އދ. ދިގުރަށުން ފުރައިގެން މާލެއަށް ދަތުރުކުރަމުން ދިޔަ ލޯންޗެއް އަޑިއަށް ހިނގައްޖެއެވެ.

ފުލުހުންގެ ޚިދުމަތުން ބުނީ މިއަދު ހެނދުނު 07:57 ހާއިރު، ދިގުރަށުން ފުރައިގެން މާލެއަށް ދަތުރުކުރަމުން ދިޔަ "ހުވަން" ނަމަކަށް ކިޔާ ލޯންޗެއް އަޑިއަށްދާ ކަމުގެ މައުލޫމާތު އެ އިދާރާއަށް ލިބުނު ކަމަށެވެ.

Ad
rt

އެއިރު އެ ލޯންޗުގައި 45 ފަސިންޖަރުންނާއި، ތިން ކްރޫންނާއެކު ޖުމްލަ 48 މީހަކު ދަތުރުކުރަމުން ދިޔަކަމަށް ފުލުހުން ބުންޏެވެ.

މި މައުލޫމާތު ލިބުމާއި ގުޅިގެން ފުލުހުންގެ އިމަރޖެންސީ ރެސްޕޮންސް ޓީމު ވަގުތުން އެ ލޯންޗު އަޑިއަށް ދިޔަ ސަރަހައްދަށް ދަތުރުފަށައި، އެ ސަރަހައްދަށް ގޮސް ކަނޑުވި ހުރިހާ އެންމެން ސަލާމަތްކޮށްފައިވާކަމަށް ފުލުހުން ބުންޏެވެ.

މި ލޯންޗުން ދަތުރުކުރި މީހުންގެ ތެރޭގައި ތެރޭގައި ހަތަރު ކުޑަކުދިން ވެސް ހިމެނޭކަމަށް ފުލުހުން ބުންޏެވެ.

މިހާރު އެންމެންވެސް ދިގުރަށަށް އަނބުރާ ގެންގޮސްދީފައިވާއިރު، މި ހާދިސާގައި ކަނޑުވި އެންމެންގެ ހާލުވެސް ރަނގަޅު ކަމަށް ފުލުހުން މައުލޫމާތުދެއެވެ.

މިހާދިސާ ހިނގަން މެދުވެރިވި ސަބަބުގެ ދެނެގަތުމުގެ ތަހުގީގެއް ފުލުހުން ފަށާފައިވާއިރު، މި މީހުން ސަލާމަތްކުރުމުގެ އޮޕަރޭޝަންގައި ބައިވެރިވި ފަރާތްތަކާއި، އެހީތެރިކަން ދިން ފަރާތްތަކަށް ފުލުހުން ވަނީ ޝުކުރު އަދާކޮށްފައެވެ.