ދ. ހުޅުދެލީގެ ބިންހިއްކުމުގެ މަސައްކަތް މިއަހަރުގެ ޖުލައި މަހު ފެށޭނެކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު އިޢުލާނުކުރައްވައިފިއެވެ.
އެމަނިކުފާނު މިކަން އިޢުލާނުކުރެއްވީ ނިލަންދެއަތޮޅު ދެކުނުބުރީގެ ރަށްތަކަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި ހުޅުދެއްޔަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ ބައްދަލުކުރަށްވައި ދެއްކެވި ވާހަކަފުޅުގައެވެ.
ރައީސް މުޢިއްޒު ވިދާޅުވިގޮތުގައި، ހުޅުދެލީގެ ފަޅުތެރެއިން ހިއްކެން އޮތް އެންމެ ބޮޑު މިނެއްގައި ބިންހިއްކުމުގެ މަސައްކަތް ކުރިއަށްގެންދަވާނެއެވެ. އަދި މި މަސައްކަތުގައި ބިން ހިމާޔަތްކުރުމުގެ މަސައްކަތްވެސް ހިމެނޭނެކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ މަސައްކަތް ފެށުމަށްފަހު، އެ މަސައްކަތް ހުއްޓާލާނީ ބާރު ދުވެލީގައި ގެންގޮސް މަސައްކަތް ފުރިހަމަކުރުމަށްފަހުގައި ކަމަށެވެ.
ރައީސް ވިދާޅުވިގޮތުގައި ހުޅުދެލީގެ ތަރައްޤީއަށް ގެންނަން ރޭވިފައިވާ އެހެނިހެން ބަދަލުތަކުގެ ތެރޭގައި:
- ހުޅުދެލީ ސްކޫލަށް ބޭނުންވާ ޖާގަ އިތުރުކޮށް، ސްކޫލަށް ބޭނުންވާ ބިނާރު ހަމަކުރުމުގެ މަސައްކަތް މޭ މަހު ފެށުން
- ފުރިހަމަ ޞިއްޙީ މަރުކަޒެއް ޤާއިމުކުރުން
- މިއަހަރުގެ ތިންވަނަ ކުއާޓަރ ތެރޭގައި އައިސްޕްލާންޓް ޤާއިމުކުރުން
- ސްޕޯޓްސް ފިޝިންގ އަށް ބޭނުންވާ ބޮއި ޤާއިމުކުރުން
- ވޭސްޓް މެނޭޖްމަންޓް ސެންޓަރެއް ތަރައްޤީކުރުން
މީގެ އިތުރުން، މިއަދު ހުޅުދެލީގައި އޭ.ޓީ.އެމްގެ ޚިދުމަތް ފެށުމާއެކު، ނިލަންދެއަތޮޅު ދެކުނުބުރި ވެފައިވަނީ ހުރިހާ ރަށެއްގައި އޭޓީއެމްގެ ޚިދުމަތް ޤާއިމުކުރެވުނު ފުރަތަމަ އަތޮޅަށެވެ.
ރައީސް މުޢިއްޒުގެ މި ދަތުރުފުޅަކީ ނިލަންދެއަތޮޅު ދެކުނުބުރީގެ ރަށްތަކަށް ކުރައްވާ ދަތުރުފުޅުގެ އެންމެ ފަހު މަރުހަލާއެވެ. މި ދަތުރުފުޅުގައި އެމަނިކުފާނު ވަނީ އެ އަތޮޅުގެ ގިނަ ރަށްތަކަކަށް ޒިޔާރަތްކުރައްވާ، ރައްޔިތުންނާ ބައްދަލުކުރައްވާ، އެ ރަށްތަކުގެ ތަރައްޤީއަށް ގެންނަން ރޭވިފައިވާ ބަދަލުތަކާ ބެހޭގޮތުން މަޢުލޫމާތު ދެއްވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!