ކުރީގެ އަދަދާއި ގުޅޭ:

މިއަދު ޒައިނާގެ އެ ހާލަތަށް ބެލުން ނޫން ގޮތެއް އެ ދެމަފިރިންނަށް ނެތް ކަހަލައެވެ. މަހަކު އެއްފަހަރު ޒައިނާ ދެކިލަން އާދެއެވެ. ބައެއް ދުވަސް ދުވަހު، އެ މީހުން ފައްސާ ބޭރު ކުރެއެވެ. އަނެއްބައި ދުވަސް ދުވަހު، އެ މީހުންނަށް އަނިޔާ ކުރަން މަސައްކަތް ކުރެއެވެ.

Ad
rt

އަރޫޝާއަށް ލޯ ހުޅުވާލެވުމާއެކު އޭނާ ސިއްސައިގެން ދިޔައީ އެނދުގައި ދާއިން ނެތުމުންނެވެ. ފުންމައިގެން ތެދުވެ އޭނާ ފުރަތަމަ ވެސް ބަލައިލީ ފާހާނާ ބޮކި ދިއްލާފައި ހުރިތޯއެވެ. އިތުރަށް އޭނާ ބިރުގަތީ ފާހާނާގައި ވެސް ދާއިން ނެތްކަން އެނގުމުންނެވެ. އިސްތަށިގަނޑުގައި ހުޅި ޖަހަމުން އޭނާ އެނދުގެ މިޔަދަށަށް ޖެހިލީ ބަރުހެލިކަމާއެކުއެވެ. އެއް އަތުން ބަނޑުގައި އަތް ޖައްސާލައިގެން އޭނާ ތެދުވިއެވެ.

ވަގުތަކީ ކިރު ތައްޓެއް ހިފައިގެން ދާއިން އައިސް ކޮޓަރިއަށް ވަތް ވަގުތެވެ. އެއާއެކު އަރޫޝާ ދެ ލޯ ބޮޑުކޮށްލަމުން އެނދުގައި އަނެއްކާ ވެސް އިށީނެވެ.

" އަޅެ! ބައްޕީ. ވަރަށް ބޮޑަށް ތި ކުއްވެރިވީ. " އަރޫޝާ ބުނެލީ ރުޅި އަންނަ ގޮތް ދައްކާލަމުންނެވެ.

" އަރޫ މާ ބޮޑަށޭ ތި ހާސްވަނީ. އަހަރެންގެ މި ދަރިފުޅަށް ވުރެ ވެސް ބޮޑަށް މިހާރު މަގޭ ބޭބީ ކޮށްގެން ތި އުޅެނީ." ދާއިން ބުންޏެވެ.

އެނދުގެ ހެޑް ބޯޑު މަތީގައި ކިރުތަށި ބެހެއްޓުމަށްފަހު ދާއިން އަރޫޝާ ކައިރީގައި އީށީނދެލިއެވެ. އެއަށްފަހު އަރޫޝާގެ ބަނޑުގައި މޫނު ޖައްސާލަމުން އޭނާ ބޮސްދިނެވެ.

" އެކަމަކު އަހަރެން މަނާކުރާ ކަންތައްތައް ދާއިން ކޮށްގެން ނުވާނެޔޭ. އަދި އަމުދުން ކީއްކުރަންތަ އުނދުނާ ކައިރިވީ؟ މިހާރު ތި އުޅެނީ މާ ބޮޑުވެގެން. ދެ ވަނަ ދުވަސް މިއީ އުނދުނާ ކައިރިވާތާ. ތިހެން އުޅެނިކޮށް އަހަންނަށް ދާއިން ގެއްލުނިއްޔާ ޔޯ؟" އަރޫޝާ ބުންޏެވެ.

އޭނާ ވާހަކަ ދެއްކީ ދާއިންގެ ބޮލުގައި ފިރުމަމުންނެވެ. އެ ވަގުތު ދާއިން އަރޫޝާއަށް ބަލައިލިއެވެ.

" އަހަރެން ވެސް ބޭނުމޭ އަރޫއަށް ކަންތައްތައް ކޮށްދޭން. އަބަދާއަބަދު އަހަރެންގެ ބަލި ހާލަތު އަހަންނަށް ހަނދާންކޮށް ނުދީބަލަ. އިރާދަކުރެއްވިއްޔާ އަހަންނަށް އެއްވެސް ކަމެއް ނުވާނެ. އަހަރެންގެ ދަރިފުޅާއި އަނބިމީހާއަށް ހިދުމަތްކޮށްދޭން އަބަދުވެސް އަހަރެން ހުންނާނަމޭ." ދާއިން ބުނެލީ ނުހަނު ލޯބިންނެވެ.

" ދާއިން. އެކަމަކު ވެސް ރިސްކެއް ނުނެގޭނެ. ކަމެއް ވާނީ ބުނެފައެއް ނޫނޭ. މީހަކަށް އެނގިގެންނެއް ވެސް ނޫން. އަހަރެމެންނަށް އަދި އިރާދަކުރެއްވިއްޔާ ފުދިގެން އެބަ އުޅެވެޔޭ. ހުރިހާ ކަމަކަށް ވުރެ ބޮޑަށް އަހަރެން ދާއިން ބޭނުން." އަރޫޝާ ބުންޏެވެ. އެ ވަގުތު ދާއިން ވެސް އުފަލުން އަރޫޝާގެ ގައިގައި ބައްދާލިއެވެ.

" މިހާރު ހިހޫވެދާނެ. އަވަހަށް ކިރުތަށި ބޯލަން އުޅޭ." ކުއްލިއަކަށް ހަނދާންވެގެން ކަހަލަ ގޮތަކަށް ދާއިން ބުންޏެވެ. އެ ވަގުތު އަރޫޝާއަށް ބާރަށް ހެވުނެވެ.

ނިދިން ލޯ ހުޅުވާލެވުމާއެކު ފުރަތަމަ ވެސް މަހުދީއަށް ބަލައިލެވެނީ ފޯނެވެ. ޒައިނާއާ ގުޅޭ އެއްވެސް ހަބަރެއް ލިބޭތޯއެވެ. ނަމަވެސް އެހެން ދުވަސްތަކާ ހިލާފަށް މިއަދު މަހުދީއަށް ހޭލެވުނީ މެންޓަލް ހޮސްޕިޓަލުން ގުޅާ އަޑަށެވެ. ފޯނަށް ޖަވާބު ދިނުމަށްފަހު ބާރުބާރަށް ޒުހުދާއަށް ގޮވަމުން އޭނާ ފުންމައިގެން ތެދުވެ އަވަސް އަވަހަށް ތައްޔާރުވެލިއެވެ.

ހޮސްޕިޓަލަށް ދިޔަ މަގުމަތީގައި ވެސް ވީ ކިހިނެއްތޯ އެތައް ފަހަރަކު ޒުހުދާ ސުވާލު ކުރަމުން ދިޔައެވެ. ނަމަވެސް މަހުދީގެ ޖަވާބަކީ އަދި ނޭނގޭ ކަމަށެވެ. ކާރަށް ފައިސާ ދެއްކުމަށްފަހު މަހުދީގެ ދެމަފިރިން ބާރުބާރަށް ގޮސް ހޮސްޕިޓަލްގެ ބޭރުގައި މަޑުކުރިއެވެ. އޭރު އެ މީހުންގެ އިންތިޒާރުގައި ހޮސްޕިޓަލްގެ ވެރިޔަކު ހުއްޓެވެ. އޭނާގެ މޫނުމަތިން ވެސް ފެންނަނީ ނުތަނަވަސްކަމާއި ހާސްކަމެވެ. މަހުދީގެ ކޮނޑުގައި އަތް ޖައްސާލަމުން އޭނާ ވާހަކަ ދައްކާ ނިންމާލި އިރު މަހުދީ ހުރީ ރޮވިފައެވެ. ވާނުވާ ނޭނގޭ ހާލު ޒުހުދާ، މަހުދީގެ އަތުގައި ހިފައި ތަޅުވަމުން ދެއެވެ.

ޖަވާބު ނުދެވިގެން މަހުދީ އަތުގެ ހަރަކާތުން ވެސް ވާހަކަ ދެއްކޭތޯ މަސައްކަތް ކުރަމުން ދިޔައެވެ.

" އަހަރެމެންގެ... ދަރިފުޅު... މަރު..." މަހުދީއަށް ބުނެވުނީ އެ ހިސާބަށެވެ.

ޒުހުދާ ހުއްޓުން އަރައިފިއެވެ. ގަބޫލުކުރަން ދަތިވި ނަމަވެސް އެއީ ހަގީގަތްކަން އޭނާއަށް ޔަގީންވެއެވެ. އޭނާ ބޭނުންވީ ޒައިނާ ދެކިލާށެވެ. ދަރިޔަކު ނިޔާވުމުން މައެއްގެ ހިތަށް ކުރާނެ އަސަރު މިއަދު އޭނާއަށް އިހްސާސް ކުރެވިއްޖެއެވެ. ހޯސްލައިފައި ދެ ލޮލުން ކަރުނަ އައި ނަމަވެސް، އޭނާ ހުރީ ޒައިނާގެ ހަށިގަނޑު ދެކެން ބޭނުން ވެފައެވެ. ފަހު ފަހަރަށް ނަމަވެސް ލޯބިވާ ދަރިފުޅުގެ ގައިގައި ބައްދާލައި ބޮސްދޭން ބޭނުން ވެފައެވެ. މަހުދީއާ މެދު އޭނާ ފަރުވާލެއް ނެތް ކަހަލައެވެ. ހޮސްޕިޓަލްގެ ވެރިޔާގެ ފަހަތުން އެންމެ ފުރަތަމަ ހިނގައިގަތީ ވެސް ޒުހުދާއެވެ.

ޒައިނާ މަރުވީ، ޗޭނުގަނޑު ކަރުގައި އޮޅައި ބާރުކޮށްގެން ހުރެ ރޭގެ ވަގުތެއްގައިކަން އެ މީހުންނަށް ހޮސްޕިޓަލުން މައުލޫމާތު ދިނެވެ. އެ ކަމުގައި ހޮސްޕިޓަލް ކުއްވެރިކުރެވޭކަށް ނެތެވެ. ޗޭނުޖަހަން މަހުދީ އޮތީ ހުއްދަ ދީފައެވެ. އެކަހަލަ ކަމެއް ވެދާނެ ކަމެއް އޭރު އޭނާ ހިތަށް ވެސް ނާރައެވެ. މަހުދީ އެންމެ ހިތާމަ ކުރީ އެ ސަބަބަށްޓަކައެވެ.

ޒައިނާގެ މޫނަށް ބަލަން ތިބެ އެ ދެމަފިރިން އިންތިހާއަށް ރުޔެވެ. ވަކިވެގެން ދިޔައީ އެ މީހުންގެ ހުރި ހަމައެކަނި ފުރާނައެވެ. އެހީތެރިކަމުގެ އަތެއް، ނޫނީ އެ މީހުންގެ ލޯބީގެ ފިރުމުންތަކުން ވެސް އެ ދަރިފުޅު ވީ މަހުރޫމް ވެފައެވެ. އެ ދަރިފުޅު ދުނިޔެ ދޫކުރީ މަންމައާއި ބައްޕަ ލޮލަށް ނުފެނި އެތައް ދުވަހެއް ފަހުންނެވެ.

" ބައްޕަ ވަރަށް އަވަހަށް ރާއްޖެ ދާނަން. " ޒައިނާގެ ބޮލުގައި އަތް ޖައްސާލަމުން މަހުދީ މަޑުމަޑުން ބުނެލިއެވެ. އޭނާ އޭރު ރޮވިފައި ހުރި ނަމަވެސް، އެ ދެ ލޮލުގައި ރުޅިވެރިކަންވެސް އެކުލެވިފައި ހުއްޓެވެ.

ރިޒާ އިނީ ޖޯލިފަތީގައެވެ. ހަވީރުގެ ހިތްގައިމު ވަގުތު، ދާއިންއާއި އަރޫޝާ ވެސް ބޭރަށް ނިކުމެލީ، ހިތްހަމަ ޖައްސާލާށެވެ. އަރޫޝާ އިށީންނަން ގެނައި ގޮނޑި ޖޯލީގެ ކުރިމަތީގައި ބަހައްޓަމުން، އިށީނުމަށް ދާއިން އިޝާރާތް ކޮށްލިއެވެ. އެ ވަގުތު އަރޫޝާގެ ލޮލުގައި އަޅައިގަތީ ރިޒާގެ މާޔޫސީ މޫނެވެ.

" ބައްޕާ؟ ކޮންކަމާ ހާދަ ދެރަވެފައި ތި އިނީ؟" އަރޫޝާ އަހާލިއެވެ.

ރިޒާއަށް ބަލަމުން ދާއިން ވެސް އައިސް ޖޯލިފަތީގައި އިށީނެެވެ.

" ބައްޕަ ބަލީތަ؟" ލޯތްބާއެކު ދާއިން އަހާލިއެވެ.

" މިއަދު ހަމަ ނަދީމް މަތިން ހަނދާންވަނީ. ބައްޕަދެކެ ވެސް ރުޅި އައިސްގެން މި ރަށުން އެ ދުވަހު ދިޔައީ. އަރޫޝާ ކައިވެނި ނުކުރާނަމޭ ބުނީމަ ނަދީމް ރުޅި އައީ ބައްޕަދެކެ. ބައްޕަ ކުރުވި ކަމެކޭ ބުނީ." ރިޒާ ބުނެލިއެވެ.

އަރޫޝާއަށް ދެ ފަރާތަށް ބޯ ހޫރާލެވުނެވެ. އެ އާއެކު ދާއިން މަޑުމަޑުން ރިޒާގެ ބުރަކަށީގައި ފިރުމާލަމުން ވާހަކަ ދައްކަން ފެށިއެވެ.

" ބައްޕާ. އަހަރެން ބުނީމެއްނު އެކަމާ އަބަދު ނުވިސްނާށޭ. ނަދީމްބެއަކީ ކުޑަކުއްޖެއް ނޫނޭ. ނަދީމްބެ ރަނގަޅު ނަމަ އަރޫ ކައިރިން މައާފަށް އެދިފައި ދެން ހަމަ އަހަރެމެންނާއެކު ރަނގަޅަށް އުޅެންވީ އެއްނު. ކީއްކުރަން އެންމެން ދެކެ ރުޅި އައިސް އެއްޗެހި ކިޔާފައި އާއިލާ ނޫން ކަމަށް ނިންމާފައި ރަށް ދޫކޮށް ދިޔައީ ނަދީމްބެ އަމިއްލައަކަށްނު. އަހަރެމެން އެންމެންގެ ނަންބަރުތައް ބްލޮކް ކޮށްފައި ހުރީ. " ދާއިން އަވަސް އަވަހަށް ބުންޏެވެ.

" ލޭގެ ގުޅުން ކަނޑައިގެން ނުވާނެ. އެކަމަކު ނަދީމް ރުޅި އައިސްގެން އާއިލާ ނޫނޭ ބުނެފައި ދިޔައީމަ އަހަރެން ވެސް ވަރަށް ދެރަވި. އެކަމަކު ބައްޕައަށް އެނގޭނެ ނަދީމް އަހަރެން ވަރިކުރީ އަހަރެންގެ އެއްވެސް ކުށެއް ނެތިކަން. ބައްޕަ ކައިރީގައެއްނު އެ ވާހަކަ ދެއްކީ. އަހަރެން މިއަދު ވަރަށް ދެރަވޭ އަހަންނާ ހެދި ނަދީމް، ބައްޕަ ވެސް ދޫކޮށްލީމަ." އިސްޖަހައިގެން އިނދެ އަރޫޝާ ބުންޏެވެ.

" އެކަމުގައި ބައްޕަ، ދަރިފުޅު ކުއްވެރިއެއް ނުކުރަމޭ. އެއީ ނަދީމް އަމިއްލައަށް ލިބިގަތް ދެރައެއް. އެކަމަކު ބަފައެއްގެ ހިތުގައި ދަރިންނަށް އޮންނަ ލޯބި އުންޏެއް ނުވާނެ. އެހެންވެ ބައްޕަ މިހާ ދެރަވަނީ." ރިޒާ ބުނެލިއެވެ.

އެއާއެކު ދާއިންއާއި އަރޫޝާއަށް އެކަކު އަނެކަކުގެ މޫނަށް ބަލައިލެވުނެވެ. ބައްޕަގެ ހާލަތު އެނގި އެ މީހުން ބައްޕައާމެދު ހަމްދަރުދީވިއެވެ.

އަރޫޝާގެ ބަނޑަށް ހަ މަސް ފުރުމާއެކު އެ މީހުން ބަދަލުވީ އަތޮޅު ހޮސްޕިޓަލް ހުންނަ ރަށަށެވެ. ސަބަބަކީ ހަ މަސް ފުރުމުން ވިހެއުމުގެ ފުރުސަތު އޮންނާނެ ވާހަކަ ޑޮކްޓަރު ބުނެފައި ވާތީއެވެ.

ދުވަހަކީ ހުކުރު ދުވަސްކަމުން މެންދުރުގެ ކެއުން އަރޫޝާ ވަރަށް ރަނގަޅަށް ތައްޔާރު ކުރިއެވެ. ހުކުރުން ފައިބައިގެން ދާއިންއާއި ރިޒާ އަންނަން ވާއިރަށް އޭނާ އިނީ އެ މީހުންގެ އިންތިޒާރުގައި ކާމޭޒު ކައިރީގައެވެ. އޭރު ކާގޭގެ ކަނެއްގައި ހުރި ޓީވީ އިން މަދަހަ އަންނަމުން ދެއެވެ.

" އަރޫ ކައިރީ ބުނީމެއްނު އެހާ ގިނައިން ކޮޅަށް ނުހުންނާށޭ. އަރޫ މިހާރު ރެސްްޓް ކުރަން ޖެހޭނެޔޭ." ދާއިން ބުނެލިއެވެ.

ކާގެއަށް ވަތް ގޮތަށް ދާއިންއަށް ނަޒަރު ހިންގާލެވުނީ ކާމޭޒަށެވެ. އޭރު ރިޒާ ވެސް އައިސް އިށީންދެއްޖެއެވެ.

" ދެން މިއަދު އަހަރެން ހަމަ ކައްކާ ހިތް ވިއްޔޭ." ހެވިފައި ހުރެ އަރޫޝާ ބުންޏެވެ.

ޖީބުގައި އޮތް ފޯނު ނަގަމުން ދާއިން އިށީނދެ، ފޯނު ހުޅުވާލިއެވެ. އެއާއެކު ފުލުފުލުން އޭނާއަށް މެސެޖްތައް ލިބެން ފެށިއެވެ.

" ކައުންސިލް ރައީސް ކީއްކުރަން މި ގަޑީގައި ހާދަ ވަރަކަށް ގުޅާފައި؟" ދާއިންއަށް ބުނެވުނެވެ.

އެއާއެކު ރިޒާއަށް ވެސް ބަލައިލެވުނީ ދާއިންގެ މޫނަށެވެ. އޭރު އަރޫޝާ، އެންމެންނަށް ފަނި އަޅަމުން ދިޔައެވެ.

ކުއްލިއަކަށް ޓީވީ އިން ބްރޭކިން ނިއުސްއެއް އިއުލާން ކުރަން ފެށުމާއެކު އެންމެންނަށް އެއްފަހަރާ ޓީވީއަށް ބަލައިލެވުނެވެ.

" ރޭގެ ވަގުތެއްގައި ޒަހަމް ތަކަކާއެކު މާލޭ ގެއަކުން ޒުވާނެއް މަރާލައިފައި އޮއްވާ ފެނިއްޖެ. އޭނާގެ ވަނަވަރު ވަރަށް އަވަހަށް އާއްމު ކުރާނެ ކަމަށް ފުލުހުން ބުނެފައިވޭ."

ޓީވީގެ ކުރިމަތީގައި ގޮސް އަރޫޝާ ހުއްޓުމާއެކު ދާއިންގެ ފޯނު ރިންގް ވެއްޖެއެވެ. އެއާއެކު ދާއިން ނުހަނު އަވަހަށް ފޯނު ނަގައިފިއެވެ.

" މާލޭގައި ހާދަ ބިރުބޮޑޭ. " އަރޫޝާ ބުންޏެވެ.

އެހެން ބުނެ، އޭނާ އެނބުރިލީ ވަގުތު ދާއިންގެ އަތުން ފޯނު ދޫވެގެން ވެއްޓުނު މަންޒަރު ފެނި އަރޫޝާގެ ދެ ލޯ ބޮޑު ވެގެން ދިޔައެވެ.

" ދާއިން؟ ކިހިނެއްވީ؟ " އަރޫޝާ ބާރުބާރަށް ބުނެލިއެވެ.

ދާއިންއަށް ކަމެއް ވީކަން ވެސް ރިޒާއަށް އެނގުނީ އެ ވަގުތެވެ. އޭރު އޭނާ އިނީ ހަމަޖެހިގެން ކާށެވެ.

" އެއީ... އެ ބުނީ... ނަދީމްބެގެ ވާހަކަ." ދާއިންއަށް ބުނެވުނީ އެ ހިސާބަށެވެ. އޭނާއަށް ބާރަށް ރޯން ފެށުނެވެ. ރަނގަޅަށް ދޭހަ ނުވާ ފަދަ ގޮތަކަށް ރިޒާ އަރޫޝާއަށް ބަލައިލިއެވެ. އޭރު އަރޫޝާ ގޮސް ދާއިން ކައިރީގައި ހުއްޓި، ދާއިންގެ ގައިގައި ހިފެހެއްޓިއެވެ.

" ކީކޭ؟ ނަދީމްގެ ކޮން ވާހަކައެއް؟ ދާއިން ކީއްވެ ތި ރޮނީ؟ ނަދީމްއަށް ކިހިނެއް...ވީ؟" ރިޒާ ސުވާލު ކުރީ ކަންބޮޑުވެގެންނެވެ.

ޓީވީން އެ ގޮވީ ނަދީމްގެ ވާހަކައޭ އެ ވަގުތު އޭނާގެ ހިތަށް އެރިއެވެ. ރޯން ވެސް ނޭނގި، ގަބޫލު ނުކުރެވިފައި ރިޒާއަށް އިނދެވުނީ ހުއްޓުން އަރާފައެވެ.

މޭޒުގައި ބޯ ޖަހައިގެން އޮވެ، ޓީވީއާ ދިމާލަށް ދާއިން އަތް ދިއްކޮށްލިއެވެ. އެއާއެކު ރިޒާއަށް ލިބުނީ ކުއްލި ސިހުމެކެވެ. ހިތުގައި އުފެދުނު ވަސްވާސް، ޔަގީނަށް ބަދަލުވާނެ ކަމަކަށް އޭނާ ފަހަރެއްގައި ވެސް ހިއެއް ނުކުރެއެވެ.

" އެއީ ތެދަކަށް ނުވާނެ ދަރިފުޅާ. " ރިޒާ ބުންޏެވެ.

އޭނާ ހަމަޖެހެން މަސައްކަތް ކުރި ނަމަވެސް އޭރު ތުރުތުރުއަޅަން ފަށައިފިއެވެ.

" ނޫނެކޭ. ފުލުހުން ރަށު ކައުންސިލަށް ގުޅައިގެންނޭ ކައުންސިލަރ އަހަންނަށް އެ ގުޅީ. " ބާރުބާރަށް އެހެން ބުނެ، ދާއިން ރޯން ފެށިއެވެ.

އަރޫޝާއަށް ފަހަތަށް ޖެހެމުން ގޮސް ފާރުގައި ލެނގިލެވުނީ ގަބުވެފައި ހުރެއެވެ. ނަދީމްއަށް އެ ވަރުގެ ބޮޑު ކަމެއް ކުރާނެ މީހަކު ނުހުންނާނެޔޭ ހިތާ، އޭނާއަށް ވެސް އެ ވާހަކަ ގަބޫލެއް ނުކުރެވުނެވެ.

ވައިގެ މަގުން ތިން މީހުން ހަމަ އެ ދުވަހު މާލެ ދިޔައެވެ. ނަދީމް ދެކިލުމަށްޓަކައި އެ ކޮޓަރިއަށް ވެއްދީ ތިން މީހުން އެކުގައެވެ. ނަދީމް ފެނުމާއެކު ހާލަތު ގޯސްވެގެން ރިޒާ ހޮސްޕިޓަލަށް ގެންދަން ޖެހުނެވެ. ނަމަވެސް ދާއިން ހިތްވަރު ކޮށްފައި ބޭބެގެ ކައިރީ މަޑުކުރިއެވެ. ރިޒާއާ ހަވާލުވެ ހުރިހާ ކަމެއްގައި އެހީތެރިވެދިނީ އާބިދެވެ.

ނަދީމްގެ މޫނަށް ބަލަހައްޓައިގެން ހުރި އިރު، އެންމެ ކުޑައިރުގެ ހަނދާންތައްވެސް ދާއިންގެ ލޯ މަތީގައި ސިފަވަމުން ދާ ކަހަލައެވެ. ކައިރީގައި ހުރި އަރޫޝާގެ ހާލަކީ ވެސް ހަމަ އެއީއެވެ.

ނޫސްވެރިންނާއި ފުލުހުން ޖަމާވެފައިވާ އެ ސަރަހައްދުން ނިކުމެގެން ދާއިންއާއި އަރޫޝާ ދިޔައީ ފުލުސް އޮފީހަށެވެ. ވާނުވާ ނޭނގޭ ހާލު ދާއިން ހުރީ އިންތިހާއަށް ދެރަވެފައެވެ. ބޭބެގެ ކުއްލި ވަކިވުމާއެކު އޭނާއަށް ލިބިފައިވާ ޒަހަމްތައް ފެނި، އިތުރަށް އެ މީހުން ތިބީ ހިތްދަތިވެފައެވެ.

" ނަދީމްގެ ގާތިލް މިހާރު އިނީ ބަންދުގައި. ސީސީ ފުޓޭޖުން އޭނާގެ މޫނު ސާފުކޮށް ފެނުމާ ގުޅިގެން އޭނާ ހައްޔަރު ކުރީ ރޭ ފަތިހުގެ ވަގުތެއްގައި އެއާޕޯޓުގައި ހުއްޓާ. " ދާއިންއާ ބައްދަލް ކުރި އޮފިސަރ ވިދާޅުވިއެވެ.

ނަދީމްގެ މަރަށް އިންސާފު ލިބޭނެކަން އެނގުނަސް، ދާއިންގެ ހިތަކަށް ހަމަޖެހުމެއް ނުލިބުނެވެ. ނަދީމްގެ އެހާ ބޮޑު ދުޝްމަނަކު ހުރެދާނެކަމަކަށް އޭނާގެ ހިތެއް ގަބޫލެއް ނުކުރެއެވެ.

" އެއީ ނަދީމްގެ އަންހެނުންގެ ބައްޕަ، މަހުދީ. " ފުލުހުންގެ ފަރާތުން މައުލޫމާތު ލިބުނީ އެ ވަރަށެވެ.

ފުލުސް އޮފީހުން ދާއިންއާއި އަރޫޝާ ނިކުމެގެން އައި އިރު ވެސް އެ މީހުންނަކަށް އެއްވެސް އެއްޗެއް ނުވިސްނުނެވެ. އެ މަރުގެ ފަހަތުގައިވާ އެއްވެސް ކަމެއް އެ މީހުންނަކަށް ނުވެސް އެނގެއެވެ. މަހުދީ، ނަދީމް މަރާލަން ޖެހުނު ސަބަބު ބަލަން ބޭނުން ވެގެން ދާއިން ހުރީ ކެތްމަދުވެފައެވެ.

" ތި މައްސަލަ ދައުލަތުން ކުރިއަށް ގެންދާނެ. ދާއިން ކިހިނެއް ބޮޑު އަގުގައި ވަކީލަކު ނަގައިގެން ތިކަން ކުރިއަށް ގެންދާނީ؟ އެހެން ނޫނަސް ތި ބުނާ މަހުދީއެއް އެ ކަމަށް އިއުތިރާފް ވީމަ، ދެން އިތުރަށް ހޯދަން ޖެހޭނެ ހެއްކެއް ނޯންނާނެއެއްނު. " އާބިދު ދާއިންއަށް ވިސްނައިދިނުމުގެ ގޮތުން ބުނެލިއެވެ.

އޭރު އާބިދުއާއި ދާއިން ހުރީ ހޮސްޕިޓަލް ބޭރުގައެވެ. އަރޫޝާ ވީ ރިޒާ ކައިރިއަށް ގޮހެވެ.

" ބައްޕަ މިހާރު ހަމައަކަށް އެޅިއްޖެ. ދާއިން ފެނުނީމަ ބައްޕަ މާ ދެެރަވާނެތީ އެތަނަށް އަރޫ މި ފޮނުވީ. " އާބިދު ބުންޏެވެ.

" ބައްޕަ ކިހާ ދެރަވާނެ ނަދީމްގެ ރަށުން ފުރައިގެން މާލެ އައީ ބައްޕަ ދެކެ ރުޅި އައިސްގެން. އެނގެއެއްނު. އަރޫގެ ކަންތަކުގައި އަހަރެމެން ދެކެ ވަރަށް ރުޅި އައިސްގެން އުޅުނީ. " ދާއިން ބުނެލިއެވެ.

ދާއިން ހިތުގައި ޖެހޭނެ ވަރާ އޭނާގެ ހިތުގައި އަޅާނެ ވޭން އާބިދުއަށް އިހްސާސް ކުރެވޭ ކަހަލައެވެ. ދާއިންއަށް ދިމާވާ ކޮންމެ ކަމެއްގައި އެންމެ ކައިރީގައި ހުންނަނީ އަބަދުވެސް އާބިދެވެ.

" ހިތްވަރު ކުރޭ. ބައްޕައަށް ވެސް ހިތްވަރުދޭން ހުރީ ހަމަ ދާއިން." އާބިދު ވާހަކަ ދެއްކީ އޯގާތެރިކަމާއެކުއެވެ. އެއާއެކު ދާއިން ވަރުބަލިކަމާއެކު ފުން ނޭވާއެއް ދޫކޮށްލިއެވެ.

ނަދީމްގެ ޖަނާޒާގެ ކަންތައްތައް ނިމި، އެނބުރި ރަށަށް އައި އިރު ވެސް ރިޒާ ހަމައަކަށް ނޭޅެއެވެ. އޭނާގެ އުފާވެރި މިޒާޖު މުޅިން ބަދަލު ވެއްޖެއެވެ. އަބަދުވެސް އޭނާ ބަލަނީ އެކަނި އިނދެވޭތޯއެވެ. ނަމަވެސް ދާއިން އެ ފުރުސަތެއް ރިޒާއަކަށް ނުދެއެވެ. އޭނާ އަބަދުވެސް ރިޒާގެ ފަސްފަހަތުގައި އުޅެއެވެ.

" ބައްޕާ. ބައްޕަގެ ޗުއްޓީ ވެސް ހަމަވަނީއެއްނު. އާބިދުއާ ވާހަކަ ދައްކައިގެން އާބިދުގެ މަންމަގެއަށް ބައްޕަ ކާން ދާ ގޮތަށް ހަމަޖައްސައިފިން. " ދާއިން ބުންޏެވެ.

" ދެން މީހުންނަށް އުނދަގޫ ކުރާނެ ކަމެއް ނެތް. ހޮޓަލުން ވެސް ބައްޕައަށް ކެވިދާނެއެއްނު." ރިޒާ ވަގުތުން އިންކާރު ކުރިއެވެ.

ރިޒާގެ އެދުމާ ދެ ކޮޅަށް އެކަން ނިންމާކަށް ދާއިންއަކަށް ނުކެރުނެވެ. އެހެންވެ، ރިޒާ ހިތްހަމަޖެހޭ ގޮތަކަށް އެކަން ކުރަން އޭނާ ދޫކޮށްލީއެވެ.

ދުވަސްތައް ފާއިތުވަމުން ގޮސް އަރޫޝާއާއި ދާއިންގެ ހަޔާތުގެ އާ ބާބެއް ފެށިއްޖެއެވެ. ދެ މީހުންގެ ހަޔާތަށް އިތުރު ދިރުމެއް އަތުވެއްޖެއެވެ. ގަދަ ކަނޑުތެރޭގައި ކުރިމަތިލާން ޖެހުނު ކޮޅިގަނޑުތަކުގެ އަދަދު ގިނައެވެ. ނަމަވެސް އެ ގަދަ އޮއިވަރުގައި ދަތުރު ކުރަމުން ގޮސް އެ މީހުންގެ ނައު، ބީއްސާލީ، އުފާވެރިކަމުގެ އަމާން ބަނދަރަކަށެވެ.

ފާހާނާއިން ނިކުތް ދާއިންގެ ނަޒަރު ހުއްޓުނީ ދަރިފުޅު ކައިރީގައި ނިދިފައި އޮތް އަރޫޝާގެ މޫނަށެވެ. އަރޫޝާގެ ލޯމައްޗަށް ފައިބައިފައި ހުރި އިސްތަށިތައް ފެނި، ދާއިންއަށް އުނދަގޫވި ކަހަލައެވެ. އޭނާ މަޑުމަޑުން ގޮސް އަރޫޝާގެ މޫނާ ދިމާލަށް ގުދުވެލުމަށްފަހު އިސްތަށިތައް އެއް ފަރާތް ކޮށްލިއެވެ. އެއާއެކު ސިހިފައި އަރޫޝާއަށް ލޯ ހުޅުވާލެވުނެވެ.

" ހާދަ އަތް ފިންޏޭ." އަރޫޝާ ބުނެލީ ސިއްރުންނެވެ.

" އަތް އެކަނިތަ؟ މިހާރު އަހަރެންގެ މުޅި ހަށިގަނޑު ވެސް ވަރަށް ފިނިވާނެ. " ދާއިން އެހެން ބުނެ، އެނދުމަތީ އިށީނެވެ.

ހުދުކުލައިގެ ތުވާއްޔެއް އަނދެގެން ހުރެ، އޭނާ އަރޫޝާގެ ބިއްދަށް އަރައިފިއެވެ.

" ދެން ދާއިން. ރަނގަޅަށް ފެން ވެސް ނުހިއްކަމެއްނު. ދެން... މި ގޮއްޔަ ހޭލަފާނެޔޭ." މި ފަހަރު ވެސް އަރޫޝާ ވާހަކަ ދެއްކީ ވައި އަޑުންނެވެ.

" ދެން އަބަދު ބޭބީ ޓައިމް އޮންނަނީ. ކޮބާތަ އަހަންނަށް ދޭންޖެހޭ ވަގުތު؟" ދާއިން ނުރުހުންވެފައި ބުނެލިއެވެ.

އެއާއެކު އަރޫޝާއަށް ބޭއިހްތިޔާރުގައި ހެވިއްޖެއެވެ.

" އައްދެއްޔެ! މިއޮއް ހުރިހާ ދުވަހު ވަގުތު ދިނީ ދާއިންއަށް ދޯ. ދެން ބޭބީ އައީމަ ބޭބީއަށް ލިބޭނީ މަންމަގެ ހުރިހާ ވަގުތެއް. " އަރޫޝާ ބުންޏެވެ.

އޭނާ މަޑުމަޑުން ދާއިން އޮތް ފަޅިއަށް އެނބުރިލުމަށްފަހު ދާއިންގެ ގައިގައި ބައްދާލީ ނުހަނު ލޯބިންނެވެ.

" ހާދަ މިސްވެޔޭ އަރޫ މަތިން. " ދާއިން ބުނެލިއެވެ.

" އަހަރެން ހީކުރީ މިސްވާނީ ދުރުގައި އުޅޭ މީހުން މަތިން ކަމަށް. އަހަރެން މިހާ ކައިރީގައި އޮންނަ އިރު ވެސް މިސްވަނީ؟ " އަރޫޝާ ބުނެލިއެވެ.

" އާނ މިސްވާނެއެއްނު. މިހާރު އަހަރެން ނިދަން މި ޖެހެނީ ތިރީގައި ގޮދަނޑި އަޅައިގެން. " ދާއިން ބުނެލިއެވެ.

އެއާއެކު އަރޫޝާ ދާއިންގެ މޭމަތީގައި ވިކާލިއެވެ.

" އައްދޯތް" ސިއްސައިގެން ގޮސް ދާއިންއަށް ބުނެލެވުނީ ތަންކޮޅެއް ބާރަށެވެ.

ދާއިންގެ ބާރު އަޑަށް ނިދިފައި އޮތް ތުއްތު އައިރިޝް ދިޔައީ ސިހިގެންނެވެ. ކުކުރަމުން ގޮސް އެ ފަކީރު ބާރަށް ރޮއިގަތުމާއެކު އަރޫޝާ އަވަސް އަވަހަށް ބޭބީ އޮތް ފަޅިއަށް އެނބުރިގަނެއްޖެއެވެ.

" އޯހް މަންމި ދޫނި." އަރޫޝާ ނުހަނު ލޯބިން ބުނެލިއެވެ. ދާއިން ވެސް އަރުޝާގެ ފުރަގަހުން ބޯ ދިއްކޮށްލަމުން ބޭބީއަށް ބަަލައިލިއެވެ.

" ހަމަ މަންމަ އައީމަ އެ ހުއްޓާލީއެއްނު." ދާއިން ބުނެލީ ސަމާސާ ރާގަކަށެވެ.

" މިއީ މަންމަ ކުއްޖެކޭ ދޯ ބޭބީ." އަރޫޝާ ވެސް އޭނާގެ ދަރިފުޅާ ވާހަކަ ދެއްކީ ނުހަނު ލޯބިންނެވެ.

" ދެން މިސް ޔޫ އަރޫ." ދާއިން ބާރުބާރަށް އެހެން ބުނެ އެނދުގައި ރީތިކޮށް އޮށޯވެލިއެވެ. އަރޫޝާއަށް ބާރަށް ހެވުމާއެކު ނިދިނިދި އޮތް އައިރިޝް އަނެއްކާ ވެސް ބާރުބާރަށް ރޮއިގަތެވެ. އެއާއެކު ދާއިންއާއި އަރޫޝާއަށް އެއްފަހަރާ ހެވުނެވެ. އޭރު ވެސް ދަރިފުޅު ރޮމުން ދިޔައެވެ. އެންމެ ފަހުން ދާއިން ތެދުވެގެން ގޮސް އަރޫޝާގެ އަތުން ދަރިފުޅު ނަގައި އުރާލިއެވެ.

" މިއީ މަންމައާއި ބައްޕަގެ ލޯބި އައިރިޝް. " ދާއިން ބުނެލީ ނުހަނު ލޯބިންނެވެ.

ދަރިފުޅު ގޮވައިގެން ދާއިން ކޮޓަރީގެ ދެ ކޮޅަށް ހިނގަމުން ދިޔައީ ނާނާ ކިޔަމުންނެވެ. އެ މަންޒަރު ބަލަން އިން އަރޫޝާގެ ހިތުގައިވެސް މިހާރު ވަނީ އާދަޔާ ހިލާފް އުފާވެރި ކަމެކެވެ. ދިރިއުޅުން ފުރިހަމަ ވެފައިވީ މިންވަރުން އޭނާގެ މާޒީ މަތިން މިހާރު ހަނދާންވެސް ނެތް ކަހަލައެވެ. ދާއިންގެ ލޯތްބާއި އަޅާލުމުން ހިތުގައި ކުރިން ލެވިފައި ހުރި ހުރިހާ ޒަހަމެއް ފިލައިގެން ދިޔަ ކަހަލައެވެ. މިހާރު އޭނާއަށް ކުރިމަތިން އެ ފެންނަނީ އޭނާގެ މުޅި ހަޔާތޭ ހީ ކުރެވުނެވެ. އެ ދެ މީހުންނަކީ އަރޫޝާގެ ދިރިއުޅުމުގެ އަސްލެވެ. އުފާވެރިކަމުގެ މޫސުމް ދުވަހަކު ވެސް ދެން ނުނިމޭނެޔޭ އެ ވަގުތު އޭނާގެ ހިތަށް އެރިއެވެ.

ނިމުނީ

(ނިމުނީ)