެފަވެއެވެ.
ރައީސް ވިދާޅުވިގޮތުގައި މިއަދު ދިވެހީންގެ ތެރޭގައި ދިވެހި ޤައުމިއްޔަތުގެ މާނަތައް އަލުން ހަރުލައްވަން މަސައްކަތްތަކެއް ވަނީ ކުރަން ޖެހިފައެވެ. އެކަމަށް ޓަކައި މި ޒަމާނުގައި ބޭނުންވަނީ ޢިލްމީ ހަމަތަށްކަމަށާއި، އެހެންކަމުން، ދިވެހިރައްޔިތުން އެމަނިކުފާނާއި މަގާމުގެ މަސްއޫލިއްޔަތު ހަވާލުކުރެއްވި ފުރަތަމަ ދުވަހުން ފެށިގެން އެ މަސައްކަތް ކުރަށްވަމުން ގެންދަވާކަން ރައީސް ފާހަގަކުރެއްވިއެވެ.
''އިރާދަކުރެއްވިއްޔާ ދިވެހި ޤައުމިއްޔަތު ޢިލްމީ ހަމަތަކުގެ މަތިން އުނގަންނައިދެވެމުންދާނެއެވެ. ދިވެހީންގެ ތަޖުރިބާތަކާއި ހުނަރުތައް ފަހަށް ރައްކާކުރެވެމުންދާނެއެވެ. ދިވެހީންގެ ތަރިކަތައް، ޒަމާނީ ޓެކްނޯލޮޖީއާއި، އިޤުތިޞާދީ ވިސްނުން ޝާމިލުކޮށްގެން ދެމެހެއްޓެމުން ބެލެހެއްޓެމުންދާނެއެވެ. މީގެ އިތުރަށް، މާތްވެގެންވާ އިސްލާމްދީން މެދުވެރިކޮށް، ދިވެހީންގެ ސަގާފަތް އަބަދުވެސް އިޞްލާޙުކުރެވެމުން، ނުރަނގަޅު ދޮރުތައް ބަންދުކުރެވެމުން ރަނގަޅު ކަންކަމަށް ތަރުޙީބުދެމުން ކުރިޔަށް ދާނެއެވެ.'' ރައީސް ވިދާޅުވެފަވެއެވެ.
ރައީސް ވިދާޅުވިގޮތުގައި، ދިވެހި ޤައުމިއްޔަތު ދިރުވައި އާލާކުރާ ދުވަހުގެ ޢަޒުމަކަށް ވާންވީ، އިސްލާމްދީނުގެ ރީތި އުސޫލުތަކަށް ޢަމަލުކުރާ، ދިވެހީންގެ ހަރުދަނާ ސިފަތަކަށް ޤަދަރުކުރާ މީހަކަށްވުމުގެ ޢަޒުމެވެ. އޭރުން ރޫޙާނީ ގޮތުންނާއި، ނަފުސާނީ ގޮތުން ޠާހިރުކަން ލިބުމާއެކު، މަސައްކަތްތެރި މުރާލި ހުނަރުވެރި ތަހުޒީބު މީހަކަށް ވެވޭނެކަމަށް ރައީސް ވިދާޅުވިއެވެ. އަދި އެ ފަދަ ޤައުމަކީ ބާއްޖަވެރި އުފާވެރި ޤައުމެއް ކަމަށް ވެސް ވިދާޅުވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!