ރ. ފައިނުގައި އެއާޕޯޓެއް ތަރައްގީކުރުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އާ ހަވާލުކޮށްފިއެވެ.

މި މަޝްރޫޢު ހަވާލުކުރީ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)އިންނެވެ.

Ad
rt

މިއަދު ހެނދުނު ބޭއްވުނު ހާއްސަ ހަފްލާއެއްގައި މި މަޝްރޫޢުގެ އެއްބަސްވުމުގައި ދެ ކުންފުނީގެ އިސްވެރިން ސޮއިކުރެއްވިއެވެ. އެމްއޭސީއެލްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހީމް ޝަރީފް މުޙައްމަދެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ސައުދީއެވެ.

މި ހަފްލާގައި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

އެއްބަސްވުމުގައި ސޮއިކުރުމަށްފަހު، އެމްއޭސީއެލްއިން ސޯޝަލް މީޑިއާ ޕްލެޓްފޯމް 'އެކްސް' ގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ މި މަޝްރޫޢަކީ ރައީސް މުޙައްމަދު މުޢިއްޒުގެ ތަސައްވުރާ އެއްގޮތަށް، ރާއްޖޭގެ ދަތުރުފަތުރުގެ ނިޒާމު ހަރުދަނާކޮށް، އިޤްތިޞާދީ ކުރިއެރުމަށް މުހިންމު މަޝްރޫޢެއް ކަމަށެވެ.

މީގެ ކުރިން، މިދިޔަ މަހުގެ 23 ވަނަ ދުވަހު ރ. ފައިނަށް ކުރެއްވި ދަތުރުފުޅެއްގައި ރައީސް މުޙައްމަދު މުޢިއްޒު ވަނީ އެ ރަށުގައި އެއާޕޯޓުގެ މަސައްކަތް ވަރަށް އަވަހަށް ފެށޭނެ ކަމުގެ ޔަޤީންކަން ރައްޔިތުންނަށް ދެއްވާފައެވެ.

މި މަޝްރޫޢު ފެށުމާއެކު، ރ. އަތޮޅުގެ ރައްޔިތުންނަށް ދަތުރުފަތުރުގެ ޚިދުމަތް އިތުރަށް ފަސޭހަވެ، އަތޮޅުގެ އިޤްތިޞާދީ ދުވެލި އިތުރުވެގެންދާނެ ކަމަށް އުންމީދު ކުރެވެއެވެ. އަދި މި މަޝްރޫޢަކީ ސަރުކާރުގެ ސަރަޙައްދީ ތަރައްޤީގެ ވަޢުދުތައް ފުއްދުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ.

ރ. އަތޮޅު އިފުރުގައި ވެސް އެއާޕޯޓެއް އޮވެއެވެ.