މިއަދު ހެނދުނު އއ. މަހިބަދޫ އާއި އއ. ދިގުރަށާ ދެމެދު "ހުވަން" ނަމަކަށް ކިޔާ ލޯންޗެއް ދިޔަވެ އަޑިއަށްދިއުމާ ގުޅިގެން މީހުން ސަލާމަތްކުރުމަށް ފުލުހުން ހިންގި އޮޕަރޭޝަންގައި ބައިވެރިވި ފުލުހުންނަށް ކޮމިޝަނަރ އޮފް ޕޮލިސް އަލީ ޝުޖާޢު ގުޅުއްވައި ތަޢުރީފް ކުރަށްވައިފިއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން މައުލޫމާތު ދީފައިވާ ދެއްވިގޮތުގައި، ދިގުރަށުން މާލެއަށް ދަތުރުކުރަމުންދިޔަ މި އުޅަނދުގައި 45 ފަސިންޖަރުންނާއި 3 ފަޅުވެރިން ދަތުރު ކުރިއެވެ. މި ހާދިސާގެ ރިޕޯޓް ފުލުހުންނަށް ލިބިފައިވަނީ މިއަދު ހެނދުނު 07:57 ގައެވެ.
މި ލޯންޗުން ދަތުރުކުރި މީހުން ސަލާމަތްކުރުމަށް ފުލުހުން އަވަސް އޮޕަރޭޝަނެއް ހިންގާފައިވާއިރު، އެއް ވެސް މީހަކަށް އަނިޔާނުވެ އެ މީހުން ވަނީ ސަލާމަތުން ދިގުރަށަށް ގެންގޮސްދީފައެވެ.
މިކަމުގައި ފުލުހުން ކުރި މަސައްކަތް ފާހަގަކުރަށްވައި ހިތްވަރުދެއްވެމަށް ސީޕީ ޝުޖާޢު ފޯނުކޯލެއް އެ ފުލުހުންނަށް ކުރަށްވާފައިވާއިރު، މި ފޯނު ކޯލުގައި އެ ފުލުހުންގެ މަސައްކަތަށް ޝުކުރު އަދާކުރަށްވާފައި ވެއެވެ. އަދި ހާއްސަކޮށް ރަމަޟާން މަހުގެ ދުވަހެއްގެ ހެނދުނުގެ ވަގުތުގައި މި މަސައްކަތް ކުރިއަށް ގެންދިއުމުގައި އޮފިސަރުން ދެއްކެވި ނަމޫނާއަށް ފާހަގަކުރަށްވައި އެ މަސައްކަތާމެދު ފަހުރުވެރިވާކަމަށް ވަނީ ވިދާޅުވެފައެވެ. އަދި މީހުންގެ ފުރާނަ ސަލާމަތްކުރުމަށް ކުރި މަސައްކަތުގެ މުހިންމުކަން ފާހަގަކުރައްވައި، ސަލާމަތްކުރުމުގެ މަސައްކަތް ވިލަރެސްކުރުމުގައި ކޮށްފައިވާ މަސައްކަތްވެސް ފާހަގަކުރެއްވިއެވެ.
ޑެޕިއުޓީ ކޮމިޝަނަރުންކަމުގައިވާ އިސްމާޢީލް ނަވީން އަދި ފަރުހާދު ފިކުރީ ވެސް މި ފޯނު ކޯލުގައި ބައިވެރިވެ، އޮފިސަރުންގެ އަވަސް އަދި ހަރުދަނާ މަސައްކަތަށް ތައުރީފުކުރެއްވިއެވެ. ޑެޕިއުޓީ ކޮމިޝަނަރ ފަރުހާދު ފިކުރީ ވިދާޅުވީ އޮޕަރޭޝަންގައި ބައިވެރިވި ފުލުހުންގެ އަވަސް ނިންމުންތަކަކީ އެފަރާތްތަކުގެ ތައްޔާރީ އަދި އިހުލާސްތެރި މަސައްކަތުގެ ހެއްކެއްކަމުގައެވެ.
ޑެޕިއުޓީ ކޮމިޝަނަރ އިސްމާޢީލް ނަވީން ފާހަގަކުރެއްވި ގޮތުގައި، 4 ކުޑަކުދިން ހިމެނޭ ގޮތަށް އުޅަނދުގައި ތިބި 48 މީހުން ރައްކާތެރިކަމާއެކު ސަލާމަތްކުރެވުނު މި އޮޕަރޭޝަންގެ ކޯޑިނޭޝަން ވަރަށް ރަނގަޅަށް ގޮސްފައިވެއެވެ.
މި އޮޕަރޭޝަންގައި އާންމު ރައްޔިތުންގެ ދައުރު ފާހަގަކުރައްވައި، މީހުން ދިގުރަށަށް އަނބުރާ ގެންދިއުމުގައި އެހީތެރިވި ލޯންޗެއް ފާހަގަކުރައްވައި ރީޖަން ކޮމާންޑަރ އެ ބޭފުޅުންނަށް ޝުކުރު އަދާކުރެއްވިއެވެ.
މި ހާދިސާގެ ތަހުގީގެއް ދިވެހި ފުލުހުންގެ ޚިދުމަތުން ވަނީ ފަށާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!