ކޮންމެ ރޯދަމަހަކުވެސް ޔަގީން ކުރަންވީ އެއްކަމަކީ ދިވެހިންގެ ސަލާމަތާއި ކާމިޔާބު ގުޅިފައިވަނީ، މާތްވެގެންވާ އިސްލާމް ދީނާކަން ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިފަދައިން ވިދާޅުވެފައިވަނީ މިއަދު ފެށުނު ރަމަޟާން މަހާއި ގުޅިގެން ދިވެހި އެންމެހާ ރައްޔިތުންނަށް ތަހުނިޔާ އާއި ހެޔޮއެދުންތައް އަރިސްކުރައްވައި ފޮނުއްވި ޚިޠާބުގައެވެ.
ރައީސް މުޢިއްޒު ވިދާޅުވީ ރަމަޟާން މަހަކީ ނިޢުމަތާއި ރަޙްމަތުން ފުރިގެންވާ މޫސުމެއް ކަމަށާއި، މި ބަރަކާތްތެރި މަހުގައި ހިފާ ރޯދައާއި، އަޅުކަމަށް ދޭ ސަމާލުކަމާއި، އަނެކުންނަށް ދޭ މަދަދާއި، ކެތްތެރިކަމާއި އިޙްސާންތެރިކަމުގައި ދެމިތިބުމަކީ، ޖިސްމަށާއި ރޫޙަށް ލިބިދޭ އަގުހުރި ތަރުބިއްޔަތެއް ކަމުގައެވެ.
އަދި ރާއްޖެ އިސްލާމްވީއްސުރެ، ރޯދަ މަހަކީ ދިވެހީންގެ ހިތްތަކުގައި ޚާއްޞަ ޤަދަރެއް ދެވިފައިވާ މަހެއްކަމަށާއި، މި މަހާ ގުޅިގެން ދިވެހީން ގެންގުޅޭ ރިވެތި އާދަކާދަތަކާއި ހަމަތައް، ދިވެހިވަންތަ ސަގާފަތުގެ މުއްސަނދިކަން އިތުރުކޮށްދޭކަމަށް ރައީސް ފާހަގަކުރެއްވިއެވެ.
ރައީސް މުޢިއްޒު އިތުރަށް ވިދާޅުވީ، ދިވެހިންނަށް މާތްﷲ ދެއްވާފައިވާ ނިޢުމަތްތަކާއި، އަމާންކަމާއި، ރަޙްމަތުގެ ބޮޑުކަން ހަނދާންކުރަންޖެހޭ ކަމަށާއި، އިސްލާމީ އުންމަތުގެ އެހެން އަޚުންނާއި އުޚްތުންނަށް، ޚާއްޞަކޮށް ފަލަސްޠީނުގެ އަހުލުވެރީންނާއި، ހަނގުރާމައާއި އަނިޔާވެރިކަމާއި ހައިހޫނުކަން ބަރުދާސްކުރަމުންދާ މިނޫން މުސްލިމް މުޖުތަމަޢުތަކާއި ޢާއިލާތަކަށް ކުޅަދާނަވީ މިންވަރަކުން އެހީތެރިކަން ފޯރުކޮށްދީ އެއްބާރުލުން ދިނުމުގައި ދެމި ތިބޭންވާނެ ކަމަށެވެ.
މި ޚިޠާބުގައި ރައީސް މުޢިއްޒު ދިވެހި ރައްޔިތުންނަށް ރަމަޟާން މަހުގެ ތަހުނިޔާ އާއި ހެޔޮއެދުންތައް އަރިސްކުރައްވާފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!