އިންޑިއާގެ އުތުރުގެ ސްޓޭޓެއް ކަމަށްވާ އުއްތަރަ ޕްރަދޭޝްގެ ސިޓީއެއް ކަމަށްވާ ނޮއިޑާގައި ކައިވެނީގެ ރަސްމިއްޔާތެއްގައި އުފާފާޅުކުރުމުގެ ތެރެއިން ބަޑި ޖެހުމުގެ ސަބަބުން ކުޑަކުއްޖަކު މަރުވެއްޖެއެވެ.
ނޮއިޑާ ޕޮލިހުންނާ ހަވާލާދީ އިންޑިއާގެ ބައެއް ނޫސްތަކުން މިއަދު ރިޕޯޓްކޮށްފައިވާ ގޮތުގައި ކައިވެނީގެ ރަސްމިއްޔާތެއްގައި ބަޑި ޖެހުމުގެ ސަބަބުން ކުޑަކުއްޖަކު މަރުވި މައްސަލައިގައި ތުހުމަތުކުރެވޭ ދެމީހުންކުރެ އެކަކު ވަނީ ހައްޔަރުކޮށްފައެވެ.
އިންޑިއާގެ ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި މި ހާދިސާ ހިނގާފައިވަނީ އިންޑިއާގައި ސަގާފީ އާދަކާދައާއި އެއްގޮތަށް ބޭއްވި ކައިވެނީގެ ހަފްލާއްގައެވެ.
މި މައްސަލައިގައި ބަޑިޖެހި ކަމުގެ ތުހުމަތުގައި ހައްޔަރުކުރެވުނު ދީޕާންޝުގެ އިތުރުން އަނެއް މީހާ ހޯދުމުގެ މަސައްކަތް ޕޮލިހުން ދަނީ ކުރަމުންނެވެ.
މި ހާދިސާގެ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ފެތުރުމާ ގުޅިގެން، މަރުވި ކުއްޖާގެ ޢާއިލާއިން ހުށަހެޅި ޝަކުވާއެއްގެ މައްޗަށް ބިނާކޮށް ޕޮލިހުން ވަނީ ތަޙުޤީޤު ފަށާފައެވެ.
ނޮއިޑާގެ ފުލުހުންގެ އިސް އޮފިސަރެއް ކަމުގައިވާ ރާމް ބަދަން ސިންގ ވިދާޅުވި ގޮތުގައި، "ވީޑިއޯގައި ބަޑިޖެހި ދެމީހުން ފެންނަން ހުއްޓެވެ. އޭގެތެރެއިން ދީޕާންޝު ވަނީ ހައްޔަރުކުރެވިފައެވެ. އޭނާ އަތުން ބަޑިވެސް އަތުލެވިފައިވެއެވެ. އަނެއް މީހާ ހޯދުމުގެ މަސައްކަތް ދަނީ ކުރެވެމުންނެވެ.
އިބްތިދާއީ ތަޙުޤީޤުތަކުން ދައްކާގޮތުގައި، އެތަނުން އެކަކު ބޭނުންކޮށްފައިވަނީ ޤާނޫނާ ޚިލާފު ބަޑިއެއް ކަމަށްވާއިރު، އަނެއް މީހާ ބޭނުންކޮށްފައިވަނީ އޭނާގެ ބައްޕަގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ ހުއްދަ ލިބިފައިވާ ބަޑިއެކެވެ.
އިންޑިއާގައި ކައިވެނި އަދި އެހެނިހެން އުފާވެރި މުނާސަބަތުތަކުގައި "ސެލެބްރޭޓަރީ ފަޔަރިންގ" ނުވަތަ އުފާވެރިކަން ފާޅުކުރުމުގެ ގޮތުން ބަޑިޖެހުމަކީ އާންމު ކަމެކެވެ. ނަމަވެސް މިފަދަ ޢަމަލުތަކަކީ ޤާނޫނާ ޚިލާފު ކަމެއް ކަމަށްވެފައި، ކޮންމެ އަހަރަކުވެސް މިފަދަ ހާދިސާތަކުގައި ގިނަ ބަޔަކު މަރުވެ އަނިޔާވަމުންދެއެވެ. އުއްތަރު ޕްރަދޭޝް، ބިހާރު އަދި ރާޖަސްތާން ފަދަ އިންޑިއާގެ ގިނަ ސްޓޭޓުތަކުގައި މިފަދަ ހާދިސާތައް އާންމުކޮށް ހިނގައެވެ.
މިކަމާ ގުޅިގެން އިންޑިއާގެ ސުޕްރީމް ކޯޓުން ވަނީ ވޭތުވެދިޔަ އަހަރުތަކުގައި މިފަދަ ޢަމަލުތައް ހުއްޓުވުމަށް ސަރުކާރަށް އަމުރުކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!