މާލޭގައި ފެން ބޮޑުވުމުގެ ސަބަބުން ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަަަސައްކަތް ސަރުކާރުގެ ކަމާބެހޭ އިދާރާތައް ގުޅިގެން ކުރަމުން އަންނަކަމަށް ސަރުކާރުން ބުނެފިއެވެ.

ރައީސް އޮފީހުގެ އިސް ތަރުޖަމާނު ހީނާ ވަލީދު ދެންމެ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ބޯކޮށް ވާރޭވެހި މާލޭގެ ބައެއް މަގުތަކުގައި ފެންބޮޑުވުމާގުޅިގެން ކަމާބެހޭ މުއައްސަސާތައް ގުޅިގެން ފެންހިންދުމުގެ މަސައްކަތާއި ވެލި ބަސްތާތައް ޖެހުމުގެ މަަަސައްކަތް ކުރަމުން އަންނަކަމަށެވެ.

Ad
rt

’’ވިއްސާރައިގެ ސަބަބުން ރައްޔިތުންނަށް ދިމާވާ ދަތިތައް ކުޑަކުރުމަށާއި ރައްޔިތުންގެ ޙާލު ގާތުން ބަލާ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަަަސައްކަތް ސަރުކާރުގެ ކަމާބެހޭ ހުރިހާ އިދާރާތައް ގުޅިގެން ޚާއްޞަ ސަމާލުކަމަކާއެކު ދަނީ ކުރިއަށް ގެންދަވަމުން.’’ ހީނާ ވިދާޅުވެފަވެއެވެ.

ބޯކޮށް ވާރޭވެހި މާލޭގެ ބައެއް ސަރަހައްދުތަކުގައި ފެން ބޮޑުވެފައިވާއިރު ފުލުހުންނާއި ސިފައިން ވެސް އަންނަނީ އާންމުންނަށް އެހީތެރިކަން ފޯރުކޮށް ދިނުމަށް ހަރަކާތްތެރި ވަމުންނެވެ.

މީގެ އިތުރުން ޕަމްޕް ބަހައްޓައިގެން ފެން ބޮޑުވި ސަރަހައްދުތަކުން ފެން ހިންދުމުގެ މަސައްކަތް ވެސް އަންނަނީ ކުރަމުންނެވެ.