ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ދިވެހިރާއްޖޭގެ އިސްރަށްވެހިންގެ ޖަމުޢިއްޔާއާ ބައްދަލުކުރައްވައިފިއެވެ.
މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ކުރިއަށް ދިޔަ މި ބައްދަލުކުރެއްވުމުގައި، ދިވެހިރާއްޖޭގެ އިސްރަށްވެހިންގެ ޖަމުޢިއްޔާގެ ފަރާތުން، އެ ޖަމުޢިއްޔާ ހިންގުމުގައި ދިމާވާ އެކިއެކި ގޮންޖެހުންތަކާއި، އެ ޖަމުޢިއްޔާގެ މެންބަރުންގެ ކަންބޮޑުވުންތައް ރައީސް އާއި ހިއްސާކުރެއްވި ކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ.
ރައީސް އޮފީހުން ބުނިގޮތުގައި، އެ ޖަމިއްޔާއިން ވަނީ އިސްރަށްވެހިންގެ ނާދީ އަލުން ހުޅުއްވައިދެއްވިކަމަށްޓަކައި ރައީސް އަށް ޝުކުރުއަދާކުރަށްވައި، އިސްރަށްވެހިންގެ ނާދީގެ ހިންގުން އިތުރަށް ހަރުދަނާކޮށް، އެތަނުގައި އިސްރަށްވެހިންނަށް ޚާއްޞަކޮށް ހިންގޭ އެކިއެކި ޕްރޮގްރާމްތަކުގައި އިސްރަށްވެހިންގެ ބައިވެރިވުން އިތުރުކުރުމަށް މަޝްވަރާކުރަށްވާފައެވެ.
މީގެ އިތުރުން ދިވެހިރާއްޖޭގެ އިސްރަށްވެހިންގެ ޖަމުޢިއްޔާ ފަދަ އަމިއްލަ ޖަމުޢިއްޔާތައް ހިންގުމަށް ބޭނުންވާ އޮފީސް ޖާގަ ހޯދުމުގައި ހުރި ދަތިތައް އެ ބޭފުޅުން ރައީސާ ވަނީ ހިއްސާކުރަށްވާފައެވެ.
މި ބައްދަލުކުރެއްވުމުގައި، ދިވެހިރާއްޖޭގެ އިސްރަށްވެހިންގެ ޖަމުޢިއްޔާއިން ވަނީ ދިވެހިރާއްޖޭގެ ކުރިމަގަށް ފައިދާހުރި އެކިއެކި ދާއިރާތަކުން ތަޖުރިބާ ހިއްސާކުރެއްވުމަށް އެ ޖަމުޢިއްޔާގެ މެންބަރުން ތައްޔާރަށް ތިއްބެވިކަމަށް ރައީސަށް ދަންނަވާފައެވެ.
ރައީސް މުޢިއްޒު މި ބައްދަލުކުރެއްވުމުގައި ދެއްކެވި ވާހަކަފުޅުގައި އަމިއްލަ ޖަމުޢިއްޔާތައް ހިންގުމަށް ސަރުކާރުން އެހީތެރިކަން ދެއްވުމަށް އެ މަނިކުފާނު ގެންގުޅުއްވާ ވިސްނުންފުޅު ހިއްސާކުރައްވާފައިވާއިރު، އެ ގޮތުން ދިވެހިރާއްޖޭގެ ކުރިއެރުމަށް ހިއްސާވާ އެކިއެކި ޖަމުޢިއްޔާތަކަށް އޮފީސް ޖާގަ ހޯއްދަވައިދެއްވުމަށް އޮފީސް ކޮމްޕްލެކްސްއެއް ޢިމާރާތް ކުރެއްވުމަކީ އެ މަނިކުފާނުގެ މެނިފެސްޓޯގައި ހިމަނުއްވާފައިވާ ކަމެއްކަން ވަނީ ފާހަގަކުރަށްވާފައެވެ. އަދި ސަރުކާރުގެ ކަންކަން ތަރުތީބުވެގެން އަންނަ އުސޫލުގެ ތެރެއިން ބަޖެޓުވެގެން އެ މަސައްކަތް ކުރިއަށް ގެންދަވާނެކަމަށް ވަނީ ވިދާޅުވެފައެވެ.
ރައީސް މުޢިއްޒު ވަނީ، މި ބައްދަލުކުރެއްވުމުގައި އިސްރަށްވެހިންގެ ޖަމުޢިއްޔާއިން ހުށައެޅުއްވި އެކިއެކި ކަންކަމަށް ޙައްލު ހޯއްދަވައިދެއްވުމަށް މަސައްކަތް ކުރައްވާނެކަމުގެ ޔަޤީންކަން ދެއްވާފައިކަމަށް ރައީސް އޮފީހުން މައުލޫމާތު ދީފަވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!