ދ. އަތޮޅު ހޮސްޕިޓަލުގެ އައު އިމާރާތް އެޅުމުގެ މަސައްކަތް، ހެލްތް މިނިސްޓްރީގެ ފަރާތުން ރޯޑް ޑެވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް (އާރުޑީސީ) އާ ހަވާލުކޮށްފިއެވެ.
ހެލްތް މިނިސްޓްރީން މައުލޫމާތު ދިންގޮތުގައި މި މަޝްރޫޢުގެ އަގަކީ 181 މިލިއަން ރުފިޔާ އެވެ. އަދި މި މަޝްރޫޢު ހަވާލުކޮށްފައި ވަނީ 540 ދުވަހުގެ ތެރޭގައި މަސައްކަތް އެއްކޮށް ނިންމާގޮތަށެވެ.
50 އެނދުގެ މި ހޮސްޕިޓަލުގައި މެމޮގްރަފީ ޚިދުމަތް ލިބޭނެ ފެސިލިޓީއާއި، ޑެންޓަލް އޯޕީޖީ، ކަށީގެ ފަރުވާތަކަށް ޚާއްސަ އޯތޯ-ތިއޭޓަރ ޤާއިމްކުރަން ނިންމާފައިވާއިރު، މީގެ އިތުރުން، ހޮސްޕިޓަލުގެ ސްޓާފުންނަށާއި އަތޮޅުތެރޭގެ މުވައްޒަފުންނަށް ތަމްރީން ދިނުމަށް ބޭނުންވާ ފެސިލިޓީތަކާއި، ޕްރައިވެޓް ރޫމްތައްވެސް ހިމެނޭނެކަމަށް ހެލްތް މިނިސްޓްރީން މައުލޫމާތު ދެއެވެ.
މި ހޮސްޕިޓަލް ހުންނަ ކުޑަހުވަދޫގައި އެއަރޕޯޓެއް އޮންނާތީ، އެމަޖެންސީ ހާލަތްތަކުގައި ކޭޓަރކުރެވޭނެ އިމަޖެންސީ އީއާރެއްވެސް މި ހޮސްޕިޓަލުގައި ޤާއިމްކުރެވޭނެކަމަށް ހެލްތް މިނިސްޓްރީން ވަނީ ބުނެފައެވެ. އަދި ކޮވިޑް-19 ފަދަ ބަލިތައް ފެތުރޭ ޙާލަތްތަކުގައި ހޮސްޕިޓަލުގެ އޮޕަރޭޝަންތައް ނުހުއްޓި ކުރިޔަށް ގެންދެވޭ ގޮތަށް ފްލޫ ކްލިނިކާއި އައިސޮލޭޝަން ފެސިލިޓީވެސް ހިމެނޭނެކަމަށް އެ މިނިސްޓްރީން ބުންޏެވެ.
ހެލްތް މިނިސްޓްރީން ބުނީ، ހޮސްޕިޓަލުގެ ހުރިހާ އެނދަކަށް ޕައިޕްޑް އޮކްސިޖަން، މެޑިކަލް އެއަރ އަދި ސަކްޝަން އެޅޭނެ ކަމަށެވެ. އަދި ހަކަތައިގެ ޚަރަދު ކުޑަކުރުމަށް ސޯލަރ ޕީވީ ސިސްޓަމާއި، ޕަވަރ ބެކަޕް ސިސްޓަމްވެސް ޤާއިމްކުރެވޭނެ ކަމަށެވެ. މީގެ އިތުރުން، ވޭސްޓް މެނޭޖްމަންޓް ސިސްޓަމާއި، ހޮސްޕިޓަލް ގްރޭޑް އިންޑަސްޓްރިއަލް ލޯންޑްރީ ސެޓަޕް، އަދި މެޑިކަލް އޮކްސިޖަން ޕްލާންޓްވެސް ޤާއިމްކުރެވޭނެކަމަށް އެ މިނިސްޓްރީން ބުންޏެވެ.
މި އައު ހޮސްޕިޓަލް އިމާރާތްކޮށް ނިމި ޚިދުމަތްދޭން ފެށުމުން، ދ. އަތޮޅުގެ ރައްޔިތުންނަށާއި ކައިރި އާބާދީތަކުގެ ރައްޔިތުންނަށް ޞިއްޙީ ޚިދުމަތް ލިބިގަތުމުގައި ގިނަގުނަ ލުއިފަސޭހަތަކެއް ލިބިގެންދާނެ ކަމަށް ހެލްތު މިނިސްޓްރީން ބުނެފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!