ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އާއި ސިފައިންގެ ވެލްފެއާ ކުންފުނި (ސިވެކް) އާ ދެމެދު މުވައްޒަފުން ތަމްރީންކުރުމާ ގުޅޭ ފަހުމުނާމާއެއްގައި މިއަދު ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގެ ދަށުން ސްޓެލްކޯގެ މުވައްޒަފުން އެކި ދާއިރާތަކުން ތަމްރީންކުރުމުގެ މަސައްކަތް ސިވެކްގެ އެހީތެރިކަމާއެކު ކުރިއަށް ގެންދިއުމަށް ވަނީ އެއްބަސްވެފައެވެ.

Ad
rt

މި ފަހުމުނާމާގައި ސްޓެލްކޯގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރ ޙުސައިން ފަހުމީއެވެ. އަދި ސިވެކްގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ ކާނަލް އަޙުމަދު ޒުބައިރެވެ.

ސޮއިކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރ ޙުސައިން ފަހުމީ ވިދާޅުވީ، ސްޓެލްކޯގެ މުވައްޒަފުން ބައެއްފަހަރު ނުރައްކަލުގެ ޙާލަތްތަކަށް ހުށައެޅޭ ކަމަށާއި، އެފަދަ ހާލަތްތަކަށް މުވައްޒަފުން ތައްޔާރުކުރުމަށްޓަކައި މި ތަމްރީންތައް ވަރަށް މުހިންމު ކަމަށެވެ.

"އަޅުގަނޑުމެންގެ ޕްރޮޕަޓީޒްތަކަށް ވައްކަންކުރަން ވަތް މީހުންނާވެސް އެބަހުރި އަޅުގަނޑުމެންގެ މުވައްޒަފުން ކުރިމަތިލާފައި. އަޅުގަނޑުމެން ބަލައިލިން މި ބޭފުޅުންނަކީ މި ޓްރޭނިންގ ޕްރޮގްރާމް ހަދާފަ ތިބި ބައެއްތޯ. މީގެން ކުރި ފައިދާއެއްތޯ، އަސްލުގަ މި ބޭފުޅުން މިކަހަލަ ކަމެއް ދިމާވީމަ އިސްނަގަން ކެރުނީ ކިހިނެއްތޯ. ބެލީރުގަ ދަންނަވަންތޯ ހުރިހާ މުވައްޒަފުންނަކީވެސް އަޅުގަނޑުމެން މި ހިންގި ލީޑަރޝިޕް ޓްރެއިނިންގ ޕްރޮގްރާމްގައި އެމްއެންޑީއެފް ބޭކަލުން ޓްރެއިން ކޮށްދެއްވާފަ ތިބި ބޭފުޅުން." ފަހުމީ ވިދާޅުވިއެވެ.

މީގެކުރިންވެސް ސްޓެލްކޯއިން ވަނީ "ލީޑަރޝިޕް އެންހޭންސްމަންޓް ޕްރޮގްރާމް"ގެ ދަށުން ސިވެކްގެ އެހީއާއެކު 668 މުވައްޒަފުން ތަމްރީންކޮށްފައެވެ. މިއަދު ސޮއިކުރެވުނު ފަހުމުނާމާގެ ދަށުން މިއަހަރު ނިމުމުގެ ކުރިން ސްޓެލްކޯގެ ހުރިހާ މުވައްޒަފުން ތަމްރީންކުރުމަކީ ސްޓެލްކޯގެ އަމާޒެކެވެ.

މި ތަމްރީން ޕްރޮގުރާމްގެ ދަށުން ބޭސިކް ފަސްޓް އެއިޑް، ފަޔަރ އެވެއާނެސް، އިންޑަސްޓްރިއަލް ފަޔަރ ބްރިގޭޑް ކޯސް، ސެކިއުރިޓީ އޮފިސަރުންގެ ޓްރެއިނިންގ، ސުވިމިންގް އެންޑް ރެސްކިއުގެ އިތުރުން ލައިފް ކޯޗިންގއާގުޅޭ ތަމްރީންތައް ކުރިއަށްދާނެކަމަށް ސްޓެލްކޯއިން ބުނެފައިވެއެވެ.