ރާއްޖޭގެ ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ސަޢޫދީ ޢަރަބިއްޔާގެ ތައުސީސީ ދުވަހުގެ މުނާސަބަތުގައި އެ ޤައުމުގެ ރަސްގެފާނާއި ވަލީއަހުދަށް ތަހުނިޔާ ފޮނުއްވައިފިއެވެ.

މިއަދަކީ (ފެބްރުއަރީ 22 ވަނަ ދުވަހަކީ) ސަޢޫދީ ޢަރަބިއްޔާގެ ތައުސީސީ ދުވަހެވެ.

Ad
rt

މިއަދުގެ މުނާސަބާގައި ރައީސް މުޢިއްޒު ފޮނުއްވި ތަހުނިޔާގައި، ސަޢޫދީ ޢަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒް އާލް-ސަޢޫދާއި، ވަލީއަހުދާއި ބޮޑުވަޒީރު، ހިޒް ރޯޔަލް ހައިނަސް މުޙައްމަދު ބިން ސަލްމާން ބިން ޢަބްދުލްޢަޒީޒް އާލް ސަޢޫދަށް އިޚްލާޞްތެރި ތަހުނިޔާއާއި ހެޔޮ އެދުންތައް ފާޅުކުރައްވާފައިވެއެވެ.

ރައީސްގެ ރަސްމީ "އެކްސް" އެކައުންޓްގައި އަރަބި ބަހުން ކުރެއްވި ޕޯސްޓެއްގައި ރައީސް މުޢިއްޒު ވިދާޅުވެފައިވަނީ، ސަޢޫދީ ޢަރަބިއްޔާގެ ލީޑަރޝިޕާއި ރައްޔިތުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު ތަހުނިޔާ އާއި ހެޔޮއެދުންތައް ފޮނުއްވާ ކަމަށެވެ. އަދި ސަޢޫދީ ޢަރަބިއްޔާގެ ކުރިއެރުމާއި، ތަނަވަސްކަމާއި، ސަލާމަތާއި ހަމަޖެހުމަށް އެދިވަޑައިގަންނަވާ ކަމަށްވެސް ވިދާޅުވެފައިވެއެވެ.

ސަޢޫދީ ޢަރަބިއްޔާގެ ތައުސީސީ ދުވަހަކީ އެ ޤައުމުގެ ފުރަތަމަ ދައުލަތް އުފެދުނު ދުވަހާ ގުޅުވައިގެން ފާހަގަކުރާ ދުވަހެކެވެ. މި ދުވަސް ފާހަގަކުރަނީ ކޮންމެ އަހަރެއްގެވެސް ފެބްރުއަރީ މަހުގެ 22 ވަނަ ދުވަހުއެވެ.

ރާއްޖެއާއި ސަޢޫދީ ޢަރަބިއްޔާއާ ދެމެދު ވަރަށް ގާތް ގުޅުމެއް އޮވެއެވެ.