މިއީ މަސްވެރިން މަސް ކިރުމަށް ކިޔުގައި ޖެހޭނެ ފަހު އަހަރު ކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް މިއަދު ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ، މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވަޒީރާއި ސުވާލުކުރުމުގެ ވަގުތުގައި މެމްބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

Ad
rt

ވަޒީރު ޝިޔާމް ވިދާޅުވީ، ދޮށީގެ މަސްވެރިކަމުގައި މިވަގުތު ކިޔުއެއް އެބަ އޮތް ކަމަށާއި، އެއްވެސް ސަރުކާރަކުން މި ކިޔު ނައްތައިލުމަށް އެއްވެސް މަސައްކަތެއް ކޮށްފައި ނުވާ ކަމަށެވެ. އަދި މިހާރު ކިޔު ނަންބަރު ދެވެނީ ދޯނިތަކުން ގުޅައިގެން މަސް ކިރަން އަންނަ ކަމަށް އަންގާ އިރު ކަމަށާއި، ނަމަވެސް ގިނަ ފަހަރު ބަނދަރާ ހަމައަށް އާދެވޭއިރު އަންގާފައިވާ މިންވަރަށްވުރެ މަދުން މަސް ހުންނަ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.

"އިރާދަ ކުރެއްވިއްޔާ މިއީ ކިއުގައި ޖެހޭނެ ފަހު އަހަރު. އަޅުގަނޑުމެން ސަރުކާރުގެ ޑިވެލޮޕްމަންޓް ޕްލޭންގައި ނޫނީ މިހާރު މަސްވެރިކަމުގެ ސިނާއަތުން ކުރެވޭ މަސައްކަތްތަކުން އިރާދަކުރެއްވިއްޔާ މި ކިޔު އަޅުގަނޑުމެން ނައްތާލާނަން،" ވަޒީރު ވިދާޅުވިއެވެ.

މީގެ އިތުރުން، ވަޒީރު ވިދާޅުވީ މި މަހުގެ 30 އާ ހަމައަށް ބައެއް ދޯނިތަކަށް ކިޔު ނަންބަރު ދީފައި އެބަހުރި ކަމަށާއި، ނަމަވެސް މި ދުވަސްވަރު ފުލް ކެޕޭސިޓީއަށް މިފްކޯއިން މަސް ގަންނަމުންދާތީ މިއަދު ނޫނީ މާދަމާ އެ ދޯނިތަކަށް މަސް ކިރޭނެ ކަމަށެވެ. އަދި މަސް ގަތުމުގެ ކެޕޭސިޓީ އިތުރުކުރުމަށް މިފްކޯގެ ޖަޒީރާ 1 އަދި ޖަޒީރާ 2 ބޯޓު މި ހަފްތާގައި އޮޕަރޭޝަނަށް ގެނެވޭނެ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

މަސްވެރިކަމުގެ ސިނާއަތު ތަރައްޤީ ކުރުމަށް ސަރުކާރުން ގެންގުޅޭ ޕްލޭނާއެކު މަސްވެރިން މަސް ކިއުގައި ތިބޭ ތިބުން ނިމުމަކަށް ގެނެވޭނެ ކަމަށް ވަޒީރު ޝިޔާމް ވަނީ މަސްވެރިންނަށް އުއްމީދު ދެއްވާފައެވެ.