ށ. އަތޮޅު މާއުނގޫދޫ ކައުންސިލުން މިއަހަރުވެސް ރަމަޟާން މަހާ ގުޅިގެން ރަށުގެ ގޭބިސީތަކުގެ އެއް މަސްދުވަހުގެ ކުނި މެނޭޖްކުރުމުގެ ޚިދުމަތުގެ ފީ މާފުކޮށްދީފިއެވެ.
މިއީ އެހެން އަހަރުތަކެކޭވެސް އެއްގޮތަށް މި ކައުންސިލުން ނިންމާފައިވާ ނިންމުމެކެވެ.
މާއުނގޫދޫ ކައުންސިލްގެ ރައީސް އާދަމް ސަލީމް ވިދާޅުވި ގޮތުގައި، މި ނިންމުން ނިންމާފައިވަނީ ރަމަޟާން މަހުގެ ބަރަކާތާއި ރަޙްމަތުގެ ތެރެއިން ރައްޔިތުންނަށް ލުޔެއް ހޯދައިދިނުމުގެ ގޮތުންނެވެ. އަދި މިކަމަކީ ރަށުގެ ރައްޔިތުންގެ މެދުގައި އެކުވެރިކަމާއި އެއްބައިވަންތަކަން އިތުރުކުރުމަށް މަގުފަހިވާނެ ކަމެއް ކަމުގައި ވެސް އޭނާ ވަނީ ފާހަގަކުރައްވާފައެވެ.
މާއުނގޫދޫ ކައުންސިލުން ބުނީ އެ ކައުންސިލްގެ މި ނިންމުމާ ގުޅިގެން ރަށުގެ ގިނަ ރައްޔިތުންނަށް ހިތްހަމަޖެހުން ލިބިގެންދާނެކަން ޔަގީންކުރާ ކަމަށެވެ. އަދި މިއީ ރަމަޟާން މަހުގެ ޚަރަދުތައް ބޮޑުވެފައިވާ ދަނޑިވަޅެއްގައި ރަށުގެ ރައްޔިތުންނަށް ކޮންމެވެސް ވަރެއްގެ ލުޔެއް ލިބިގެންދާނެ ކަމެއް ކަމަށް ގަބޫލްކުރާ ކަމަށެވެ.
މި ނިންމުމުގެ ދަށުން މާއުނގޫދޫގެ ހުރިހާ ގޭބިސީތަކަކަށްވެސް އެއް މަސްދުވަހުގެ ކުނި މެނޭޖްކުރުމުގެ ޚިދުމަތުގެ ފީ މާފުވެގެންދާނެއެވެ.
މާއުނގޫދޫގައި 325 ގޭބިސީ ހުރެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!