މާލޭގައި ކާރެއް ކޮންޓްރޯލްނުވެ އެކްސިޑެންޓެއް ހިނގައި އެއްގަމު އުޅަނދުތަކަކަށް މިއަދު ގެއްލުންވެއްޖެއެވެ،

ފުލުހުންގެ ޚިދުމަތުން މަޢުލޫމާތު ދިންގޮތުގައި، މި ހާދިސާ ހިނގާފައިވަނީ މިއަދު ހެނދުނު 7:50 ހާއިރު އަމީނީމަގުގެ ގާކޮށި ކުރިމަތީގައެވެ.

Ad
rt

މި ހާދިސާގައި ދުއްވާފައިދިޔަ ކާރު ކޮންޓްރޯލްނުވެ އެސަރަހައްދުގައި ޕާކުކޮށްފައި ހުރި 6 ސައިކަލަކަށާއި ކާރަކަށް ޖެހި، އެތަކެއްޗަށް ގެއްލުންވެފައިވާކަމަށް ފުލުހުން ބުންޏެވެ.

މި އެކްސިޑެންޓްގެ މައްސަލަ ބަލަމުން އަންނަކަމަށް ވެސް ފުލުހުން ބުންޏެވެ.

މި އެކްސިޑެންޓްގެ ވީޑިއޯ މީސް މީޑިއާގައި ދައުރުވަމުންދާއިރު، މި ވީޑިއޯއިން ފެންނަ ގޮތުގައި އެކްސިޑެންޓްވި އޮރެންޖު ކުލައިގެ ކާރު ވަނީ ގާކޮށި ފްލެޓްތަކާ ދިމާލުން ޕޭވްމަންޓް މައްޗަށް އަރާފައެވެ. މި ކާރަށްވެސް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާއިރު، ޕާކުކޮށްފައި ހުރި ސައިކަލުތަކެއް ވެއްޓިފައިވާ މަންޒަރުވެސް ވީޑިއޯއިން ފެންނެއެވެ.