ބޯކޮށް ވާރޭ ވެހި މާލޭގެ ބައެއް މަގުތަކުގައި ފެން ބޮޑުވެއްޖެއެވެ.

އެމްއެންޑީއެފުން ބުނީ، ބޯކޮށް ވާރޭ ވެހި މާލޭގެ ބައެއް މަގުތަކުގައި ފެންބޮޑުވުމާ ގުޅިގެން، ފެންހިންދުމުގައާއި، ވެލި ބަސްތާ ޖެހުމުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް ސިފައިން ހަރަކާތްތެރިވަމުން އަންނަކަމަށެވެ.

Ad
rt

މީގެ އިތުރުން މާލެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި މާލޭގެ ބައެއް ސަރަހައްދު ތަކުގައި ފެންބޮޑުވުމާ ގުޅިގެން ފެން ހިންދުމުގެ މަސައްކަތް ކުރިއަށްދާއިރު ރައްޔިތުންނާއި މުދަލުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ފުލުހުން ތައްޔާރީ ހާލަތުގައި ތިބިކަމަށް ފުލުހުންގެ ޚިދުމަތުން ވަނީ ބުނެފައެވެ.

ފެން ބޮޑުވުމާއި ގުޅިގެން އެހީތެރިކަމެއް ބޭނުންވާނަމަ 911 އަށް ގުޅުމަށް ވެސް ފުލުހުން ވަނީ އެދިފައެވެ.

މިއަދުގެ އެކި ވަގުތު ތަކުގައި މާލެ އަށް ވާރެ ވެހިފައިވާއިރު، އިރު އޮއްސޭކަށް ހާއިރު ވެހެން ފެށި ވާރެ 22:00 އިރު ވެސް ނުހުއްޓައެވެ. މިވަގުތު ވެސް މާލޭގެ ބައެއް ސަރަހައްދުތަކަށް ދަނީ ބޯ ކެރި ވެހެމުންނެވެ.

މާލޭގެ ބައެއް މަގުތަކުގައި ފެން ބޮޑުވެފައިވާއިރު، މޫސުމާ ބެހޭ ޤައުމީ އިދާރާ، މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސްގެ މެޓް އޮފީހުން ވަނީ ބ. އަތޮޅުން ފެށިގެން ދ. އަތޮޅު ހިމެނޭ ސަރަހައްދުތަކަށް މޫސުން އިތުރަށް ގޯސްވެ، އޮރެންޖު އިންޒާރު ވެސް ނެރެފައެވެ. މި އަތޮޅުތަކަށް އޮރެންޖު އިންޒާރު ނެރެފައި ވަނީ މިރޭ 21:45 އިން މެންދަމު 2:00 އަށެވެ.

މޫސުމާބެހޭ ޤައުމީ އިދާރާއިން ބުނެފައިވާ ގޮތުގައި، އަންނަ ހޯމަ ދުވަހާ ހަމައަށް ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ވިއްސާރަކުރާނެއެވެ. ވަކިން ޚާއްސަކޮށް މެދުރާއްޖެތެރެއާއި ދެކުނުގެ އަތޮޅުތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހި، ވައިވެސް ގަދަވާނެ ކަމަށް އެ އިދާރާއިން ބުނެފައިވެއެވެ.