ދ. މާއެނބޫދޫ ބިންހިއްކައި، އެ ރަށަށް ވަކި ރަށެއް ވެސް ހިއްކައި ދެއްވާނެކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ ދ.އަތޮޅުގެ ރަށްތަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު މާއެނބޫދޫއަށް ވަޑައިގެން އެރަށު ރައްޔިތުންނާއި ބައްދަލުކުރަށްވާ ދެއްކެވި ވާހަކަފުޅުގައެވެ.

Ad
rt

ރައީސް ވާހަކަފުޅުގައި، އެ މަނިކުފާނު ބޭނުންފުޅުވަނީ ރައްޔިތުން އެދޭ ގޮތަށް، ރައްޔިތުން އެދޭ އަމާޒަށް ކަންކަން ކުރައްވަން ކަމުގައި ވިދާޅުވިއެވެ. އެގޮތުން މާއެނބޫދޫއަށް ވަޑައިގެންނެވުމުގެ އެންމެ ބޮޑު އެއް ބޭނުމަކީ އެ ރަށު ރައްޔިތުންނާއި ބައްދަލުކޮށްލައްވައި، އެ ރަށު ރައްޔިތުންނަށް މިހާރަށް އެންމެ ބޮޑަށް ބޭނުންވެފައިވާ ބިންހިއްކުމުގެ މަޝްރޫޢުގެ ޔަޤީންކަން ދެއްވުން ކަމުގައި އެ މަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވި ގޮތުގައި، އީ.އައި.އޭ ފާސްވުމާއެކީގައި ޢަމަލީ ގޮތުން އެރަށުގެ ބިން ހިއްކުމުގެ މަސައްކަތް ފެށޭނެއެވެ. އަދި އެ މަޝްރޫޢުގެ މަސައްކަތް ބާރު ސްޕީޑުގައި ކުރިއަށްގެންގޮސް، ރިޔާސީ އިންތިޚާބުގައި ވަޢުދުވެވަޑައިގެންނެވި ގޮތަށް، 30 ހެކްޓަރުގެ ބިން ހިއްކާނެ ކަމުގެ ޔަޤީންކަން ދެއްވިއެވެ. އަދި ރައްޔިތުން ބޭނުންފުޅުވެވަޑައިގެންނެވި ގޮތަށް އޭގެ ތެރެއިން ދެ ހެކްޓަރު ވަކިން، ވަކި ރަށެއްގެ ގޮތުގައި ހިއްކައިދެއްވާނެކަމުގައި ރައީސް ވިދާޅުވިއެވެ.

މީގެއިތުރުން، ރައީސް ވިދާޅުވީ ސަރުކާރުން މިހާރު ތަރައްޤީގެ މަޝްރޫޢުތައް ކުރިއަށް ގެންދަވަނީ އައު ކޮންސެޕްޓަކުން ކަމަށެވެ. އެގޮތުން، ކުރީގައި ފެށިފައިހުރި މަޝްރޫޢުތަކާ ޚިލާފަށް، މިހާރު ސަރުކާރުގެ ކުންފުނިތަކުން ބަލްކުކޮށް ރާއްޖޭގެ އެކިކަންކޮޅުތަކަށް ބޭނުންވާ ތަކެތި ގެނައުމުގެ ކަންތައް އެންމެ ޚަރަދު ކުޑަކޮށް، އެންމެ އިފެކްޓިވްކޮށް ކުރެވޭގޮތަށް ރޭވިފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.