ޢިއްޒުއްދީން ފާލަމުން ދިވެހިވަންތަކަމާއި، ދިވެހިރާއްޖޭގެ ފަންނުވެރިކަމާއި، ރާއްޖޭގެ މާޒީ އަދި މުސްތަޤްބަލްވެސް ރަމްޒުކޮށްދޭކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ރޭ ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ، ޢިއްޒުއްދީން ފާލަން އަލުން ތަރައްޤީކޮށް އިފްތިތާޙުކުރެއްވުމަށް ފަހު ރޭ، ޖުމްހޫރީ މައިދާނުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.

Ad
rt

ރައީސްގެ ވާހަކަފުޅުގައި ވިދާޅުވީ، ކުރިންހުރި ފާލަން ހަލާކުވެގެންދިޔުމުން އަލުން މަރާމާތުކޮށް ހެދިގެންދިޔަ ފާލަމަކީ، ދިވެހިރާއްޖޭގެ ޤައުމީ ތަރައްޤީގެ ސިޔާސަތާ ވަރަށް ބޮޑަށް ގުޅިލާމެހޭގޮތަށް ފަރުމާކުރެވިފައިވާ ފާލަމެއް ކަމަށެވެ.

ރައީސް ވިދާޅުވީ، މި ސަރުކާރުން ތަރައްޤީ މާނަ ކުރަނީ، ޢުމްރާނީ ބިނާކުރުންތަކާއެކު، ފިކުރީ ބިނާކުރުން ހިމެނޭ ވަށާޖެހޭ ތަރައްޤީއެއް ގޮތަށް ކަމަށެވެ. އަދި ފިކުރީ ބިނާކުރުމުގެ ތެރޭގައި، ތިމާގެ ސިކުނޑީގައި، ވިސްނުމުގައި ޤައުމިއްޔަތު ދިރުވައި އާލާކުރުމުގެ ފިކުރީ ބިނާކުރުން ހިމެނޭގޮތަށް ކަމަށެވެ.

''މި ފާލަމުން އަޅުގަނޑުމެންގެ ދިވެހިވަންތަކަން، ދިވެހިރާއްޖޭގެ ފަންނުވެރިކަން، ރާއްޖޭގެ މާޒީ އަދި މުސްތަޤްބަލްވެސް އިރާދަކުރެއްވީތީ ރަމްޒުކޮށްދޭ.'' ރައީސް ވިދާޅުވެފަވެއެވެ.

މި ސަރުކާރުން ކުރިއަށްދާނީ، ދިވެހި ޤައުމު މިހާރުގެ ބަވަނަވެފައިވާ ދުނިޔޭގެ އެންމެފަހުގެ ޒަމާނީ ޓެކްނޯލޮޖީއާ އެކުގައި ކަމަށް ރައީސް ވިދާޅުވިއެވެ.

''އެއާއެކު ކުރިއަށްދާއިރުވެސް އަޅުގަނޑުމެންގެ އައިޑެންޓިޓީ ނުގެއްލޭ ގޮތަށް، ސިކުނޑި ތަރައްޤީވެފައިވާ ވަށާޖެހޭ ޤައުމެއް ގޮތުގައި ތަރައްޤީގެ މަގުގައިކަން މި ފާލަމުން ރަމްޒުކޮށްދޭ.'' ރައީސް އިތުރަށް ވިދާޅުވެފަވެއެވެ.

ރައީސް ވިދާޅުވީ، އެ ފާލަމަކީ ވީހާވެސް ގިނަ ރައްޔިތުން އެކަމަކަށްޓަކައި ފަޚުރުވެރިވާ ތަނަކަށްވާން ބޭނުންފުޅުވާ ކަމަށެވެ. ކުރިމަތީ އޮތީ ރަމަޟާން މަސްކަން ފާހަގަކުރަށްވައި، މާލޭގައި ހަވީރު ގަޑީގައި ޢާންމުކޮށް ދިވެހިން ނުކުމެލާ އުޅޭއިރުގައިވެސް ބޭނުންހިފޭ ތަނަކަށް އެތަންވާނެކަމަށް ރައީސް ވަނީ ފާހަގަކުރަށްވާފައެވެ.

ޢިއްޒުއްދީން ފާލަން އަލުން ފަރުމާކޮށް، ހަދައި ރޭ ރަސްމީކޮށް ހުޅުވިއިރު، ފާލަމުގެ މައި ސްޓްރަކްޗަރ އަލުން ފަރުމާކޮށް، އަޕްގްރޭޑްކުރުމުގެ މަސައްކަތް ކޮށްފައި ވަނީ އެމް.ޓީ.ސީ.ސީންނެވެ.