އަލިފާނުގެ ހާދިސާއެއް ހިނގާ އައްޑޫ ސިޓީ ހިތަދޫ މެދު ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ރަޝީދު (މެޓްރިކްސް މޯޑް) ގެ ޢާއިލީ ގެއެއްކަމަށްވާ "ގާލެންޑް" ގައި ދިރިނޫޅެވޭ ވަރަށް ގެއްލުން ވެއްޖެއެވެ.
އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ހިތަދޫ ފަޔަރ ސްޓޭޝަނަށް މި ހާދިސާގެ މައުލޫމާތު ރޭ ފަތިހު 05:11 ހާއިރު ލިބުމާއެކު، އެ ސްޓޭޝަނުގެ ފަޔަރފައިޓަރުން ވަނީ އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ކޮށްފައި ކަމަށާއި، ފަޔަރފައިޓަރުން ކުރި މަސައްކަތުން، އެ ގޭގައި ރޯވެފައި ހުރި އަލިފާން އެއްކޮށް ނިއްވާލެވިފައިވަނީ ހެނދުނު 08:05 ހާއިރު ކަމުގައި އެމްއެންޑީއެފް އިން ބުންޏެވެ.
އެ ގެއަކީ މީހުން ދިރިއުޅެމުން އައި ގެއެއް ނަމަވެސް، މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައިނުވާ ކަމުގައި އެމްއެންޑީއެފް އިން ބުންޏެވެ.
އަލިފާނުގެ ހާދިސާއާއި ގުޅިގެން މެޓްރިކްސް މުހައްމަދު ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ބުނީ ގޭގައި އުޅޭ އެންމެން ވެސް ސަލާމަތްވެފައިވާ ކަމަށާއި ނަމަވެސް ގެ ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދައި ހުލިވެފައި ކަމަށެވެ.
މި ހާދިސާއާއި ގުޅިގެން ނެޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނީ، ހިތަދޫ "ގާލެންޑް" ގޭގައި އަލިފާނުގެ ހާދިސާއެއް ހިނގައި ދިރިނޫޅެވޭވަރަށް އެތަނަށް ގެއްލުން ލިބިފައިވާތީ، އެގޭގައި ދިރިއުޅެމުން ދިޔަ ފަރާތްތަކަށް އިންސާނީ އެހީތެރިކަން އައްޑޫ ސިޓީ ކައުންސިލާއި ގުޅިގެން އެ އޮތޯރިޓީ އިން ފޯރުކޮށްދީފައިވާ ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!