ކުޑަހުވަދޫގައި ސަރުކާރުން ހިންގަން ނިންމާފައިވާ ހައުސިން މަޝްރޫޢުގެ ތެރެއިން އަމިއްލަ ގޯތީގައި ގެ އެޅޭނެމަގު ތަނަވަސްކޮށްދެއްވާނެކަމަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު ރޭ ވިދާޅުވެއްޖެއެވެ.

ރައީސް މިފަދައިން ވިދާޅުވީ، އެމަނިކުފާނު ދ.އަތޮޅުގެ ރަށްތަކަށް އިއްޔެ ފެއްޓެވި ދަތުރުފުޅުގެ ތެރެއިން ކުޑަހުވަދޫއަށް ކުރެއްވި ޒިޔާރަތުގައި ރައްޔިތުންނާއި ބައްދަލުކުރަަށްވާ ދެއްކެވި ވާހަކަފުޅުގައެވެ.

Ad
rt

މިގޮތުން ރައީސް މުޢިއްޒު ވަނީ ކުޑަހުވަދޫގެ ރައްޔިތުންނަށް ކުރިމަތިވެފައިވާ ގެދޮރުގެ މައްސަލައަށް އައު ޙައްލެއް ހުށަހަޅުއްވާފައެވެ. މިގޮތުން، ރަށުގައި ހިންގުމަށް ހަމަޖެހިފައިވާ 500 ހައުސިންގ ޔުނިޓުގެ މަޝްރޫޢުގެ ދަށުން، ރައްޔިތުންގެ އަމިއްލަ ގޯތީގައި 3 ކޮޓަރީގެ ގެ އަޅައިދިނުމަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާނެ ކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި، މި މަޝްރޫޢުގެ ދަށުން ފްލެޓް އެޅިގެންދާނީ އަމިއްލަ ގޯތީގައި ގެ އަޅަން އެދޭ ވަކި މިންވަރެއް ހަމަވުމަށްފަހު ބާކީ އޮތް ޢަދަދަކަށެވެ.

"ކުޑަހުވަދޫއަކީ އާބާދީއާއި ތަރައްޤީ އެއްފަސްކުރުމުގައި ލާމަސީލު ކާމިޔާބީތަކެއް ހޯދާފައިވާ ރަށެއް. އެހެންނަމަވެސް، މި ދާއިރާގައި ކުދިކުދި މައްސަލަތަކެއް އަދިވެސް ހުރިކަން ފާހަގަކުރެވޭ. އަޅުގަނޑުމެން މި މައްސަލަތަކަށް ދާއިމީ އަދި އަވަސް ޙައްލެއް ހޯދައިދޭނަން،" ރައީސް މުޢިއްޒު ވިދާޅުވިއެވެ.

ރައީސް މުޢިއްޒު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ސަރަޙައްދީ ތަރައްޤީގެ ވިސްނުމުގެ ދަށުން، ކުޑަހުވަދޫ ހިމެނޭ ގޮތަށް 7 ރަށެއް އަރބަން ސެންޓަރުތަކެއްގެ ގޮތުގައި ތަރައްޤީކުރުމަށް ވެފައިވާ ވަޢުދަކީ ހަމައެކަނި ނަމެއްގައި ކުރެވިފައިވާ ކަމެއް ނޫނެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި، މިއީ ފުރިހަމަ ޔަޤީންކަމާއެކު ކުރިއަށް ގެންދެވޭނެ މަޝްރޫޢުއެކެވެ.

މި އައު އިނިޝިއޭޓިވްއަކީ ކުޑަހުވަދޫގެ ރައްޔިތުންނަށް ގެދޮރުގެ ދަތިކަމަށް ލުޔެއް ލިބިގެންދާނެ ކަމެކެވެ.