ކޮންމެ އަހަރެއްގެ ރަމަޟާން މަހާ ދިމާކޮށް ބާއްވާ އޮފީސްތަކުގެ ޤުރުއާން މުބާރާތް އިއްޔެ ފަށައިފިއެވެ.

އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ބުނީ މި މުބާރާތުގައި މިއަހަރު 24 އޮފީހަކުން ޖުމްލަ 94 ބައިވެރިން ވާދަކުރާ ކަމަށެވެ.

Ad
rt

ކީރިތި ޤުރުއާނާ ބެހޭ ޤައުމީ މަރުކަޒުގެ ބެލުމުގެ ދަށުން ކުރިއަށްދާ މި މުބާރާތުގެ ކިޔެވުންތައް ކުރިއަށްދަނީ މާލޭގެ ސަލްމާން މިސްކިތުގެ އޮޑިޓޯރިއަމްގައެވެ.

މުބާރާތުގެ ކިޔެވުންތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ރަމަޟާން މަހުގެ ފުރަތަމަ ހަފްތާގެ ނިޔަލަށްކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން މައުލޫމާތު ދީފަވެއެވެ.

އެ ވުޒާރާއިން މަޢުލޫމާތު ދެއްވިގޮތުގައި މި މުބާރާތަކީ ރަމަޟާން މަސް އިޙްޔާކޮށް ދިރުވުމުގެ ގޮތުން 2016 ވަނަ އަހަރުން ފެށިގެން އެ ވުޒާރާއިން އިންތިޒާމްކޮށްގެން ބާއްވަމުން އަންނަ މުބާރާތެކެވެ.

މި މުބާރާތް ބޭއްވުމުގެ މަޤްޞަދަކީ ދައުލަތުގެ މުވައްޒަފުންގެ މެދުގައި ކީރިތި ޤުރުއާން ކިޔެވުމުގެ ރޫޙު އާލާކޮށް، ޤުރުއާނަށް ޚާއްޞަ އަހައްމިއްޔަތުކަމެއް ދިނުމެވެ.