ދިވެހިރާއްޖެއާއި ސިންގަޕޫރާ ދެމެދު ސިޔާސީ ގުޅުން ގާއިމުކުރިތާ 50 އަހަރު ފުރުމުގެ މުނާސަބަތުގައި، ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި، ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމް އަދި ބޮޑުވަޒީރު ލޯރެންސް ވޮންގްއަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ތަހުނިޔާ ފޮނުއްވައިފިއެވެ.

ރައީސް އޮފީހުން މިއަދު ބުނިގޮތުގައި ރައީސް މުޢިއްޒު ވަނީ ސިންގަޕޫރުގެ ރައީސް އަދި ބޮޑުވަޒީރަށް ވަކިވަކިން ސިޓީފުޅު ފޮނުއްވާފައެވެ. މި ސިޓީފުޅުތަކުގައި، ދެ ޤައުމުގެ ދެމެދުގައި އޮތް ގާތް ގުޅުން ފާހަގަކުރައްވާ، ކުރިއަށް އޮތް އަހަރުތަކުގައި މި ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމުގެ އުންމީދު ފާޅުކުރައްވާފައިވެއެވެ.

Ad
rt

މިސިޓީފުޅުތަކުގައި ރައީސް މުޢިއްޒު ވަނީ ދެ ޤައުމުގެ ކުރިމަގަށް މުހިންމު ފުރުޞަތުތައް ހޯދުމަށް ގުޅިގެން މަސައްކަތްކުރުމުގެ އުންމީދު އާކުރައްވާފައެވެ. އަދި ދެ ޤައުމުގެ ރައްޔިތުންގެ މެދުގައި އޮތް ބަދަހި ގުޅުންތަކާއި ވިޔަފާރީގެ ގުޅުންތަކަށް އިޝާރާތްކުރައްވާފައިވެއެވެ.

މީގެއިތުރުން، ވޭތުވެދިޔަ އަހަރުތަކުގައި ދެ ޤައުމުގެ މަތީ ފަންތީގެ މުޢާމަލާތްތައް އިތުރުވެފައިވާކަން ފާހަގަކުރައްވާ، މިއީ ދެ ޤައުމުގެ ސިޔާސީ ގުޅުންތައް ބަދަހިކުރުމަށް އެންމެ ބޮޑު ދައުރެއް އަދާކޮށްފައިވާ ކަމެއްކަމުގައި ވިދާޅުވެފައިވެއެވެ.

ދިވެހިރާއްޖެއާއި ސިންގަޕޫރާ ދެމެދު ސިޔާސީ ގުޅުން ޤާއިމްކޮށްފައިވަނީ 1975 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 20 ވަނަ ދުވަހުއެވެ.

މި މުނާސަބަތުގައި ރައީސް މުޢިއްޒު ވަނީ އެމަނިކުފާނުގެ "އެކްސް" އެކައުންޓުގައިވެސް ހެޔޮއެދުންތައް ހިއްސާކުރައްވާފައެވެ.