ވިސްލްބްލޯކޮށްގެން އެއްވެސް މުވައްޒަކު ވަޒީފާއިން ވަކި ނުކުރާކަން ޕޯސްޓް އޮފީހުން ކަށަވަރުކޮށްދީފި

ވިސްލްބްލޯ ކުރި މުވައްޒަފަކު ވަޒީފާއިން ވަކިކުރިކަމަށް ބައެއް މީޑިއާތަކުން ފަތުރަމުންދާ ޚަބަރުތަކަކީ ޙަޤީޤަތާ ޚިލާފު ދޮގު މަޢުލޫމާތު ކަމަށާއި، ވިސްލްބްލޯކޮށްގެން އެއްވެސް މުވައްޒަކު ވަޒީފާއިން ވަކި ނުކުރާކަމަށް މޯލްޑިވްސް ޕޯސްޓް ލިމިޓެޑުން މިއަދު ކަށަވަރުކޮށްދީފިއެވެ.

Ad
rt

މަސައްއަކަތުގެ ސުލޫކާއި އަޚްލާޤްގެ މައްސަލަތަކެއްގައި އެ ކުންފުނިން ވަކިކުރި މުވައްޒަފަކާއި ހަވާލާދީ، އެ ކުންފުނީގެ ވެރިންނާއި ކުންފުނީގެ އަގުވެއްޓޭގޮތަށް ބައެއް މީޑިއާތަކުން ޚަބަރު ފަތުރާފައިވާކަމަށް ބުނެ، ކަން ހިނގާފައިވާގޮތް ސާފުކޮށްދިނުމުގެ ގޮތުން މޯލްޑިވްސް ޕޯސްޓް ލިމިޓެޑުން މިއަދު ވަނީ ބަޔާނެއް ނެރެ އާންމުކޮށްފައެވެ.

މި ބަޔާނުގައި ޕޯސްޓް އޮފީހުން ބުނެފައިވަނީ، އެ ކުންފުނީގެ އެއްވެސް މުވައްޒަފަކު ކުންފުނީގެ އެއްވެސް ކަމަކާ ބެހޭގޮތުން ދަޢުލަތުގެ އެއްވެސް އިދާރާއެއްގައި ވިސްލްބްލޯ ކުރުމާ ގުޅިގެން ވަޒީފާއިން ވަކިކޮށްފައި ނުވާނެކަން ކަށަވަރުކޮށްދީފައެވެ. އަދި މިފަދަ ޚަބަރުތައް ފަތުރަމުންދާ ފަރާތްތަކުގެ ޢަމަލު އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށްވެސް ބަޔާނުގައި ބުނެފައިވެއެވެ.

ޕޯސްޓް އޮފީހުން އިތުރަށް ހާމަކޮށްފައިވާ ގޮތުގައި، ދާދިފަހުން ވަޒީފާއިން ވަކިކުރެވުނު މުވައްޒަފަކީ މަސައްކަތުގެ ފެންވަރާއި އަޚްލާޤީ މައްސަލަތަކާ ގުޅިގެން، ގާތްގަނޑަކަށް 10 މަސްދުވަހުގެ މުއްދަތެއްގައި އިޞްލާޙީ ފިޔަވަޅުތައް އެޅުމަށްފަހު ވަކިކުރެވުނު މުވައްޒަފެކެވެ. މި މުވައްޒަފާމެދު އެޅުނު ހުރިހާ ފިޔަވަޅުތަކެއްވެސް އެޅިފައިވަނީ ކުންފުނީގެ މުވައްޒަފުންނާބެހޭ ޤަވާޢިދާއި ވަޒީފާއާބެހޭ ޤާނޫނާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށް ޕޯސްޓް އޮފީހުން ކަށަވަރުކޮށްދީފައިވެއެވެ.

މީގެއިތުރުން، މި މުވައްޒަފަކީ މީނާ ރެކްރޫޓްކުރެވުނު މަޤާމަށް ރެކްރޫޓް ކުރުމުގެ ކުރިން، ކޮމްޕެނީ ސެކްރެޓަރީ ގެ މަގާމަށް ކުރިމަތިލައި އެމަޤާމަށް ނުހޮވުމުން، ނުރުހުން ފާޅުކުރުމުގެ އިތުރުން، މީނާ ރެކްރޫޓް ކުރެވުނު މަޤާމުގެ ޕްރޮބޭޝަން މުއްދަތުގައި ހުރެ، ކުންފުނިން އިއުލާން ކުރި، ވަރަށް އިސް މަޤާމުތަކަކަށް ކުރިމަތިލައި، އެ މަޤާމުތަކަށް އިންޓަރވިއުއަށް ނުކިޔައިގެން އެކިތަންތަނުގައި ހިތްހަމަނުޖެހުން ފާޅުކުރަމުން ގެންދިޔަ މުވައްޒަފެއްކަމަށް ޕޯސްޓްގެ ބަޔާނުގައި ބުނެފަވެއެވެ.

''އެންމެފަހުން މި ހިތްހަމަނުޖެހުންތައް މެނޭޖިންގ ޑިރެކްޓަރާ ހަމައަށް ގެންދިއުމުގެ ބޭނުމުގައި، މެނޭޖިންގ ޑިރެކްޓަރާ ބައްދަލު ކުރުމަށް އޮފީހުން ބޭރުގެ ވަރަށް ޢިއްޒަތްތެރި ބޭފުޅަކު ފޮނުވައި، އެބޭފުޅާ މެދުވެރިކޮށް މީނާ ކުރިމަތިލި މަޤާމުތަކަށް އިންޓަރވިއުއަށް ކިޔާފައި ނުވާތީއާ އަދި އިންޓަރވިއު ކުރެވުނު މަޤާމަށް ހޮވިފައިނުވާތީ އިޙްތިޖާޖުގެ ބަސްތައް މެނޭޖިންގ ޑިރެކްޓަރަށް އިއްވައި، އަދި މީނާ ބޭނުންވި ގޮތަށް އެކަންކަން ހިގާފައި ނުވާތީ، އެކަމުގެ ކައްފާރާއެއްގެ ގޮތުގައި ވީހާވެސް އަވަހަކަށް މިހާރު ހުރި މަޤާމަށްވުރެ ރަގަޅު މަޤާމަކަށް ޕްރޮމޯޝަން ދިނުމަށާ އަދި މީނާ އިންނަތަން ކޮޓަރިއަކަށް ބަދަލުކޮށްދިނުމަށާ އަދި މި 2 ކަންތަން ވީހާވެސް އަވަހަކަށް ކޮށްނިންމައި ދިނުމަށް އެދި، މިދެންނެވި ޢިއްޒަތްތެރި ބޭފުޅާ މެދުވެރިކޮށް މެނޭޖިންގ ޑިރެކްޓަރަށް ބިރުދައްކާފައިވާ މުވައްޒަފެއްކަންވެސް ފާހަގަކުރަމެވެ.'' މި ބަޔާނުގައި ބުނެފަވެއެވެ.

ޕޯސްޓް އޮފީހުގެ ބަޔާނުގައި ވަނީ އެ ކުންފުނީގައި ކޮރަޕްޝަންގެ ޢަމަލުތަކެއް ހިންގާކަމަށްބުނެ، ބައެއް ނޫސް މީޑިއާތަކުގައި ޝާއިއުކޮށްފައިވާ ޚަބަރުތަކާއި ގުޅިގެން، އެކަންކަމުގެ ހަގީގަތަކީ ކޮބައިކަން ކަމާބެހޭ ދަޢުލަތުގެ އިދާރާތަކާއި ރައްޔިތުންނަށް ސާފުކޮށް އެގެންޖެހޭނެކަމަށް ދެކޭކަމަށް ބަޔާންކޮށް މި ބަޔާނުގައި ހަތް ނުކުތާއެއް ފާހަގަކޮށްފައެވެ. އެ ނުކުތާތައް ޕޯސްޓް އޮފީހުގެ ބަޔާނުގައިވާގޮތަށް ތިރީގައި ނަކަލުކޮށްފައި އެވަނީއެވެ.

ވަޒީފާތަކަށް މުވައްޒަފުން ނެގުމުގައި ބައެއް ވެރިންގެ މަޞްލަޙަތު ހުރި މުވައްޒަފުންނަށް ވަޒީފާ ދިނުމާއި، ވަކި މީހަކަށް ވަޒީފާ ދިނުމުގެ ބޭނުމުގައި ވަޒީފާ ދޭން އިޢުލާން ކުރާކަމަށް ބުނެ ހަޤީޤަތާ ޚިލާފު މަޢުލޫމާތު ފެތުރުން

''ނިމިދިޔަ މެނޭޖްމަންޓުގައި އިޢުލާން ކުރުމެއްނެތި، އިންޓަރވިއު ކުރުމެއްނެތި، މެނޭޖިންގ ޑިރެކްޓަރަށް ލިބިގެންވާ ބާރުގެ ދަށުން ކަމަށް ބުނެ، މެރިޓް އުޞޫލުން ބޭރުން 49 ފަރާތަކަށް ކުންފުނިން ވަޒީފާ ދީފައިވާއިރު މީގެތެރޭގައި ވަރަށް ސީނިއަރ މަޤާމުތައްވެސް ހިމެނޭކަމާއި މިފަރާތްތަކަށް ކުންފުނީގެ ގިނަދުވަސްވީ ވެރިންނަށާއި މުވައްޒަފުންނަށް ނުލިބޭފަދަ ބޮޑެތި މުސާރައާއި އެލަވަންސްތައް އެކި ނަންނަމުގައި ދީފައިވާ ކަން ފާހަގަކުރަމެވެ. މިގޮތަށް މަޤާމުތަކަށް މީހުން ވެއްދުމަކީ މެނޭޖިންގ ޑިރެކްޓަރަށް ލިބިގެންވާ ބާރެއް ނޫންކަމާއި، އަދި މިގޮތަށް މުވައްޒަފުން ވެއްދުމުގެ ބޭނުމުގައި ކުރީގެ މެނޭޖްމަންޓުން އެޗް.އާރު ޕޮލިސީއަށް ގެނައި ބަދަލުތައް ރިވާރސް ކުރުމަށް ޕްރަވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން އެންގުމުންވެސް އެކަން ބަދަލުނުކޮށް އޮތްއޮތުން، ޕްރަވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުގެ އެންގެވުމާ އެއްގޮތަށް މިހާރުގެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން ބަދަލުކޮށް އެޗް.އާރު ޕޮލިސީ އިޞްލާޙު ކޮށްފައިވާކަން ފާހަގަކުރަމެވެ. އެހެންކަމުން، ކުންފުނީގެ މިއަދުގެ މެނޭޖްމަންޓުން ކުންފުނީގެ ވަޒީފާތަކަށް މީހުން ރެކްރޫޓްކުރުމުގައި އުޞޫލުތައް ތަރުތީބުކޮށްފައިވަނީ ރެކްރޫޓްމަންޓް ޕްރޮސެސް ތެރެއިން ނޫންގޮތަކަށް މުވައްޒަފުން ނުނެގޭ ގޮތަށްކަން ފާހަގަ ކުރަމެވެ. އެގޮތުން، މިއަދު މަޤާމުތަކަށް މީހުން ހޮވަނީ، މަޤާމަކަށް އިޢުލާން ކުރުމުގެ ކުރިން އެ މަޤާމަކީ، ޑިޕާރޓްމަންޓަކަށް ބޭނުން މަޤާމެއްތޯ ކަށަވަރުކުރުމުގެ ގޮތުން ނީޑް އެސެސްމަންޓް ހަދައި، ހުއްދަ ހޯދައި، އެމަޤާމަގަށް އިޢުލާންކޮށް، އިޢުލާންކުރެވޭ މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުތު ފުރިހަމަވާ އަދި ޝޯޓު ލިސްޓް ކުރެވޭ ހުރިހާ ފަރާތްތަކާ ކަޑައެޅިފައިވާ އިންޓަރވިއު ޕެނަލް އަކުން އިންޓަރވިއުކޮށް، އެންމެ މަތިން މާރކްސް ހޯދާ ފަރާތްކަމުގައި ދަންނަވަމެވެ. އަދި އިންޓަރވިއު ޕެނަލްގެ ކޮންމެ މެންބަރަކީ މުސްތަޤިއްލުކަމާއެކު އިންޓަރވިއު ކުރެވޭ ފަރާތުގެ ގާބިލްކަން ވަޒަންކޮށް، މާރކްސް ދެއްވާ އަދި މާރކްސް ޝީޓުގައި އެ މެންބަރަކު ސޮއިކުރެއްވުމަށްފަހު، އިންޓަރވިއު ސެޝަން ނިމުމާއެކު ޕެނަލްގައި އެޗް.އާރު ތަމްޞީލު ކުރާ މެންބަރ ކަމަށްވާ އެޗް.އާރު ހެޑާ ހަވާލުކުރެވޭ މާރކްސް ޝީޓަކަށްވާއިރު، އަދި ރެކްރޫޓްމެންޓްގެ މުޅި ޕްރޮސެސް މިގޮތަށް ގެންދާއިރު، އެއްވެސް ވެރިއެއްގެ އެއްވެސް މަޞްލަޙަތެއް އޮވެގެން އިންޓަވިއު ޕެނަލްގެ ނިންމުމަށް ބަދަލު ގެނައުމުގެ އެއްވެސް ފުރުޞަތެއް ނޯންނާނެ ކަމުގައި ދަންނަވަމެވެ.'' ޕޯސްޓް އޮފީހުގެ ބަޔާނުގައި ބުނެފަވެއެވެ.

ވަކި ބަޔަކަށް ވިޔަފާރި ކޮށްދިނުމަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ޤާޢިމު ކޮށްފައިވާ ޕޯސްޓް ޝޮޕްގައި މުދާ ބަހައްޓައިގެން ވިއްކާކަމަށް ބުނެ ހަޤީޤަތާ ޚިލާފު މަޢުލޫމާތު ފެތުރުން

''ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ޤާޢިމު ކޮށްފައިވާ ޕޯސްޓް ޝޮޕަށް މުދާ ސަޕްލައި ކުރުމުގެ އެއްބަސްވުމަކީ ކުރީގެ މެނޭޖްމަންޓުން ޖަމްޢިއްޔަތު ތަޙްފީޒްލް ޤުރުއާނުލް ކަރީމް ކިޔާ ޤުރްއާން ހިތުދަސްކޮށްދޭ ކިލާހަކާ އެކު ހަދާފައިވާ އެއްބަސްވުމެއްކަން ފާހަގަ ކުރަމެވެ. ޤުރްއާން ކިލާސްތަކަކީ މުދާ އުފައްދާ ސަޕްލައިކުރާ ތަނަކަށް ނުވާތީ، މިއަދުގެ މެނޭޖްމަންޓުން ކުންފުންޏާ ހަވާލުވުމާއެކު، ކުރިހާވެސް ކަމަކީ މިއެއްބަސްވުން ނިމުމަކަށް ގެނައުމެވެ. ނަމަވެސް، މި އެއްބަސްވުމާ ކުންފުނީގެ ތެރެއިންނާ ބޭރުން ގުޅުންހުރި އަދި މަޞްލަހަތު އޮތްކަމަށް ބެލެވޭ ފަރާތްތަކުގެ ބޭނުމަކީ މިކަމަކީ މިއަދުގެ މެނޭޖްމަންޓަށް ނިސްބަތްވާ ކަމެއްކަމަށް ހަދައި، ޙަޤީޤަތް އޮޅުވާލައި ކުންފުނީގެ ވެރިންނާއި މުޅި މެނޭޖްމަންޓް ބަދުނާމު ކުރުމެވެ.'' ޕޯސްޓް އޮފީހުގެ ބަޔާނުގައި ބުނެފަވެއެވެ.

ބައެއް ވެރިންގެ މަސްލަހަތު އެކުލެވޭ ގޮތަށް ހާޒިރީއަށް ބަދަލު ގެންނަ ކަމަށްބުނެ ހަޤީޤަތާ ޚިލާފު މަޢުލޫމާތު ފެތުރުން

''ސަރުކާރުގެ އިދާރާތަކުގެ ސިޔާސީ އިސްވެރިން ގަޑިޖެހޭ ގަޑިއަކީ 8:31 ކަމަށާއި އަދި ގަޑިޖެހިއްޖެނަމަ ގަޑީލާރި ނެގޭނެކަމަށް އޮންނަ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ދެންނެވުމާ ޚިލާފަށް ޢަމަލުކޮށްފައިވަނީ، ކުރީގެ މެނޭޖްމަންޓުންކަން ފާހަގަ ކުރަމެވެ. އެގޮތުން، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ދެންނެވުމާ ޚިލާފަށް ގަޑިން 10، 11 ، 12 ޖަހާއިރު އޮފީހަށް ހާޒިރުވެ، 8:30 ގައި އޮފީހަށް އައިކަމަށް ހަދައި، އެޗް.އާރު ގެ މުވައްޒަފުންނަށް އަންގައިގެން ގަޑީލާރި ނުކެޑޭގޮތަށް މުސާރަ ނަގާފައިވަނީ ކުރީގެ މެނޭޖްމަންޓުން ކަމުގައި ދަންނަވަމެވެ. އަދި މިކަން އެޗް.އާރުގެ ރިކޯޑުތަކުން ފެންނާން ހުރިކަމުގައިވެސް ދަންނަވަމެވެ. ނަމަވެސް، މިއަދުގެ މެނޭޖްމަންޓުގެ މެނޭޖިންގ ޑިރެކްޓަރާ އެހެނިހެން އިސްވެރިންވެސް ޢަމަލު ކުރަމުންދަނީ ސިޔާސީ އިސްވެރިންގެ ހާޒިރީއާ ގުޅޭގޮތުން އަމަލުކުރުމަށް އޮންނަ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ދެންނެވުމާ އެއްގޮތަށް ކަމުގައި ދަންނަވަމެވެ. އަދި މެނޭޖިންގ ޑިރެކްޓަރާ އެހެނިހެން އިސްވެރިންވެސް 8:31 ގައި ގަޑިޖައްސައި ގަޑީގެ ލާރި ނެގުމަކީ އެޗް.އާރަށް އޮތް ބާރެއްކަމާއި އެފަދަ ވެރިން ގަޑިޖެހިއްޖެނަމަ ގަޑީލާރި ނެގުމަކީ މިއަދުގެ މެނޭޖްމަންޓުން ޢަމަލުކުރާގޮތް ކަމުގައި ދަންނަވަމެވެ.'' ޕޯސްޓް އޮފީހުގެ ބަޔާނުގައި ބުނެފަވެއެވެ.

މެނޭޖިންގ ޑިރެކްޓަރ ބޮޑު މުސާރައެއް ނަގާކަމަށް ބުނެ ހަޤީޤަތާ ޚިލާފު ޚަބަރު ފެތުރުން

''ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުންނަށާއި މެނޭޖިން ޑިރެކްޓަރަށާއި އަދި ހުރިހާ މުވައްޒަފުންނަށް ދެވޭ މުސާރައާ އެލަވަންސްތަކަކީ ކުންފުނިގެ މުސާރައިގެ އޮނިގަޑާ އެއްގޮތަށް ދެވޭ އެއްޗެއްކަން ފާހަގަ ކުރަމެވެ. މުވައްޒަފުންނަށް މުސާރަ ދިނުމުގައި އެޗް.އާރު ޑިޕާރޓްމަންޓުން އަމަލު ކުރަމުންދަނީ 2023 ގައި ޑިރެކްޓަރުންގެ ބޯޑުން ފާސްކޮށްފައިވާ މުސާރައިގެ އޮނިގަޑާ އެއްގޮތަށެވެ. އަދި މި އޮނިގަޑުގައި މެނޭޖިންގ ޑިރެކްޓަރާއި ސިޔާސީ ބޭފުޅުންނާއި ބޯޑުމެންބަރުންނަށް ދެވޭ މުސާރައާއި އިނާޔަތްތައް އެކުލަވާލެވިފައިވަނީ، ޕްރަވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުގެ ރިނިއުމަރޭޝަން ޕޮލިސީ އާ އެއްގޮތްވާ ގޮތުގެ މަތިންކަން ކުންފުނީގެ އެޗް.އާރު ޑިޕާރޓްމަންޓުން ކަށަވަރު ކޮށްދެމެވެ. އެހެންކަމުން، މެނޭޖިންގ ޑިރެކްޓަރގެ ބޮޑު މުސާރަ ނަގާކަމަށް ފަތުރާ ޚަބަރަކީ މެނޭޖިންގ ޑިރެކްޓަރުގެ އަގު ވައްޓާލުމުގެ ބޭނުމުގައި ފަތުރަމުން ގެންދާ ޚަބަރެއްކަމުގައި ދަންނަވަމެވެ.'' ޕޯސްޓް އޮފީހުގެ ބަޔާނުގައި ބުނެފަވެއެވެ.

އަންދާސީ ހިސާބު ހޯދައިގެން ކުރެވޭ މަސައްކަތްތައް ސިންގަލް ސޯސް ކޮށްގެން ކުރަން އިސްކަން ދޭކަމަށް ބުނެ ހަޤީޤަތާ ޚިލާފު މަޢުލޫމާތު ފެތުރުން

''ކުންފުނީގެ މިއަދުގެ ޕްރޮކިއުމަންޓް ޔުނިޓަކީ އެތަން ހިންގުމާ ހަވާލުވެ ހުންނެވި ހެޑްގެ މައްޗަށް އެއްވެސް ނުފޫޒެއް ނުފޯރުވޭގޮތަށް ޤާއިމުކުރެވިފައިވާ ތަނަކަށްވާއިރު، ޕްރޮކިއުމަންޓްގެ ހުރިހާ މަސައްކަތެއް ކުންފުނީގައި ހިގަމުންދަނީ ޕްރޮކިއުމަންޓް ޕޮލިސީއާ އެއްގޮތަށްކަން ފާހަގަ ކުރަމެވެ. ނިމިދިޔަ މެނޭޖްމަންޓުން ސިންގަލް ސޯސްކޮށްގެން ބޮޑު އަގުގައި ކުންފުނީގެ އެއރކޯން ސިސްޓަމް މަރާމާތުކޮށް ބެލެހެއްޓުމަށް ހަވާލުކުރެވިފައިވާ ބޭރުގެ ކުންފުންޏެއްގެ އެއްބަސްވުން މިއަދުގެ މެނޭޖްމަންޓުން އުވާލައި، ވާދަވެރި ބިޑިންގެ އުޞޫލުން އެއަރކޯންގެ މަސައްކަތްތައް ޕްރޮކިއުމަންޓުން ކުރަމުންދާތީ، މިފަދަ ދޮގު ޚަބަރު ފަތުރާ ފަރާތްތަކަކީ އުވާލެވުނު މި އެއްބަސްވުމާ މަޞްލަޙަތު އޮތް ފަރާތްތަކެއްކަމުން، އެކަމުގެ ރުޅިވެރިކަމުގައި ޕްރޮކިއުމަންޓާ މުޅި މެނޭޖްމަންޓުގެ އަގު ވައްޓާލުމަށް ފަތުރާ ދޮގު ޚަބަރުތައް ކަމުގައި ދަންނަވަމެވެ.'' ޕޯސްޓް އޮފީހުގެ ބަޔާނުގައި ބުނެފަވެއެވެ.

މެނޭޖިންގ ޑިރެކްޓަރގެ ގާތް މުވައްޒަފުންނަށް އިންޓާނަލް ރެކްރޫޓްމަންޓްގެ ނަމުގައި ޕްރޮމޯޝަންތައް ދޭކަމަށް ހަޤީޤަތާ ޚިލާފު މަޢުލޫމާތު ފެތުރުން

''މުވައްޒަފުންނަށް ޕްރޮމޯޝަން ދިނުމުގައި ޢަމަލުކުރަނީ މުވައްޒަފުގެ ޑިޕާރޓުމެންޓުގެ ހެޑާއި އެޗް.އާރު ހެޑުގެ މަޝްވަރާއާއެކު މުވައްޒަފުންނާބެހޭ ޤަވާޢިދުގައި ބަޔާންކުރެވިފައިވާ ޕްރޮމޯޝަންއާ ބެހޭ އުޞޫލާ އެއްގޮތްވާގޮތުގެ މަތިންނެވެ. އެހެންކަމުން، މުވައްޒަފުންނަށް ޕްރޮމޯޝަން ދިނުމުގައި މެނޭޖިންގ ޑިރެކްޓަރގެ އެއްވެސް ދަޢުރެއް ނޯންނަކަމުގައި ދަންނަވަމެވެ.'' ޕޯސްޓް އޮފީހުގެ ބަޔާނުގައި ބުނެފަވެއެވެ.

ކުންފުނީގެ 30 އަހަރުވެފައިވާ އަދި އޯލެވެލް ސެޓްފިކެޓްވެސް ނެތް 5 މީހުންގެ ގުރޫޕަކުން ކުންފުނި ހިންގާ ކަމަށް ބުނެ، ކުންފުނީގެ އިތުބާރު ގެއްލުވާލުމަށާއި ވެރިންގެ އަގުވައްޓާލުމަށް ހަޤީޤަތާ ޚިލާފު ޚަބަރު ފެތުރުން

''ކުންފުނީގެ ވެރިންގެ އަގު ވައްޓާލުމަށް ހަޤީޤަތާ ޚިލާފު ޚަބަރު ފަތުރާއިރު، އެ އިޝާރަތްކުރާ 5 ބޭފުޅުންނަކީ ވެސް 30 އަހަރުގެ ދިގުމުއްދަތަކަށް ކުންފުނީގައި ޚިދުމަތްކުރައްވާފައިވާ ބޭފުޅުންނެވެ. އަދި އެބޭފުޅުންނަކީ އެކި ދާއިރާތަކުން ރާއްޖޭން ބޭރުގެ ޔުނިވަރަސިޓީތަކުން ބެޗެލަރސް ޑިގްރީގެ އިތުރުން މާސްޓަރސް ޑިގްރީ ހާސިލްކުރައްވާފައިވާ ބޭފުޅުންކަން ފާހަގަކުރަމެވެ. އަދި އެބޭފުޅުންނަކީ، ކުންފުނީގެ ކުރިއެރުމާ ތަރައްޤީއަށް އެކިއެކި މެނޭޖްމަންޓުތަކުގައި ތެދުވެރިކަމާއި އިޚްލާޞްތެރިކަމާއެކު މަސައްކަތްކުރައްވާފައިވާ އަދި ކުންފުނީގެ ތަރައްޤީގެ އެކިއެކި މަރުޙަލާތަކުގައި އެބޭފުޅުންގެ ތަޖުރިބާގެ އަލީގައި އިސް ދަޢުރެއް އަދާކުރައްވާފައިވާކަމަށް ކުންފުނީގެ އެކިއެކި މެނޭޖްމަންޓުތަކުންނާއި ސަރުކާރުތަކުން ގަބޫލުކުރައްވާ ބޭފުޅުންކަން ފާހަގަކުރަމެވެ. މީގެއިތުރުން، މުވައްޒަފުން ބިނާކުރުމަށާއި މުވައްޒަފުން ބާރުވެރިކުރުމަށް އެބޭފުޅުން ދެއްވާ ސަމާލުކަމުގެ ނަތީޖާއެއްގެ ގޮތުން ޑިވެލޮޕްމަންޓާ އޮޕަރޭޝަނަލް ލެވެލްގައި ޤާބިލްކަމާއެކު މަސައްކަތްކުރުމުގެ ހުނަރު ލިބިފައިވާ އަދި ދާއިރާގެ މަސައްކަތްތަކަށް އަހުލުވެރި، ފުރާ ފުރިހަމަވެފައިވާ މިޑްލް މެނޭޖްމަންޓު ފަށަލައަކާ ސީނިއަރ މެނޭޖްމަންޓް ފަށަލައެއް ކުންފުނީގައި އުފެދިފައި އޮތްކަން އެއީ، ކުންފުނީގެ މިއަދުގެ މެނޭޖްމަންޓްގެ ޤާބިލްކަން ދަލީލުކޮށްދޭ ކަމެއް ކަމަށް ފާހަގަ ކުރަމެވެ.'' ޕޯސްޓް އޮފީހުގެ ބަޔާނުގައި ބުނެފަވެއެވެ.

މޯލްޑިވްސް ޕޯސްޓް ލިމިޓެޑްގެ ކޮރަޕްޝަން ގެ 6 މައްސަލައެއް ކަމާބެހޭ އިދާރާތަކުން ބަލާކަމަށް ބުނެ، ބައެއް މީޑިއާތަކުން ރިޕޯޓުކޮށްފައިވާ މައްސަލަތަކުގެ ހަޤީޤަތް، ސާފުކޮށްދޭކަމަށާއި، އެހެންކަމުން އެ ކުންފުނީގެ އެދުމަކީ ކަމާބެހޭ ދަޢުލަތުގެ އިދާރާތަކުން މި މައްސަލަތައް އިންސާފުވެރިކަމާއެކު ވީ އެންމެ އަވަހަކަށް ބައްލަވައި ނިންމުންކަމަށް ޕޯސްޓްގެ ބަޔާނުގައި ބުނެފަވެއެވެ. އަދި ކަންކަމުގެ ޙަޤީޤަތް ހޯދުމަކާނުލައި ބައެއް ނޫސްމީޑިއާތަކުން އޭގައި އެއްވެސް ޙަޤީޤަތެއް އެކުލެވިގެންނުވާ މިފަދަ ޚަބަރުތައް ނުފެތުރުމަށް އެ ކުންފުނިން ވަނީ އިލްތިމާސްކޮށްފައެވެ.