ދިވެހީންގެ ގޮތުގައި ދިވެހީން ދެމިތިބުމުގެ ސިއްރަކީ ދިވެހިބަސްކަމުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މުޢިއްޒު މިފަދައިން ވިދާޅުވެފައިވަނީ ބައިނަލްއަޤްވާމީ މާދަރީ ބަހުގެ ދުވަހާ ގުޅިގެން "އެކްސް"ގައި ކުރެއްވި ޕޯސްޓެއްގައެވެ.
ރައީސްގެ ޕޯސްޓުގައި ފާހަގަކުރައްވާފައިވާ ގޮތުގައި، ދިވެހިރާއްޖެ، ދިވެހިވަންތަ، ދިވެހިދިދަ، ފަދަ ދިވެހީންގެ އަމިއްލަވަންތަކަމާއި، ސިޔާދަތު ރަމްޒުކޮށްދޭ ކޮންމެ ލަފްޒެއްވެސް ގުޅިފައިވަނީ "ދިވެހި" ބަހާއެވެ. އަދި މާޒީއާއި، މިއަދު އަދި މާދަމާވެސް، ދިވެހީންގެ ގޮތުގައި ދިވެހީން ދެމިތިބުމުގެ ސިއްރަކީ ދިވެހިބަސްކަމުގައި އެމަނިކުފާނު ވިދާޅުވެފައިވެއެވެ.
ބައިނަލްއަޤްވާމީ މާދަރީ ބަހުގެ ދުވަހަކީ، ކޮންމެ އަހަރެއްގެ ފެބުރުވަރީ މަހުގެ 21 ވަނަ ދުވަހު ފާހަގަކުރާ ދުވަހެކެވެ. މި ދުވަހުގެ މަޤްޞަދަކީ ބަހުގެ ތަފާތުކަމާއި، އަދި ބަހުގެ ޘަޤާފީ ތަފާތުކަމާއި ބަހުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުވާލާ ބަސް ކުރިއެރުވުމެވެ.
މިއަހަރަކީ ބައިނަލްއަޤްވާމީ މާދަރީ ބަހުގެ ދުވަސް ފާހަގަކުރަން ފެށިތާ 25 އަހަރު ފުރޭ ރިހި ޔޫބީލް އަހަރެވެ. މިއަހަރުގެ މި ދުވަހުގެ ޝިއާރު އަމާޒުކޮށްފައިވަނީ ދެމެހެއްޓެނިވި ތަރައްޤީގެ ދުނިޔެއެއް ބިނާކުރުމަށްޓަކައި ބަހުގެ ތަފާތުކަމުގެ ކުރިއެރުންތައް ހަލުވިކުރުމުގެ މުހިންމުކަމުގެ މައްޗަށެވެ.
ރައީސް މުޢިއްޒުގެ ސަރުކާރުން ވަނީ ދިވެހި ބަހަށް ޚާއްޞަ ވުޒާރާއެއް އުފައްދަވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!